ޖުމުހުރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމްގެ ސިޔާސީ ތަޖުރިބާގެ ބޭނުން މިއަދު ކުރާން ކުރާންޖެހިފައި ވާކަމުގައި، ޖުމުހޫރީ ޕާޓީ (ޖޭޕީ)ގެ ކުރީގެ ޑެޕިއުޓީ ލީޑަރު އަދި މި ސަރުކާރުގެ ކުރީގެ ހެލްތު މިނިސްޓަރު އަބުދުﷲ އަމީން ވިދާޅު ވެއްޖެއެވެ.
ފާއިތުވި ހަފްތާ ބަންދުގައި ބޭއްވުނު ޖުމުހޫރީ ޕާޓީގެ ގައުމީ ޖަލްސާގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ، ޖޭޕީގެ ސިޔާސީ ތަޖުރިބާގެ ބޭނުން ކުރަންޖެހޭ ސަބަބަކީ ރާއްޖެ ޑިމޮކްރަސީއަށް ކުރި ދަތުރުގައި، ފާއިތުވެދިޔަ 15 ވަރަކަށް އަހަރު ތެރޭގައި ޑިމޮކްރަސީގެ އެންމެ ރިވެތި ނަމޫނާ ދެއްކެވި ބޭފުޅަކީ ގާސިމް އިބުރާހިމް ކަމަށްވާތީ ކަމުގައެވެ.
މިޖަލްސާގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ އެހެން ބައެއް ސިޔާސީ ބޭބޭފުޅުންނަކީ ކާމިޔާބު ނުވުމުން އިންތިޚާބުވެސް ކަމުނުދާ، އަމިއްލަ މަގާމް ކަށަވަރު ނުވުމުން ޕާޓީވެސް ކަމުނުދާ، ތިމާ ގަބޫލުކުރާ މިހާ ނޫން މީހާ ކުށެއް ކޮށްފިއްޔާ އެމީހާވަރުގެ ނުބައި މީހަކުވެސް ނުހުންނަކަމަށް ގަބޫކުރާ ސިޔާސީ ލީޑަރުން ކަމަށާއި، މިއީ ބަދަލު ކުރަންޖެހޭ ހާލަތެއް ކަމަށެވެ.
އެހެން ސިޔާސީ ބޭބޭފުޅުން، ފެނިވަަޑައިގަންނަވާނެ، އަޅުގަޑަށް ކާމިޔާބު ނުވެއްޖެއްޔާ އިންތިޚާބުވެސް ކަމަކު ނުދޭ. އަޅުގަޑަށް މަގާމު ނުލިބިއްޖެއްޔާ ޕާޓީވެސް ކަމަކު ނުދޭ. އަޅުގަޑު ގަބޫލުކުރާ މީހެއް ނޫން މީހާ، ކުށެއް ކޮށްފިއްޔާ އެމީހާވަރުގެ ނުބައި މީހެއްވެސް ނެތް. އެހެންވީމަ މިހާލަތު، މިއީ އަޅުގަޑުމެންގެ ކުރިމަތިން ފެނިގެން، ތަމްސީލުވެގެން ގޮސްފަ ހުރި ކަންކަން.
ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ، ޑިމޮކްރަސީގައި ރާއްޖެ ކުރި ދަތުރުގައި، ޖަލަށް ވަޑައިގަންނަވަން ޖެހުނު ކަމުގައިވިނަމަވެސް، އިންތިޚާބެއް ނާކާމިޔާބު ވުމަށްފަހު، އެ ނާކާމިޔާބީ އެންމެ ރީތި ގޮތުގައި ގަބޫލުކުރުން ކަމުގައިވި ނަމަވެސް، ކޯލިޝަން ހެދުމަށްފަހު ކޯލިޝަންގެ "ހިތިކަންވެސް މީރުކަންވެސް، ފޮނިކަންވެސް"، ހުރިހާގޮތަކުންވެސް ތަޖުރިބާ ކުރައްވާފަ ހުންނެވި ބޭފުޅަކީ ގާސިމް އިބުރާހިމް ކަމުގައެވެ.
އެހެކަމުން، ރާއްޖޭގެ ހުރިހާ ލީޑަރުންވެސް ގާސިމްގެ ސިޔާސީ ތަޖުރިބާގެ ބޭނުން ހެޔޮގޮތުގައި ހިތްޕަވަން ޖެހޭކަމަށާއި، އެ ތަޖުރިބާގެ ބޭނުން ރަގަޅުގޮތުގައި ހިފިއްޖެނަމަ، އެލީޑަރުން ގައުމަށްޓަކާ ކުރައްވާ އުއްމީދުތަކުންވެސް ގައުމަށް ކުރާނެ މަންފާ ވަރަށް ބޮޑުވާނެކަމުގައިވެސް އަމީން ވިދާޅުވިއެވެ.