ރިޔާސީ އިންތިޚާބުތަކުގެ ތެރެއަށް އަދަލާތު ޕާޓީން ވަންނަނީ ހައެއްކަ މީހުންގެ ވަޒީފާ ހޯދުމަށްޓަކައިތޯ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އަދާލަތު ޕާޓީގެ ރައީސް އިމްރާނާއި ސުވާލު ކުރައްވައިފިއެވެ.
އޭނާ މިހެން ވިދާޅުވީ ކޮންމެ ރިޔާސީ އިންތިޚާބެއްގައިވެސް އަދާލަތު ޕާޓީން ގޮތް ނިންމަނީ ރަނގަޅަށް ހިސާބު ޖަހައި އެކަމަށް ގިނަ މަޝްވަރާތަކެއް ކުރުމަށް ފަހުގައި ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވެ ކުރެއްވި ޓުވީޓާއި ގުޅިގެންނެވެ.
އިމްރާން ވިދާޅުވީ އެޕާޓީން މިހާތަނަށް ރިޔާސީ އިންތިޚާބުތަކުގައި ގޮތް ނިންމާފައިވަނީ ވަރަށް ގިނަ ދިރާސާތަކެއް ހަދައި އޭގެ މައްޗަށް ރަނގަޅު ހިސާބެއް ޖެހުމަށްފަހުކަމަށެވެ.2008 އިން ފެށިގެން 2018ގެ ރިޔާސީ އިންތިޚާބާއި ދެމެދު ކޮންމެ ރިޔާސީ އިންތިޚާބެއްގައިވެސް އެޕާޓިން އަމަލުކޮށްފައިވަނީ މިއުސޫލުންކަމަށް އިމްރާން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިފަހަރުގެ ރިޔާސީ އިންތިޚާބަށް މިމަޝްވަރާތައް ކުރެވެމުންދަނީ ކުރީ އަހަރުތަކަށްވުރެ މާބޮޑަށް ރޭވި ތަރުތީބު ކުރެވިގެންކަމަށެވެ.
އިމްރާންގެ ވާހަތަކާއި ގުޅިގެން ވައްޑެ ވިދާޅުވީ ކޮންމެ ރިޔާސީ އިންތިޚާބެއްގައި އަދާލަތުން ވަންނަނީ ސިޔާސަތެއް ތަސައްވަރެއް ނެތި ހަމައެކަނި ހައެއްކަ މީހުންގެ ވަޒީފާއަށް ކުރާ ކަމެއްކަމަށް ފެންނަ ކަމަށެވެ. އަދާލަތު ޕާޓީންވެސް މިކަމުގެ ތެެރެއަށް ވަންނަ އިރު ތަސައްވަރެއް ސިޔާސަތަކާއިއެކު ނިކުންނާނީ ކޮން އިރަކުންތޯ ވައްޑެ ވަނީ ސުވާލު ކުރައްވާފައެވެ.
ރިޔާސީ އިންތިޚާބު ތެރެއަށް ވަންނަނީ ހައެއްކަ މީހުންގެ ވަޒީފާއަށްޓަކައި އެކަނިތޯ؟ ރައްޔިތަކަށް ފައިދާހުރި ސިޔާސަތެއް ހިފައިގެން އެ ހިންގަން އުޅުމުގެ އެއްވެސް މަޤްސަދެއް ހަމަ ތިބޭފުޅުންގެ ނޯވޭތޯ؟
– ވައްޑެ ވިދާޅުވިއެވެ.
އެމްޑީޕީއާ އެކު އެއްބުރުން ރިޔާސީ އިންތިހާބު ކާމިޔާބުކުރުމުގެ މަޝްވަރާ އަށް އެދިވަޑައިގެން ސިޔާސީ ޕާޓީތަކަށް ރައީސް ފޮނުއްވި ސިޓީފުޅާ މެދު މަޝްވަރާ ކުރުމަށް، މި ސަރުކާރުގެ ކޯލިޝަންގައި މިހާރު ވެސް ހިމެނޭ އަދާލަތު ޕާޓީގެ ބައްދަލުވުމެއް ވަނީ ބާއްވާފައެވެ.
އަދާލަތު ޕާޓީން ބުނީ އެމްޑީޕީއާ އެކު ބޭއްވި ބައްދަލުވުމުގައި އެ ޕާޓީގެ ފަރާތުން އެދޭ ކަންކަމާއި ޕާޓީގެ ކަންބޮޑުވުންތަކާއި ކަންކަން ހައްލުކުރުމަށް ފެންނަ ގޮތްތައް ހުށަހަޅައި މަޝްވަރާ ކުރި ކަމަށެވެ. ނަމަވެސް އެމްޑީޕީ ކެންޑިޑޭޓަށް ތާއީދު ކުރުމާ މެދު ގޮތެއް ނުނިންނާ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ