އުޅަނދުތަކަށް އަރުވާ މުދަލަށް ލިބޭ ގެއްލުމަށް އެއުޅަނދެއްގެ ވެރިފަރާތުން ޒިންމާ ވާން ޖެހޭނެ ކަމަށް ކަނޑައަޅައި ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރަށް މުދާ ބަރުކުރުމާއި މުދާ އުފުލުމާ ގުޅޭ ގަވާއިދު ގެޒެޓް ކޮށްފިއެވެ.
ޓްރާސްޕޯޓް މިނިސްޓްރީން އެކުލަވާލި އެ ގަވައިދަށް އަމަލުކުރަން ފަށާނީ އަންނަ މެއި މަހުން ފެށިގެންނެވެ. އޭގައި ބުނެފައި ވަނީ އުޅަނދުފަހަރަށް އަރުވާ މުދާ ރައްކާތެރިކަމާ އެކު އެ މުދަލެއް ގެންދަންޖެހޭ ބަނދަރަކަށް ގެންދެވޭކަން އުޅަނދުގެ ވެރިފަރާތުން ކަށަވަރުކުރަން ޖެހޭނެ ކަމަށެވެ.
އުޅަނދަކަށް މުދާ އެރުވުމުގެ ތެރޭގައި ނުވަތަ މުދާ އުޅަނދުން ބޭލުމުގެ ތެރޭގައި އެ އުޅަނދެއްގެ ކެޕްޓަން ނުވަތަ ފަޅުވެރިއެއްގެ އަތުން މުދަލަށް ލިބޭ ގެއްލުމުގެ ޒިންމާ ނަގައި ބަދަލު، އުޅަނދެއްގެ ވެރިފަރާތުން ދޭން ޖެހޭނެ ކަމަށް ގަވައިދުގައިވެ އެވެ. ނަމަވެސް ދަތުރުފަތުރު ކުރުމުގެ ގާނޫނާއި އެއްގޮތަށް، އުޅަނދުގެ ކެޕްޓަން ނުވަތަ ފަޅުވެއްރިއެއްގެ ގަސްތަކާ ނުލާ މުދަލަކަށް ގެއްލުމެއް ލިބިއްޖެ ނަމަ ބަދަލު ދޭކަށް ނުޖެހޭނެއެވެ.
ގަވައިދުގައި ބުނެފައިވާ ގޮތުގައި ކަނޑު ދަތުރުފަތުރު ކުރާ އުޅަނދަކަށް މުދާ ބަރުކުރުމުގެ ކުރިން، އެ މުދަލަކާ ގުޅޭ މަޢުލޫމާތުތައް، އުޅަނދުގެ ފަޅުވެރީންނަށް ނުވަތަ ކެޕްޓަނަށް، މުދަލުގެ ވެރިފަރާތުން ނުވަތަ މުދާ ގެންނަ ފަރާތުން ދޭން ޖެހޭނެއެވެ. އެގޮތުން މުދަލުގެ ވެރިފަރާތުގެ ނަމާއި، އެޑްރެހާއި، ގުޅޭނެ ފޯނު ނަންބަރާއި މުދަލާ ހަވާލުވާނެ ފަރާތުގެ ނަމާއި، ގުޅޭނެ ފޯނު ނަންބަރާއި މުދަލުގެ ބާވަތާއި ފަސޭހައިން ހަލާކުވާ ޒާތުގެ މުދަލެއްކަން ނުވަތަ ނޫންކަމާއި ވަކި ފިނިހޫނުމިނެއްގައި ބަހައްޓަންޖެހޭ މުދަލެއްނަމަ، އެ މަޢުލޫމާތު ވެސް ދޭން ޖެހޭނެ ކަމަށް ގަވައިދުގައި ބުނެފައި ވެއެވެ.
ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރަށް މުދަލެއް އެރުވުމަށްފަހު، އެ މުދަލެއް އެރުވިކަމުގެ ލިޔުމެއް، މުދަލުގެ ވެރިފަރާތުން ނުވަތަ މުދާ ގެންނަ ފަރާތުން ބޭނުންވެއްޖެނަމަ، އުޅަނދުގެ ކެޕްޓަނުން، އެ ފަރާތަކަށް ދިނުން ވެސް މިގަވައިދު މަޖުބޫރު ކުރެއެވެ.
ގަވައިދު ބުނާ ގޮތުން ދިވެހިރާއްޖޭގައި ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރުގައި އެއްރަށުން އަނެއްރަށަށް ނުވަތަ ކަނޑުމަގުން އެއްތަނުން އަނެއްތަނަށް ދަތުރުކުރުމުގައި، އުޅަނދުގެ ކެޕްޓަނުން ކަނޑު ދަތުރުކުރުމުގައި ޢަމަލުކުރަންޖެހޭ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތީން، ފަރުވާތެރިކަމާއެކު ދަތުރުކުރަމުން ދަނިކޮށް އުޅަނދުގެ ކެޕްޓަނުގެ ނުވަތަ ވެރިފަރާތުގެ ގަސްތަކާ ނުލައި ދިމާވާ ހާދިސާއަކާ ގުޅިގެން މުދަލަށް ލިބޭ ގެއްލުމަށް އުޅަނދުގެ ވެރިފަރާތުން ނުވަތަ އުޅަނދާ ހަވާލުވެ ހުންނަ ފަރާތުން ޒިންމާވާކަށެއް ނުޖެހޭނެއެވެ.
ގަވައިދުގައި ބަޔާން ކޮށްފައިވާ ކަންކަމާއި ހިލާފުވާ ފަރާތްތައް -/1000 ރުފިޔާ އާއި -/2000 ރުފިޔާ އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ގަވައިދުގައި ބުނެފައިވެއެވެ.