މާލޭގެ އަމީނީ މަގުގައި ތާރައެޅިބައި އަންނަ ހަފްތާގައި އާންމު ފަރާތްތަކަށް ހުޅުވާލާނެ ކަމުގައި ޕްލޭނިންގ މިނިސްޓްރީން ބުނެފިއެވެ.
ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކުރަމް ކަމާލުއްދީން ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ވިދާޅުވެފައިވަނީ، މިހާރު ކުރިޔަށް ދަނީ، ތާރަ އަޅާފައި އޮތްބައި ހުޅުވާލުމުގެ ކުރިން ކުރާންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކަމުގައެވެ. މީގެ ތެރޭގައި މަގުގެ ކައިރިފަށް ހަދާ އަދި ޓްރެފިކް ސައިންތައް ކުރެހުން ހިމެނޭ ކަމުގައިވެސް އޭނާ ވިދާޅުވެފައި ވެއެވެ.
އަމީނީ މަގުގެ 4 ސެގްމެންޓެއްގެ ތެރެއިން 3 ސެގްމެންޓެއްގައި މިހާރުވަނީ ތާރުއަޅާ ނިމިފައެވެ. މިގޮތުން ތާރައަޅާ ނިމިފައިވަނީ ހެންވޭރުކޮޅުން ފެށިގެން ސްޓެލްކޯއާއި ހަމައަށެވެ. އަދި 4 ވަނަ ސެގްމެންޓްގެ މަސައްކަތް ކުރިޔަށްދާއިރު، އާރުޑީސީން ބުނެފައިވަނީ މި ސެގްމަންޓުގެވެސް މައިގަޑު މަސައްކަތްތައް މިހާރު ނިމުމަކަށް އައިސްފައިވާކަމުގައެވެ.
އޭގެ އިތުރުން 5 ވަނަ ސެގްމެންޓުގެ މަސައްކަތް ފެށުމުގެ ތައްޔާރީތައްވެސް މިހާރުދަނީ ކުރެވެމުންނެވެ. މިސެގްމަންޓުގެ މަސައްކަތް ކުރިޔަށް ދާނީ އަމީނީ މަގާއި ކޮއިމަލާ ހިނގުމާއި ގުޅޭ ހިސާބުން ފެށިގެން ރެހެންދި ހިގުމާއި ހަމައަށެވެ.
މި ސެގްމަންޓުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ކޮއިމަލާ ހިނގު ބަންދުކޮށްގެން ކަމަށްވާތީ، އަދި އެއީ ބަސް ދަތުރުކުރާ ރޫޓަކަށް ވާތީ، ބަހުގެ އެ ރޫޓު އައިމިނާރަނި ހިގުމަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރިޔަށް ދާކަމަށްވެސް އާރުޑީސީއާއި ޕްލޭނިން މިނިސްޓްރީން ބުނެއެވެ. އަދި އައިމިނާރަނި ހިނގުމުގައި ހުރި އަޑިގުޑަންތައް ފިލުވުމުގެ މަސައްކަތް ކުރިޔަށްދާކަމަށްވެސް ބުނެފައި ވެއެވެ.
އަމީނީ މަގުގެ މަސައްކަތް އެންމެ ފުރަތަމަ އާރުޑީސީއާ ހަވާލުކޮށްފައިވަނީ 210 ދުވަސް ތެރޭ ނިންމާގޮތަށެވެ. 84 މިލިއަން ރުފިޔާގެ މި މަޝްރޫއު އެއްބަސްވުމާއި އެއްގޮތަށް ނިންމާނަމަ މި ފެބްރުއަރީ މަސް ތެރޭ ނިންމެން ޖެހެއެވެ. އެހެން ނަމަވެސް މި ޕްރޮޖެކްޓުގެ ބޮޑުބައި އަދިވެސް ވަނީ ނުނިމިއެވެ.
އަމީނީ މަގު ހަދަން ހަވާލުކުރި މަޝްރޫއަށް މީގެ ކުރިން ވަރަށް ބޮޑަށް ފާޑު ކިއުން އަމާޒުވެފައި ވެއެވެ. ހާއްސަކޮށް އެ މަޝްރޫއަށް 84 މިލިއަން ރުފިޔާ ހޭދަކުރުމާއި އެކު އެ މަގު ހަދަން ގަސްތައް ކެނޑުމުން ގިނަ ބައެއްގެ ނުރުހުން އަމާޒުވިއެވެ.
އެންމެފަހުން މަގުގައި ތާރުއެޅުމާހަމައަށް މަސައްކަތް ނިމިފައިވާ ސަރަޙައްދުގައި ތާރުއެޅުން ލަސްވާތީ އެމަސައްކަތް މިހާރު ކުރިޔަށްދަނީ އެމްޓީސީސީއާއި ހަވާލު ކޮށްގެންނެވެ.
ކޮމެންޓު ފޮނުވާ