ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރަން އަދާލަތު ޕާޓީން ނިންމި ނިންމުމުގައި އިސްލާމްދީނާއި ގައުމުގެ މަސްލަހަތަށް ރިއާޔަތް ކޮށްފައި ނުވާ ކަމަށް ރާއްޖޭގެ ގިނަ އަދަދެއްގެ ދީނީ އިލްމުވެރީން ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، ރައީސް އިބްރާހީމާއެކު ކޯލިޝަން ހެދުމަށް އެމަނިކުފާނު އަދާލަތަށް ދެއްވި ދައުވަތު ގަބޫލުކޮށް، އެ ޕާޓީގެ މަޝްވަރާ މަޖިލީހުން މިދިޔަ ބުދަ ދުވަހު ބުނީ، އަދާލަތުން ދެކޭ ގޮތުގައި އިސްލާމްދީނާއި ދިވެހި ގައުމާއި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު އޮތް ގޮތަކީ ރައީސް އިބްރާހީމަށް ވެރިކަމުގެ ދެވަނަ ދައުރެއް ދިނުމެވެ.
ރައީސާ ކޯލިޝަން ހަދަން ނިންމީ އިސްލާމްދީނުގެ ސައްހަ އަގީދާ ކުރިއަރުވައި، ރާއްޖޭގެ އިސްލާމީ ޝަހްސިއްޔަތު ހަރުދަނާކޮށް ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނެގެހެއްޓުމަށް ކަމަށް އެ ޕާޓީން ބުންޏެވެ. އަދި ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލު ރައްކާތެރި ކުރުމަކީ ރައީސަށް ތާއީދުކުރަން ނިންމި އަނެއް ސަބަބު ކަމަށެވެ.
އަދާލަތުގެ އެ ނިންްމުމާއި ގުޅިގެން ސަތޭކައަށް ވުރެ ގިނަ ދީނީ ދަންނަބޭކަލުން ތިއްބެވި "އިލްމުވެރީންގެ ގުޅުން" ގުރޫޕްގައި ވަނީ ޕޯލްއެއް ކުރިއަށް ގެންގޮސްފައެވެ. އެ ޕޯލްގައި އަހާފައި ވަނީ އަދާލަތު ޕާޓީން ރައީސް ސޯލިހަށް ތާއީދު ކުރަން ނިންމި ނިންމުމުގައި ދީނާއި ގައުމުގެ މަސްލަހަތަށް ރިއާޔަތް ކުރި ކަމަށް ގަބޫލު ކުރަން ހެއްޔެވެ. އެ ގްރޫޕްގައި 109 އިލްމުވެރީން، ތިއްބަވައެވެ.
އެ ބޭފުޅުންގެ މެދުގައި ހިންގި ޕޯލްއަށް 61 އިލްމުވެރިއަކު ވަނީ ވޯޓް ދެއްވާފައެވެ. އެ ބޭފުޅުންގެ ތެރެއިން 78 ޕަސެންޓް ބޭފުޅުން ވިދާޅުވީ އަދާލަތުން ނިންމުން ނިންމީ ދީނާއި ގައުމުގެ މަސްލަހަތަށް ރިއާޔަތް ކުުރުމަށް ފަހު ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި 13 ބޭފުޅަކު ވޯޓް ދެއްވީ ދީނާއި ގައުމުގެ މަސްލަހަތަށް ރިއާޔަތް ކުރި ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެއީ 22 ޕަސެންޓެވެ. އެ 13 ބޭފުޅުންނަކީ ވެސް އަދާލަތަށް ނިސްބަތްވެ ވަޑައިގަންނަވާ އެ ޕާޓީގެ މެންބަރުގެ ގޮތުގައި ވެސް ތިއްބެވި އިލްމުވެރީންނެވެ. އަދި 13 ބޭފުޅުންގެ ތެރެއިން ބައެއް އިލްމުވެރިންނަކީ އަދާލަތުގެ އެ ނިންމުން ނިންމި އެ ޕާޓީ މަޝްވަރާ މަޖިލީހުގައި ވެސް ހިމެނި ވަޑައިގަންނަވައެވެ.
އަދާލަތުގެ ނިންމުމާ އެއްކޮޅަށް ވޯޓުދިން 13 ބޭފުޅުންނަކީ އަދާލަތަށް ނިސްބަތްވެ ވަޑައިގަންނަވާ އެ ޕާޓީގެ މެންބަރުގެ ގޮތުގައި ވެސް ތިއްބެވި އިލްމުވެރީންނެވެ. އޭގެ ތެރެއިން ބައެއް އިލްމުވެރިންނަކީ އަދާލަތުން ކޯލިޝަން ހަދަން ނިންމި މަޝްވަރާ މަޖިލީހުގައި ވެސް ހިމެނި ވަޑައިގަންނަވާ ބޭފުޅުންނެވެ.
One Response
މި ހަބަރުގައި ޖަހާފައިވާ ފޮޓޯ މި ހަބަރާއެކު ބޭނުންކުރުމަކީ އެތިކަލްަ މައްސަލައެއް. މި ފޮޓޯއާއި ހަބަރާ ގުޅުމެއްނެތް