ރާޝިދު؛ އާޒިމަށް: ވޯޓުލާންވީ ސަބަބު ނުފެންނަނީ އަމިއްލަ އެދުން ބޮޑުވެ ލޯ އަނދިރިވެފައި ތިބީމާ!

ރާޝިދު؛ އާޒިމަށް: ވޯޓުލާންވީ ސަބަބު ނުފެންނަނީ އަމިއްލަ އެދުން ބޮޑުވެ ލޯ އަނދިރިވެފައި ތިބީމާ!

Author
މުޙައްމަދު ޝަޒައިމް
19 ފެބްރުއަރީ 2023 09:46
0

ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ވޯޓުލާންވީ ސަބަބު ނުފެންނަނީ އަމިއްލަ އެދުން ބޮޑުވެ ލޯ އަނދިރިވެފައި ތިބީމުން ކަމަށް ވިދާޅުވެ މެމްބަރު ރާޝިދުގެ ފާޑުކިޔުން އަލީ އާޒިމަަށް އަމާޒުކޮށްފިއެވެ.

އޭނާ މިހެން ވިދާޅުވީ ރައްޔިތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓު ދޭން ޖެހޭ އެއްވެސް ސަބަބެއް ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ދެއްކެވި ވާހަތަކަށް ރައްދު ދެއްވައި ކުރެއްވި ޓުވީޓެއްގައެވެ. އާޒިމް ވިދާޅުވީ، ރައްޔިތުން ރައީސް ސޯލިހަށް ވޯޓު ދޭން ޖެހޭ އެއްވެސް ސަބަބެއް ނުފެންނަ ކަމަށާއި އެންމެ ގިނަ ވެގެން ވެސް ރައީސް ސޯލިހަށް ލިބޭނީ 40،000 ވޯޓު ކަމަށެވެ.

އެންމެ ގިނަވެގެން ލިބޭނީ 40،000 ވޯޓު. އެއީ ވޯޓްލާ މީހުންގެ 15 އިންސައްތަ.

– އެމްޑީޕީގެ ކުރީގެ ޕީޖީ ލީޑަރުކަން ވެސް ކުރައްވާފައިވާ އާޒިމް ވިދާޅުވިއެވެ.

އާޒިމްގެ ވާހަތަކަށް ރައްދު ދެއްވައި ރާޝިދު ވިދާޅުވީ ރާއްޖެ ބަދަލުކޮށް މުޅިން ހަރުފަތަކަށް ގެންދެވީ ރައީސް ޞާލިހު ކަމަށެވެ. ރައީސް ޞާލިހަށް ވޯޓުދޭންވީ ސަބަބު ނުފެންނަނީ އަމިއްލަ އެދުން ބޮޑުވެ ލޯ އަނދިރިވެފައި ތިބުމުންކަމަށް ރާޝިދު ވިދާޅުވިއެވެ.

މުޅި ރާއްޖެ ބަދަލު ކޮށްލާ ރައްޔިތުން ހެއްވާލީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު. ރައީސް ޞާލިހަށް ވޯޓު ލާންވި ސަބަބު ނުފެންނަނީ އަމިއްލަ އެދުން ބޮޑުވެ ލޯ އަނދިރިވެފައި ތިބީމާ! ދިވެހި ރައްޔިތުންނަށް އޮޅުވާލަން ނޫޅުއްވާ ބަލި ގަބޫލުކުރައްވާ އަޅުގަނޑުމެންނާއިއެކު ވަޑައިގަންނަވާ.

– މެމްބަރު ރާޝިދު ވިދާޅުވިއެވެ.

ރައީސް ސޯލިހަށް ލިބިވަޑައިގަންނަވާނީ 40،000 ވަރަކަށް ވޯޓު ކަމަށް އާޒިމް ވިދާޅުވި ނަމަވެސް، އެމަނިކުފާނާއި އެމަނިކުފާނުގެ ޓީމުގެ މެމްބަރުން ވިދާޅުވަމުން އަންނަނީ ރައީސް ސޯލިހު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނީ އެއްބުރުން ކަމަށެވެ.

އެމްޑީޕީގެ ފަރާތުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ޓިކެޓު ރައީސް ސޯލިހު ކަށަވަރު ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ބޮޑުތަނުން ބަލި ކޮށްގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.