ރާއްޖޭގެ މިއަދު ވެރިކަން ކުރަމުންދާ ފަރާތުން އަވަށްޓެރި އިންޑިޔާއާއި، އެމެރިކާއާއިއެކު ގޮތް ނޭގޭ އެތައް އެގްރިމަންޓެއް ހަދައި ޤައުމު ބޮޑު ނުރައްކަލަކަށް ވައްޓާލާފައިވާ ކަމުގައި ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިރޭ ހުޅުމާލޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވި ރައީސް ޞާލިހު ވެރިކަމަށް އައިފަހުން ރާއްޖެއިން އިންޑިޔާއާއިއެކު ހަދާފައިވާ އެގްރިމަންޓްތަކުގެ ތަފްސީލެއް ދިވެހި ރައްޔިތުންނަށް ނުދެއްވާކަމަށެވެ. ރައްޔިތުން ކިތަންމެ ވަރަަކަށް މި އެގްރިމަންޓްތަކުގެ ހަގީގަތް ހޯދުމަށް މަސައްކަތް ކުރި ކަމުގައި ވީނަމެސް އެކަން ކުރަން މިސަރުކާރުން ބޭނުން ނުވާކަމަށެވެ.
ޝިޔާމް ވިދާޅުވީ ދާދިފަހުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ހަގީގަތް ދިވެހި ރައްޔިތުންނަށް ނޭގޭ ކަމަށެވެ. އެމަނިކުފާނު މިޤައުމަށް ވަޑައިގެން ކުރެއްވި ކަމެއްކޮށްފައި ދިޔައިރުވެސް ވެފައިވާ އެއްބަސްވުމެއްވެސް، ކުރެއްވި ކަންކަމުގެ ހަގީގަތެއްވެސް ދިވެހި ރައްޔިތުންނަށް ނޭގޭކަމަށެވެ. މިއީ ރާއްޖެ މިނިވަން ދައުލަތެއްގެ ގޮތުގައިއޮވެ ރައްޔިތުންނަށް އޮތް ބޮޑު ނުރައްކަލެއްކަމަށް ޝިޔާމް ވިދާޅުވިއެވެ. އެމެރިކާއިން ދުނިޔޭގެ ބާރުވެރިކަމަށް ކުރަމުންދާ ހަގުރާމާގައި ރާއްޖެއިން އޭގެ ތެރެއަށް ވަދެ ޤައުމު މިނިވަންކަން ނަގާލެވޭ ގޮތަށް އަމަލު ކުރުމަކީ ހިތާމަ ހުރިކަމެއްކަމަށް ޝިޔާމް ވިދާޅުވިއެވެ،
އަޑި ނޭގޭ އެތަކެއް އެގްރިމަންޓެއް ސަރުކާރުން ހަދާފައިވާއިރު، މިކަންކަމުގެ ހަގީގަތަކީ ޤައުމުގެ މިނިވަންކަމާއި ސިޔާދަތާއި ގުޅިފައިވާ ނުރައްކާތެރި ކަންތައްތަކެއްކަމަށް ޝިޔާމް ވިދާޅުވިއެވެ. މިއަދު އިންޑިޔާއަށް ރާއްޖޭގެ ރައްޔިތުން ހެލިފެލިވެ އުޅޭ ގޮތާއި، ވަކިވަކި ދިވެހި ފަރުދުންގެ އާންމު ދިރިއުޅުމުގެ މައުލޫމާގު ލިބޭ މިންވަރަށް އިންޑިޔާއަށް ބާރު ދީފައިވާކަމީ ކަންބޮޑުވާ ކަމެއްކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ މިއަދު ރާއްޖޭގެ މާލީ ނިޒާމު ފުޑުފުޑުކޮށް ޤައުމު ނިކަމެތިކޮށް މިސަރުކާރުން ރައްޔިތުން ބިކަ ކޮށްފައިވާކަމަށެވެ. މިިކަންކަން ބަދަލުކޮށް ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރެވޭނީ ކައުންސިލް އިންތިޚާބް އިދިކޮޅު ކޯލިޝަނަށް ކާމިޔާބް ވެގެންކަމަށް ޝިޔާމް ވިދާޅުވިއެއެވެ.
ކޮމެންޓު ފޮނުވާ