މިމަހުގެ 27 އިން 28 ގެ ނިޔަލަށް، ސްރީލަންކާގެ ކޮލޮމްބޯގައި ބޭއްވުމަށް ހަމަޖެހިފައިވާ 4 ވަނަ "އެން.އެސް.އޭ ލެވަލް މީޓީންގ އޮން ޓްރައިލޭޓަރަލް މެރިޓައިމް ސެކިއުރިޓީ ކޯޕަރޭޝަން" ގައި، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ބައިވެރިވެވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ.
މިއީ ސްރީލަންކާގެ ސެކްރެޓަރީ އޮފް ޑިފެންސްގެ ރަސްމީ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. 6 އަހަރުގެ މެދުކެނޑުމަކަށްފަހު ބާއްވާ މި ބައްދަލުވުމުގައި، އިންޑިޔާ ކަނޑުގެ ސަރަޙައްދަށް ސަލާމަތީގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭގޮތުން، ދިވެހިރާއްޖޭގެ އިތުރުން، އަވަށްޓެރި އިންޑިޔާއާއި ސްރީލަންކާގެ އެންމެ މަތީ ފަންތީގެ ސެކިއުރިޓީ އެޑްވައިޒަރުން މަޝްވަރާކުރައްވާނެއެވެ. މިބައްދަލުވުމުގެ އޮބްޒަރވަރުންގެ ތެރޭގައި އަވަށްޓެރި ބަންގްލަދޭޝް، މޮރިޝަސް އަދި ސީޝެލްސް ހިމެނެއެވެ.
މިނިސްޓަރ މާރިޔާ ވަނީ މިސަރަހައްދުގެ ސިފައިންގެ އިދާރާތަކާއި އޮންނަ ގުޅުން ހަރުދަނާކުރުމަށް، އަވަށްޓެރި އިންޑިޔާއާއި، ސްރީލަންކާއި، ބަންގްލަދޭޝްފަދަ ޤައުމުތަކާއި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އަދި ސަރަހައްދީ ފެންވަރުގައި އަސްކަރީގޮތުން ގުޅުން އިތުރަށް ޤާއިމްކުރުމާއި ގުޅޭ ގޮތުންވެސް އެކަމަނާ ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
ކޮމެންޓު ފޮނުވާ