ސަރުކާރުގެ ގެދޮރުވެރިން ޕްރޮގްރާމުގެ ދަށުން ހިންގާ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުގެ ކަންކަން ބެލެހެއްޓުމަށް "ގެދޮރުވެރިންގެ ކޮމިޓީ" އެެއް އުފައްދައިފިއެވެ.
ޕްލޭނިން މިނިސްޓްރީން މިއަދު ބުނީ ސަރުކާރުގެ ގެދޮރުވެރިން ޕްރޮގްރާމުގެ ދަށުން ހިންގާ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލާފައިވާ ފަރާތްތައް އިވެލުއޭޓްކޮށް، ބިމާއި ފްލެޓް ދޭނެ ފަރާތްތައް ކަނޑައެޅުމަށްޓަކައި "ގެދޮރުވެރިންގެ ކޮމިޓީ" ގެ ނަމުގައި ކޮމިޓީއެއް ވަނީ އުފައްދަވާފައި ކަމަށެވެ.
ސަރުކާރުން މާލެ ސަރަޙައްދުން ދިނުމަށް ނިންމި 5000 ގޯތީގެ ތެރެއިން 3000 ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ އަހަރު ޖޫންމަހުގައެވެ. އޭގެތެރޭގައި ހިމެނެނީ ހުޅުމާލެއިން ދޫކުރާ 1000 ގޯއްޗާއި، ގުޅީފަޅުން ދޫކުރާ 2000 ގޯއްޗެވެ. ދެން ހިމެނެނީ މާލެ އަތޮޅު ގިރާވަރު ފަޅު ހިއްކާ އެތަނުން ދޫކުރުމަށް ނިންމާފައިވާ 2000 ގޯއްޗެވެ.
މާލޭގެ ބޯހިޔާވަހިކަމަށް ހުޅުވާލި ފުރުޞަތުގައި ފްލެޓަށް އެދި 20697 އެޕްލިކޭޝަންވަނީ ހުށައަޅާފައެވެ. އަދި ގޯއްޗަށް އެދި 15164 އެޕްލިކޭޝަން ވަނީ ހުށައަޅާފައެވެ.
ކޮމެޓީގައި ތިއްބަވާ މެމްބަރުން:
1. އަކްރަމް ކަމާލުއްދީން، މއ. އެވަރެސްޓް (ޗެއަރޕަރސަން)
2. އަލްއުސްތާޛު އަނަސް އަބްދުއްސައްތާރު، މ. ބަޑިކުޅިމާގެ (ކޯ-ޗެއަރޕަރސަން)
3. މަރިޔަމް ނާޒިމާ، މއ. އެރިޒޯނާ
4. އައިޝަތު ރަޝީދާ، ހ. ރެޖީނާ ހައުސް
5. މުހައްމަދު އާރިފް، ހއ. އިހަވަންދޫ ނެދުންގެ
މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް މި ސަރުކާރުން ހިންގާ "ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން މިހާތަނަށް އިއުލާނުކޮށްފައި ވަނީ ޖުމްލަ 5،000 ގޯތި ދޫކުރުމަށެވެ. ނަމަވެސް އެއަދަދު އިތުރު ކުރާނެ ކަމަށް މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަނުން އަންނަނީ ހުޅުމާލޭގައި 4،000 ހައުސިން ޔުނިޓުގެ މަސައްކަތް ކުރަމުންނެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު މަސައްކަތް ފެށި 16 ޓަވަރުގެ ތެރެއިން އަށް ޓަވަރުގެ މަސައްކަތް އަންނަ ޖުލައިއަށް ނިމޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ކޮމެންޓު ފޮނުވާ