ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާއި ކޯލިޝަނެއްގެ ތެރެއިން މަސައްކަތް ކުރުމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ނިންމައިފިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކެނޑިޑޭޓަކު ނުނެރުމަށް ނިންމައި، އެމްޑީއޭއިން ވަނީ ކޯލިޝަނެއްގެ ތެރެއިން އިންތިޚާބުގައި މަސައްކަތް ކުރުމަށް ނިންމާފައެވެ. މިއާއިއެކު އެޕާޓީން ވަނީ ކޯލިޝަން ހެދުމަށް ޝައުގުވެރިކަން ފާޅު ކުރެއްވި ޕާޓީތަކާއިއެކު މަޝްވަރާތައް ކުރިއަށް ގެންދިއުމަށްވެސް ނިންމާފައެވެ. މިބައްދަލުވުންތަކުގެ ތެރެއިން އިދިކޮޅު ޕީޕީއެމްއާއި، އެމްޑީޕީއާއި އެޕާޓީން ވަނީ ބައްދަލު ކޮށްފައެވެ.
އެމްޑީޕީއާއިއެކު ކޯލިޝަން ހަދަން ނިންމާފައިވާކަން ހާމަކުރީ މިއަދު ބޭއްވި އެމްޑީއޭގެ ކައުންސިލް ބައްދަލު ވުމަށްފަހުއެވެ. އެކަމާ ބެހޭ ގޮތުން ގައުމީ މަޖިލީހުގައި ނެގި ވޯޓުގައި ބައިވެރިވީ 36 މެމްބަރުންނެވެ. އޭގެ ތެރެއިން، ރައީސް ޞާލިޙަށް ތާއިދު ކުރަން 34 މެމްބަރުން ވޯޓު ދެއްވި އިރު އެކަމާ ދެކޮޅަށް ވޯޓު ދެއްވީ ދެ މެމްބަރުންނެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙާއެކު ކޯލިޝަން ހެދުމަށް އެމަނިކުފާނު ދެއްވާފައިވާ ދައުވަތު މިހާތަނަށް ގަބޫލުކޮށްފައިވަނީ އެމްޑީއޭ އާއި އަދާލަތު ޕާޓީންނެވެ. ރިޔާސީ އިންތިޚާބުގައި ވާދަކުރުމާމެދު ޖުމްހޫރީ ޕާޓީން އަދި ވަކިގޮތެއް ނިންމާފައިނުވާއިރު، ޖޭޕީން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށާއި، އެހެން ނޫންކަމުގައި ވަނީ ނަމަ އެޕާޓީ އިސްވެ އޮވެ ކޯލިޝަނެއްގެ ތެރެއިން ވާދަކުރުމަށް މާދަމާ އޮންނަ އެ ޕާޓީގެ ގައުމީ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައެވެ.
އެމްޑީޕީއާ އެކު ކޯލިޝަން ހެދުމުގެ ކުރިން އެމްޑީއޭއިން ވަނީ އިދިކޮޅު ޕީޕީއެމް، ޕީއެންސީ އާއެކު ވެސް މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ.
ކޮމެންޓު ފޮނުވާ