އެމްޑީއޭގެ ނިންމުމަށް އެމްޑީޕީން މަރުހަބާ ކިޔައިފި

އެމްޑީއޭގެ ނިންމުމަށް އެމްޑީޕީން މަރުހަބާ ކިޔައިފި

Author
ހުސެއިން
24 ފެބްރުއަރީ 2023 10:15
0

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާއި ކޯލިޝަނެއްގެ ތެރެއިން މަސައްކަތް ކުރުމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން މިއަދު ނިންމުމާއި ގުޅިގެން، އެމްޑީޕީން މަރުހަބާ ދަންނަވައިފިއެވެ.

އެމްޑީއޭގެ ނިންމުމަށް މަރުހަބާ ދެންނެވުމުގެ ގޮތުން، އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއާ އެކު ކޯލިޝަން ހެދުމުގެ މަޝްވަރާއަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ދެއްވި ދައުވަތު ގަބޫލުކުރައްވައި ވެރިކަމުގެ ދެވަނަ ދައުރެއް އެމްޑީޕީއަށް ކާމިޔާބުކޮށްދިނުމަށްޓަކައި މަސައްކަތްކޮށްދިނުމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްއިން ނިންމި ނިންމުމަށް އެ ޕާޓީގެ ފަރާތުން މަރުހަބާ ދަންނަވާ ކަމުގައެވެ.

އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްގެ މި ނިންމުމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ވެރިކަމުގެ މި ހިނގާ ދައުރުގައި ގައުމަށް ގެނެސްދެއްވި ހަމަޖެހުން ދެމިއޮވެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަން އައިސްފައިވަނީ އިއްތިހާދުގެ ސަރުކާރަކުން ކަމަށް ގަބޫލުކުރާތީ ގައުމާއި ރައްޔުތުންގެ ހައްގުގައި އެމްޑިއޭއިން ނިންމި ނިންމުމެއް ކަމުގައި އެމްޑީޕީން ދެކޭކަމަށްވެސް ބަޔާނުގައި ބުނެގައި ވެއެވެ.

އެމްޑީޕީއާއިއެކު ކޯލިޝަން ހަދަން ނިންމާފައިވާކަން އެމްޑީއޭއިން ހާމަކުރީ މިއަދު ބޭއްވި އެޕާޓީގެ ކައުންސިލް ބައްދަލު ވުމަށްފަހުއެވެ. އެކަމާ ބެހޭ ގޮތުން ގައުމީ މަޖިލީހުގައި ނެގި ވޯޓުގައި ބައިވެރިވީ 36 މެމްބަރުންނެވެ. އޭގެ ތެރެއިން، ރައީސް ޞާލިޙަށް ތާއިދު ކުރަން 34 މެމްބަރުން ވޯޓު ދެއްވި އިރު އެކަމާ ދެކޮޅަށް ވޯޓު ދެއްވީ ދެ މެމްބަރުންނެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙާއެކު ކޯލިޝަން ހެދުމަށް އެމަނިކުފާނު ދެއްވާފައިވާ ދައުވަތު މިހާތަނަށް ގަބޫލުކޮށްފައިވަނީ އެމްޑީއޭ އާއި އަދާލަތު ޕާޓީންނެވެ. ރިޔާސީ އިންތިޚާބުގައި ވާދަކުރުމާމެދު ޖުމްހޫރީ ޕާޓީން އަދި ވަކިގޮތެއް ނިންމާފައިނުވާއިރު، ޖޭޕީން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށާއި، އެހެން ނޫންކަމުގައި ވަނީ ނަމަ އެޕާޓީ އިސްވެ އޮވެ ކޯލިޝަނެއްގެ ތެރެއިން ވާދަކުރުމަށް މާދަމާ އޮންނަ އެ ޕާޓީގެ ގައުމީ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައެވެ.

އެމްޑީޕީއާ އެކު ކޯލިޝަން ހެދުމުގެ ކުރިން އެމްޑީއޭއިން ވަނީ އިދިކޮޅު ޕީޕީއެމް، ޕީއެންސީ އާއެކު ވެސް މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.