ޖޭޕީގެ ކޮންގްރެސްއަށް ނާއިބު ރައީސަށް ރަސްމީ ދައުވަތެއް ނުފޮނުވާ!

ޖޭޕީގެ ކޮންގްރެސްއަށް ނާއިބު ރައީސަށް ރަސްމީ ދައުވަތެއް ނުފޮނުވާ!

ގުޅުންހުރި

މިހާރު ކުރިޔަށްދާ ޖުމުހޫރީ ޕާޓީގެ ގައުމީ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތަށް، އެޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި، ނާއިބު ރައީސް ފައިސަލް ނަސީމަށް ރަސްމީ ދައުވަތު ނުފޮނުވާކަމަށް ޚަބަރު އޮންލައިނަށް މައުލޫމާތު ލިބިއްޖެއެވެ.

މައުލޫމާތު އެނގިހުރި ފަރާތަކުން ޚަބަރު އޮންލައިނަށް މައުލޫމާތު ދިން ގޮތުގައި، ޖުމުހޫރީ ޕާޓީގެ ފަރާތުން ނާއިބު ރައީސް ފައިސަލް ނަސީމަށް ގުޅުއްވާ، ކޮންގްރެސްއަށް ވަޑައިގެންނެވޭތޯ މައުލޫމާތު ސާފު ކުރައްވާފައި ވެއެވެ. އެހެންނަމަވެސް، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން އިންޑިއާގެ ސަފީރުވެސް ބައިވެރިވެ ވަޑައިގެންނެވި، ޖޭޕީގެ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތަށް ނާއިބު ރައީސް ފައިސަލް ނަސީމަށް އެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމުގެ ރަސްމީ ދައުވަތު އަރުވާފައި ނުވާކަމަށް ޚަބަރު އޮންލައިނަށް މައުލޫމާތު ދިން ފަރާތުން ކިޔައި ދީފައި ވެއެވެ.

ޖުމްހޫރީ ޕާޓީގެ ޤައުމީ ޖަލްސާ ރަސްމީކޮށް މިއަދު މެދުރުފަހު ފެށިގެން ދިޔައިރ، މިޖަލްސާގައި، ޖުމްހޫރީ ޕާޓީގެ ސްލޮޓްގައި ނައިބް ރައީސް ކަމުގެ މަޤާމު ފުރުއްވަމުންދާ ފައިސަލް ނަސީމް ބައިވެރިވެ ވަޑައި ނުގަތުމުން ގިނަބަޔަކު ދަނީ އެކަން ފާހަގަ ކުރަމުންނެވެ.

މިޖަލްސާގައި ނައިބް ރައީސް ބައިވެރިވެ ވަޑައި ނުގަންނަވާއިރު، ވަރަށް ފަހުން އެމަނިކުފާނު ވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހަށް ތާއީދު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. އެހެންނަމަވެސް، ނާއިބު ރައީސް ފައިސަލް ނަސީމު ނިސްބަތްވާ ޖުމުހޫރީ ޕާޓީން ބުނެފައިވަނީ، އެޕާޓީން ރިޔާސީ އިންތިޚާބާއި ގުޅޭގޮތުން ނިންމުމެއް ނިންމާނީ ކުރިޔަށްދާ ކޮންގްރެސްއަށްފަހުގައި ކަމުގައެވެ.

ފައިސަލް ނަސީމު ނާއިބު ރައީސްކަމަށް ވަޑައިގެންނެވީ ޖޭޕީގެ ސްލޮޓުގައި ކަމަށްވި ނަމަވެސް، މަގާމާއި ހަވާލުވެ ވަޑައިގެންނެވި ފަހުން ޕާޓީގެ ހަރަކާތްތަކުން ފެނިގެން ގޮސްފައެއް ނުވެއެވެ.

މިހާރު ކުރިޔަށްދާ ޖެޕީގެ ގައުމީ ކޮންފަރެންސްގައި އެޕާޓީގެ އެތެރޭގެ އިންތިޚާބުތަކުގެ އިތުރުން، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ގުޅޭ ނިމުންތައް ނިންމާނެއެވެ. ޖޭޕީގެ ގައުމީ ކޮންފަރެންސްގައި އެ ޕާޓީގެ ލީޑަރު، ޕާޓީގެ ޑެޕިއުޓީ ލީޑަރުން، ޒުވާނުންގެ ލީގުގެ ރައީސް، ޒުވާނުންގެ ލީގުގެ ނައިބު ރައީސް، ޒުވާނުންގެ ލީގުގެ ސެކްރެޓަރީ، ޒުވާނުންގެ ލީގުގެ މެމްބަރުން، އަންހެނުންގެ ލީގުގެ ރައީސް، އަންހެނުންގެ ލީގުގެ ނައިބު ރައީސް، އަންހެނުންގެ ލީގުގެ ސެކްރެޓަރީގެ އިތުރުން އަންހެނުންގެ ލީގުގެ މެމްބަރުން، އަދި ގައުމީ ކޮންފަރެންސްއިން އިންތިހާބުކުރާ 25 މެމްބަރުން އިންތިޚާބު ކުރުމަށްވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، އަސާސީ ގަވާއިދަށް ގެންނަން ޕާޓީގެ ކައުންސިލުން އެންޑޯޒްކޮށްފައިވާ އިސްލާހުތަކަށް ބަހުސްކޮށް ގޮތެއް ނިންމުންވެސް މި ކޮންގްރެސްގައި އޮންނާނެއެވެ. އަދި އަސާސީ ގަވާއިދުގެ ދަށުން ޕާޓީގެ ލީޑަރު އަޔަންކުރައްވަންޖެހޭ މަގާމުތަކަށް ބޭފުޅުން އައްޔަންކުރެއްވުންވެސް އޮންނާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ