އެމްޑީއޭ އާއި ޕީޕީއެމްއަކީ ވަކި ނުވެވޭހާ ގާތް ދެ ޕާޓީ ކަމުގައި އިދިކޮޅު ޕީޕީއެމްއިން ބުނެފިއެވެ.
އިދިކޮޅު ކޯލިޝަނުން ރިޔާސީ އިންތިހާބަށް ނިކުންނައިރު އެމްޑީއޭ އާއިއެކު ކޯލިޝަން ހެދުމުގެ މަޝްވަރާތައް ޕީޕީއެމްއާއެކު މިއަދު ވަނީ ކޮށްފައެވެ. ޕީޕީއެމާއި އެމްޑީއޭއާ އެކު މިއަދު ހަވީރު ބޭއްވި ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ނައިބު ރައީސް އަދި އިބްރާހިމް ޝުޖާއު ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެމްޑީއޭއަކީ ކޯލިޝަންގެ މުހިންމު ބައިވެރިއެއް ކަމަށެވެ. އަދި އެމްޑީއޭއަކީ ޕީޕީއެމްއާ އެކު ވަރަށް ގުޅިލާމެހިފައިވާ ޕާޓީއެއް ކަމަށާއި އެހެންވެ، ކޯލިޝަން ހެދޭނެ ކަމުގެ އުއްމީދު ވަރަށް ބޮޑަށް އެބައޮތް ކަމަށް ވިދާޅުވިއެވެ.
ހަގީގަތުގައި އެމްޑީއޭ އަކީ ޕީޕީއެމްގެ ބައިވެރިއެއް. އަޅުގަނޑުމެން ހެދިފައި އޮތް ކޯލިޝަން އެއްބަސްވުމަކީ އޮނާ ކުރެވި، ޓެސްޓްވެ އަދި ފާސްވެފައި އޮތް އެއްބަސްވުމެއް. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އެމްޑީއޭ އާއި ޕީޕީއެމް ކޯލިޝަނަކީ ވަކި ނުވެވޭހާ ގާތް ދެ ޕާޓީ.
– ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ، އެމްޑީއޭ އާއި ޕީޕީއެމް-ޕީއެންސީއަކީ ވަރަށް ރީތި ތާރީޚެއް އޮތް ދެ ޕާޓީ ކަމަށާއި މި ދެ ޕާޓީގެ ލީޑަރުންނަކީ ވަރަށް ގާތް ދެ ބޭފުޅުން ކަމަށެވެ. އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަހުމަދު މައުރޫފް ވިދާޅުވީ އެމްޑީއޭއާ އެކު ކޯލިޝަން ގިނަ ޕާޓީތަކުން އެދެމުން އަންނަ ކަމަށާއި އަދި ކޮންމެ ޕާޓީއަކާ ވެސް މަޝްވަރާތައް ކުރާނެ ކަމަށެވެ. އަދި އެ ޕާޓީން ކޯލިޝަން ހަދާނެ ފަރާތެއް ކަނޑައަޅާނީ ރައްޔިތުންނާއި ގައުމުގެ މަސްލަހަތަށް އެންމެ ފައިދާ ހުރިގޮތް ބެލުމަށް ފަހު ޕާޓީގެ ކައުންސިލުން ކަމަށް އޭނާ ވިދާޅުވިއެވެ.
އަޅުގަނޑުމެން ވަރަށް ޔަގީންކޮށް ބުނަން ކެރޭ އެއް ވާހަކައަކީ 2023ގައި އަޅުގަނޑުމެން ކޯލިޝަން ޕާޓީއަކާއެކު ނުކުންނާނަމޭ. އަދި ކޮން ޕާޓީއެއް ކަމެއް ނުނިންމަން. އަޅުގަނޑުމެންގެ ރައީސް ގޮތެއް ނިންމަވާނީ.
– އަލީ މައުރޫފް ވިދާޅުވިއެވެ.
މައުރޫފް ވިދާޅުވީ އެމްޑީޕީ އާއި ޕީޕީއެމްއާ އެކު ކުރި މަޝްވަރާތަކުގައި ވެސް އެމްޑީއޭގެ ހުށަހެޅުންތައް ހުށަހަޅާފައި ވިޔަސް، އެއްވެސް ޕާޓީއަކާ އެކު އެއްބަސްވުމަކަށް މިހާތަނަށް ނާންނަ ކަމަށެވެ. އަދި ކޯލިޝަން ހަދާނެ ޕާޓީއެއް ކަނޑައެޅޭނެ ދުވަހެއް ވެސް އަދި ދަންނަވަން ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޑީއޭއިން ޕީޕީއެމްއާއި މަޝްވަރާ ކޮށްފައިވާއިރު މިއަދު ވަނީ ސަރުކާރު ހިންގަ މައި ޕާޓީ އެމްޑީޕީއާއިވެސް މަޝްވަރާކޮށްފައެވެ. އަދި އިއްޔެ ބޭއްވި އެޕާޓީގެ ކައުންސިލް ބައްދަލުވުމުގައި އެމްޑީޕީއާއިއެކު ކޯލިޝަން ހެދުމަށް ހުށަހެޅުނު ނަމަވެސް އެހުށަހެޅުން އެޕާޓީގެ ކައުންސިލުން ފާހެއް ނުވިއެވެ.