ރާއްޖޭގެ ސިޔާސީ އެހެން ޕާޓީތަކުން ކުރާކަމަކީ ރައްޔިތުންގެ މެދުގައި ފިތުނަ އުފައްދައިގެން، އެއްބަޔަކު އަނެއްބަޔަކާއި ޖައްސައިގެން ކުރިއެރުން ހޯދުން ކަމަށާއި އެކަހަލަ ކަންތައްތައް މޯލްޑިވްސް ރިފޯމް މޫވްމަންޓުން ކުރަން ބޭނުންނުވާ ކަމަށް އެ ޕާޓީގެ ރައީސް އަހުމަދު ފާރިސް މައުމޫނު ވިދާޅުވެއްޖެއެވެ.
އެމްއާރުއެމްއިން ރޭ ރާނބާ ރެސްޓޯރަންޓްގައި ބޭއްވި ބައްދަލުވުމެއްގައި ފާރިސް ވިދާޅުވީ އެމްއާރުއެމްގެ މެމްބަރުން ނޫން މީހުންގެ ހައްގުތަކެއް ވެސް ހުންނާނެ ކަމަށާއި އެމްއާރުއެމަކީ ހުރިހާ ދިވެހިންގެ މަސްލަހަތު ދަމަހައްޓާނެ ޕާޓީއެއް ކަމަށެވެ. އަދި އަބަދުވެސް ދައްކަނީ ޕާޓީގެ އެޖެންޑާއެއް ނިންމުމުގެ ވާހަކަ ނުވަތަ ރައްޔިތުންގެ ތެރެއިން ބަޔަކަށް ވަޒީފާދިން ވާހަކަ ކަމަށް ފާރިޝް ވިދާޅުވިއެވެ.
އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ ޕާޓީ އަށް ސޮއިކުރީމައޭ ކިޔާފައި ވަކި ވަޒީފާ އަކަށް ފޮނުވާނެ ބައެއް ނޫން. ސޮއި ނުކޮށްފިއްޔާ މި ފުރުސަތެއް ހޯދައެއް ނުދޭނަމޭ. އެހެން ބުނާނެ ބައެއް ނޫން އަޅުގަނޑުމެންނަކީ.
– ފާރިސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވިގޮތުގައި އެކި ޕާޓީތަކުން އަބަދު ވެސް ދައްކަނީ އެ ޕާޓީގެ މީހުންނަށް ވަޒީފާ ހޯދައިދޭ ނުވަތަ ވަކި ކަމެއް ކޮށްދޭ ވާހަކަ ކަމަށެވެ. ގެންގުޅެނީ ވަކި އެޖެންޑާއެއް ކަމަށާއި ސިޔާސީ ޕާޓީތަކުގެ ވައުދަކީ އެއީ ކަމަށް ހީވިޔަސް އެއީ ހަގީގަތެއް ނޫން ކަމަށް ފާރިސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އިތުރު ހުށަހެޅުންތަކެއް ހުށަހަޅައިގެން ނުވަތަ ޕާޓީއަށް ވަދެއްޖިއްޔާ ވަކި ގޮތްތަކެއް ވާނޭ ކަމަށް ކިޔައިގެން މީހުން އިތުރުކުރާކަށް އެމްއާރުއެމުން ބޭނުން ނުވާ ކަމަށެވެ.
އެހެން ޕާޓީތަކުން ވާދަކުރަން ނިންމައި މި ޕާޓީއަކީ 20 ހާސް މީހުންނޭ 30 ހާސް މީހުންނޭ ތިމަންނަމެން ޕާޓީ މީހުންނަށޭ ވަޒީފާދޭނީ ތިމަންނަމެން ޕާޓީ މީހުން ބުނާ އެއްޗެއް އެކަންޏޭ އަޑުއަހާނީ މިހެންކިޔައިގެންނެއް ދިވެހި ގައުމު ތަރައްގީއެއް ނުކުރެވޭނެ. ސާފުކޮށްދަންނަވާނަމަ މިއީ ރައްޔިތުންގެ މެދުގައި ފިތުނަ އުފައްދައިގެން އެއްބަޔަކު އަނެއްބަޔަކާ ޖައްސައިގެން ކުރިއެރުން ހޯދުން. އެކަންކުރާކަށް ނެތިން އަޅުގަނޑުމެންނެއް.
– ފާރިސް ވިދާޅުވިއެވެ.
ފާރިސް ވިދާޅުވީ އެމްއާރްއެމްގެ މެންބަރުންވެސް އަދި މެންބަރުންގެ ގޮތުގައި ނެތް ރައްޔިތުންގެވެސް ހައްގުތަކެއް އޮންނާނެ ކަމަށާއި އެހުރިހާ މެންބަރުންގެ މަސްލަހަތު އެމްއާރްއެމުން ދަމަހައްޓާނެ ކަމަށެވެ. ހުރިހާ ރައްޔިތުންނަށް ހަމަހަމަ ކަމާއިއެކު އިންސާފުވެރި އުސޫލަކުން ކަންކަން ކޮށްދެވޭނެ ސިޔާސީ ޕާޓީއެއް މިހިނދަށް މިގައުމަށް ބޭނުންވާކަން ފާރިސް ފާހަގަކުރެއްވިއެވެ.
އަދި ރާއްޖޭގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ މިފަދަ ޕާޓީއެއް ނުފެންނާތީ އެމްއާރްއެމުން މަސައްކަތްކުރަނީ މިފަދަ ޕާޓީއަކަށް ވުމަށްކަމަށްވެސް ފާރިސް ވިދާޅުވިއެވެ.