ނަޝީދާ ނުލައި އެމްޑީޕީ ދެމިއެއް ނޯންނާނެ: ގާސިމް

ނަޝީދާ ނުލައި އެމްޑީޕީ ދެމިއެއް ނޯންނާނެ: ގާސިމް

Author
ހުސެއިން
27 ފެބްރުއަރީ 2023 06:29
0

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ ނުލައި އެ ޕާޓީ ދެމިއޮންނާނެ ކަމަށް ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރޭ ބޭއްވުނު، ޖުމުހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސް 2023 ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ނަޝީދުވެސް ބައިވެރިވެވަޑައިގެންނެވި މިޖަލްސާގައި ނަޝީދަށް ތައުރީފް ކުރައްވަމުން ގާސިމްވަނީ ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނުގެ ވިޔަފާރިއަށް ފަހިވެގެންދިޔަ ބައެއް ކަންކަމުގެ ބައެއް ތަފްސީލުތަކަށްވެސް ވަޑައިގެންފައެވެ.

މީގެ ތެރޭގައި ގާސިމް އެންމެ ބޮޑަށް ފާހަގަ ކުރެއްވީ ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން ވިލާކޮލެޖް ފެއްޓެވުމަށް ނަޝީދުގެ ސަރުކާރުގައި ހުއްދަ ދެއްވި ދެއްވުމެވެ. އެހެންނަމަވެސް، އޭރު އެ ކޮލެޖް ހިންގުމުގެ ހުއްދަ 35 އަހަރަށް ދެއްވި ނަމަވެސް، އަދި ޑިގްރީން ފެށިގެން ޕީއެޗްޑީއާއި ހަމައަށް އެ ކޮލެޖްގައި ކިޔަވައިދެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދެވި ނަމަވެސް ވާ އެއްކަމެއްވެސް ނެތް ކަމުގައި ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވި ގޮތުގައި މިސަރުކާރުން އެ ކޮލެޖް ހިންގުމަށް އެއްބާރުލުން ނުދޭ ތާނަގަ، ކޮލެޖްގެ މުއްދަތު އިތުރު ކުރުމަށްވެސް ރައީސް ސާލިހުގެ ސަރުކާރުން އެއްބާރުން ދެމުންނެއް ނުދެއެވެ.

މުއްދަތު ވެސް އިތުރެއް ނުވި. ކަމެއް ކުރެވޭނެ ގޮތެއް ވެސް ނެތް. އިތުރަށް ހިނގައި ގަނެވޭނެ ގޮތެއް ވެސް ނެތިފައި މި ތިބީ. މަނިކުފާނު އަޅުއްވައި ދެއްވި ބިންގަލަށްޓަކައި މަނިކުފާނަށް ވަރަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން.

ވިލާ ކޮލެޖަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށް ދެމުން ނުދާކަން ފާހަގަ ކުރައްވަމުން، އެހެންނަމަވެސް އެ ކޮލެޖް ފެށިގެން ދިޔައީ ނަޝީދުގެ އެހީތެރިކަމާއެކުކަން ފާހަގަ ކުރައްވާ ގާސިމް ވިދާޅުވިއެވެ.

ގާސިމްގެ އެންމެ ބޮޑު ނުރުހުމެއް ފާޅު ކުރެއްވީ، އެކޮލެޖް ޔުނިވަރސިޓީއަކަށް ބަދަލު ކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި ސަރުކާރުގެ އެއްބާރުލުން ލިބެމުން ނުދާ މައްސަލާގައެވެ.

އަދި ހަމަ އެބީދައިން، ރޭގެ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި މަންދު ކޮލެޖްގެ ޗެއަރމަން، އަދި އެމްޑީޕީގެ އެންމެ ފުރަތަމަ ރައީސް އިބުރާހިމް އިސްމާއިލަށްވެސް މިވެރިކަމުގައި އެފަދަ ގޮންޖެހުންތައް ކުރިމަތިވަމުންދާކަމަށް ވިދާޅުވެ ގާސިމް އިބުރާހމް ވިދާޅުވީ އިބްރާހިމް އިސްމާއިލަށް ކުރިމަތިވެފައިވާ ކަންތައްތަކާ މެދު ވަރަށް ދެރަވެ އަދި އަސަރު ކުރާ ކަމަށާއި، ތައުލީމީ ދާއިރާއަށްޓަކައި ބަޔަކު ގުރުބާން ވަނީ މާދަމާގެ މުސްތަގުބަލަށްޓަކައި ކަމުގައެވެ.

އެ ކަމަށްޓަކައި ދިވެހި ސަރުކާރުން ސަޕޯޓް ނުދެވޭ ކަމަށް ވަންޏާ ކީކޭތޯ އަޅުގަނޑު ދަންނަވާނީ؟ އަޅުގަނޑު މި މަސައްކަތް ހުއްޓާލަންވީތޯ؟ ކިހިނެއްތޯ އަޅުގަނޑު މި މަސައްކަތް ހުއްޓާލާނީ؟ މީހުންގެ ހައްގުތައް އަތުން ބީވެގެން ދާއިރުގައި ސަރުކާރަށް ޑިސިޝަން ނުނެގޭ ކަަމަށް ވަންޏާ އެ ކަންކަން ފުއްދައި ނުދެވޭ ކަމަށް ވަންޏާ އެ ކޯޓުން މި ކޯޓުން އައްތަވަޅިން ގާ ނަގާހެން މިއީ ކުރަން ޖެހޭ ކަމެއްތޯ!

ސަރުކާރުން ނިންމާންޖެހޭ ކަންކަން ނުނިންމި ދިއުމުން، ބައެއް ފަރާތްތަކުން ހައްގުތައް ގެއްލިގެންދާކަން ފާހަގަ ކުރައްވާ، އަދި އެކަމުގެ ނުރުހުން ސަރުކާރަށް އަމާޒު ކުރައްވަމުން ގާސިމް ވިދާޅުވިއެވެ.

ނޯ. އަޅުގަނޑު ގަބޫލުކުރާ ކަމެއް ނޫން. ސަރުކާރަށް ސާބިތުވާ ކަމަށް ވަންޏާ ރަނގަޅަށް ބަލާފައި އެ ކަން ނިންމުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށާއި ގާނޫނުގައި ދީފައި ވާނެ. އެހެންވީމާ ކެރިގެން ޑިޓާމިނޭޝަނާއެކު މަސައްކަތް ކުރުމުގެ ގޮތް ބާވަތް ކޮންމެ ވެރިކަމެއްގައި ވެސް ހުންނަން ޖެހޭނެ.

ނަޝީދަށް އެންމެ ބޮޑަށް ތާއީދު ކުރައްވަނީ، ކަންކަން ނިންމުމުގެ "ކެރުންތެރިކަމާއި ހިތްވަރު" (ޑިޓާރމިނޭޝަން) ހުންނާތީކަން ފާހަގަ ކުރައްވަމުން ގާސިމް ވިދާޅުވެފައި ވެއެވެ. ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ނަޝީދުގެ ކިބައިގައި ހުރި އެންމެ ތާއީދުކުރާ އެއް ސިފައަކީވެސް އެއީ ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.