ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ރައީސްކަމުގެ ހުވާކުރައްވާފައި ވާތީ ރައީސުލްޖުމްހޫރިއްޔާ އާއި މެދު ސުވާލު އުފެދިފައިވާ ކަމަށް ބުނެ، އިދިކޮޅު ޕީޕީއެމުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަލައިފިއެވެ.
މި މައްސަލައަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ސިންގަޕޫރުގައި ކުރެއްވި ތައިރޮއިޑް އޮޕަރޭޝަނަކަށް އެމަނިކުފާނު ހޭނައްތަންޖެހުމާ ގުޅިގެން ވަގުތީ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ ހަވާލުވެވަޑައިގަތުމަށް ނައިބުރައީސް ފައިސަލް ނަސީމް ހުވައިކުރެއްވުމާ ގުޅިގެން އިދިކޮޅުން ހުށަހެޅި މައްސަލައެކެވެ.
ނައިބު ރައީސް ފައިސަލް ނަސީމަށް ރައީސުލްޖުމްހޫރިއްޔާކަމުގެ މަސްއޫލިއްޔަތު ވަގުތީގޮތުން ހަވާލުކުރެވުނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އޮޕަރޭޝަނެއް ކުރުމަށްޓަކައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ.
ހޭނައްތައިގެން ކުރަން ޖެހޭ އޮޕަރޭޝަނަކަށް ވާތީ، އެވަގުތުކޮޅުގައި މަގާމްގެ މަސްއޫލިއްޔަތު ނައިބު ރައީސް ފައިސަލް އާއި ހަވާލުކުރެއްވުމާއި އެކު ފައިސަލް ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވިއެވެ. ނަމަވެސް ބައެއް ގާނޫނީ ވަކީލުން ވިދާޅުވާ ގޮތުގައި ނައިބު ރައީސް، ވަގުތީ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ޒިންމާތަކާއި ހަވާލުވާއިރު ރައީސުލްޖުމްހޫރިއްޔާގެ ހުވާ ކުރައްވާކަށް ނުޖެހޭނެއެވެ. ރައީސްކަމުގެ މަސްއޫލިއްޔަތުތައް ފައިސަލްއާ ހަވާލުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކުރިފުޅު މަތީގައިއެވެ. ހުވާ ލައި ދެއްވީ އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާންއެވެ.
އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން އިދިކޮޅު އިއްތިހާދުގެ ޤާނޫނީ ވަކީލުން ވިދާޅުވެފައިވަނީ އެ މައްސަލަ ހުށަހަޅާފައިވަނީ ސުޕްރީމް ކޯޓަށް އަސްލީ އިޚުތިޞާޞް ލިބިގެންވާ ދުސްތޫރީ މައްސަލަތަކުގެ ހުރިހާ ސިފައެއް ފުރިހަމަވާ ގޮތަށް ޤާނޫނީ ހުއްޖަތު ޤާއިމުކުރުމަށް ފަހުގައި ކަމަށެވެ.
ނައިބުރައީސަކީ ރައީސުލްޖުމްހޫރިއްޔާއަށް ވަގުތީ ގޮތުން މަޤާމުގެ މަސްއޫލިއްޔަތު އަދާނުކުރެއްވޭ ހާލަތުގައި އެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމަށް ހުވައިކުރައްވައިގެން ހުންނެވި ބޭފުޅަކަށްވާތީ ނައިބުރައީސް އެފަދަ ހާލަތުގައި ވަކި ހުވައެއް ކުރައްވަން ޖެހިވަޑައިނުގަންނަވާނެ ކަމަށްވެސް އިދިކޮޅުގެ ވަކީލުން ވިދާޅުވެއެވެ.
ގާނޫނުއަސާސީގެ 123 ވަނަ މާއްދާގެ (ހ) ގައި ވަނީ ރައީސުލްޖުމްހޫރިއްޔާ އަށް އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ވަގުތީގޮތުން އުޒުރުވެރިވެއްޖެ ކަމަށް ގަބޫލުކުރެވިއްޖެނަމަ، ސަބަބު ބަޔާންކޮށް އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގުމަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހަވާލުކުރާންވާނެ ކަމަށެވެ.