ސިޔާސީ މައިދާނަކީ ދުވަހަކުވެސް ނިކުންނަން ގަސްތުކުރި ދާއިރާއެއް ނޫންކަމަށާއި، ނަމަވެސް އެދާއިރާއަށް ނިކުންނަން ޖެހުނީ ނިމިދިޔަ ވެރިކަމުގައި ފިރިކަލުން ޤާސިމް އިބްރާހިމަށް ދިން އަނިޔާތަކަށް ކެތް ނުކުރެވިގެން ކަމުގައި ޓްރާސްޕޯޓް މިނިސްޓަރ އަދި ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރުގެ މަޤާމަށް ކުރިމަތިލައްވާފައިވާ އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ނަހުލާގެ ކެމްޕެއިން ޓީމުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ސިޔާސީ މައިދާނަކީ ދުވަހަކުވެސް މަސައްކަތް ކުރައްވަން ގަސްތުކުރި ދާއިރާއެއް ނޫންކަމަށެވެ. ނަމަވެސް އަމިއްލަ ދިރިއުޅުމާއި އަމިއްލަ ނަފްސާއި ގުޅުންހުރި ކަންކަމަށް ގެއްލުންދީ އަނިޔާދިނުމަކީ ބަލަިއ ގަނެވޭނެ ކަމެއް ނޫންކަމަށެވެ. ނަހުލާ ވިދާޅުވީ އޭނާ ސިޔާސީ މައިދާނަށް ނިކުންނެވީ ފިރިކަލުން ޤާސިމަށް ދިން އަނިޔާތަކާއި ގުޅިގެންކަމަށެވެ. އަދި ސިޔާދު ޤާސިމާއި، އެނޫންވެސް ގޮތްގޮތުން ޢާއިލާއަށް ދިން އަނިޔާތަކަކީ ސިޔާސީ މައިދާނަށް ނިކުންނަން ޖެހުނު ސަބަބުކަމަށެވެ.
ނަހުލާ ވިދާޅުވީ އޭނާ ސިޔާސީ މައިދާނުގައި ކުރިއަށްދާން ފިރިކަލުން ޤާސިމްގެ ފަރާތުން އަބަދުވެސް އެއްބާރުލުން ލިބޭކަމަށެވެ. ސިޔާސީ މަސައްކަތަށް ނިކުމެ މާޔޫސްކަމާއި، ނުތަނަވަސްކަން ކުރިމަތިމާ ކޮންމެ ފަހަރަކު ޤާސިމްގެ ފަރާތުން ލިބޭ ހިތްވަރަކީ މިދާއިރާގައި ދެމި ހުންނެވުމުގެ އެއްސަބަބު ކަމަށެވެ.
އޭނާ ވިދާޅުވީ ސިޔާސީ ގޮތުން ކުރިއަށް އޮތް ތަނުގައިވެސް އޭނާ ކުރާ ކޮންމެ ކަމެއްގައި ހުންނާނީ ޤާސިމްގެ ފަހަތްޕުޅުގައި ކަމަށެވެ. މިފަހަރު ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރުގެ މަޤާމަށް ކުރިމަތި ލެއްވީވެސް ސިޔާސީ ގޮތުން އަންހެނުން ބާރުވެރި ކުރުމުގައި ޖުމްހޫރީ ޕާޓީގެ އިސް ސަފުގައިވެސް އަންހެނުންނަށް ބަސް ބުނުމުގެ ޖާގަ ހޯއްދެވުމަށް ކަމަށެވެ. އަދި މިއިންތިޚާބު ކާމިޔާބު ކުރެވިއްޖެ ކަމުގައިވާނަމަ، ޖޭޕީގެ ހުރިހާ އަންހެނުންގެ "މަންމަ" އެއްގެ ދައުރު އަދާކުރައްވާނެކަމަށެވެ.
އަންނަ ހުކުރު ދުވަހު ފަށާ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ކޮންގްރެސްގައި ޑެޕިއުޓީ ލީޑަރުންގެ މަގާމަށް 12 ބޭފުޅުން ކުރިމަތިލެއްވި އިރު، އެ މަގާމުގެ ވާދަވެރިކަން ބޮޑެވެ.
ޑެޕިއުޓީ ލީޑަރުގެ މަގާމަށް ކުރިމަތިލެއްވި ކެންޑިޑޭޓުން:
1- އައިޝަތު ނަހުލާ (ޓްރާންސްޕޯޓް މިނިސްޓަރު)
2- ޑރ. ހުސެއިން ރަޝީދު ހަސަން (ފިޝަރީޒް މިނިސްޓަރު)
3- މޫސާ ނިޒާރު (ކެޔޮދޫ ދާއިރާގެ ކުރީގެ މެމްބަރު)
4- އަމީން އިބްރާހިމް (ޖޭޕީގެ ޑެޕިއުޓީ ލީޑަރު)
5- އަހުމަދު ސައުދު (ޖޭޕީގެ ޑެޕިއުޓީ ލީޑަރު)
6- މުހައްމަދު ހަނަފީ (އިމިގްރޭޝަން ކޮންޓްރޯލާ)
7- އަލީ ހަމީދު (އިސްދޫ ދާއިރާގެ މަޖިލިސް މެމްބަރު)
8- ޔަޝްފާ އަބްދުލްޣަނީ (ޖޭޕީގެ މެމްބަރު)
9- އިގްބާލް އާދަމް (ޖޭޕީގެ މެމްބަރު)
10- ހަސަން މުގްނީ (އެނާޖީ އޮތޯރިޓީގެ ވެރިޔާ)
11- އަބްދުﷲ އަހުމަދު (އަބުޅޯ) (ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު)
12- އަލީ ޝާހް (ފުވައްމުލަކު އުތުރު ދާއިރާގެ ކުރީގެ މެމްބަރު)
ދަރުބާރުގޭގައި އޮންނަ ޖޭޕީގެ ކޮންގްރެސްގައި 800 އެއްހާ މެމްބަރުން ބައިވެރިވާނެއެވެ.
ކޮމެންޓު ފޮނުވާ