އަންނަ އަހަރުގެ ބަޖެޓަކީ ތަންފީީޒްކުރަން އުނދަގޫވާނެ ބަޖެޓަކަށް ވާނެކަމަށާއި، އެބަޖެޓް ދައުލަތުގެ ވުޒާރާތަކާއި މިނިވަން މުއައްސަސާތަކުން ތަންފިޒްކުރާ މިންވަރު ކޮމިޓީން ބަލަމުން އަންނާނެކަމަށް ބަޖެޓް ކޮމިޓީގެ މުގައްރިރު މުޙައްމަދު ނާޝިޒް ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ބަޖެޓް ކޮމިޓީން ދިރާސާކޯށް މަޖިލީހުގެ ތަޅުމަށް ވަނީ ފޮނުވާފައެވެ. ބަޖެޓް ދިރާސާކުރުމުގެ މަރުހަލާގައި ދައުލަތުން ފޮނުވި ބަޖެޓަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. ދައުލަތުން މަޖިލީހަށް ފޮނުވާފައިވަނީ 34.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި ކޮމިޓީން ގެނައި ބަދަލުތަކާއެކު މިހާރު ބަޖެޓްގެ ޖުމްލަ ޢަދަދު ވަނީ 34.9 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަފުޅު ދައްކަވަމުން ބަޖެޓް ކޮމިޓީގެ މުގައްރިރު މުޙައްމަދު ނާޝިޒް ވިދާޅުވީ، އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށައަޅަފައިވާ ބަޖެޓަކީ ތަންފިޒްކުރަން އުނދަގޫވާނެ ބަޖެޓެއްކަމަސާއި، ނަމަވެސް ދައުލަތުން އަންދާޒާކޮށްފައިހުރި ޢަދަދަށް އާމްދަނީ ލިބިއްޖެނަމަ ތަންފިޒްކުރުމުގައި ސަރުކާރަށް ދަތިތަކެއް ނުވާނެކަމަށެވެ.
ނާޝިޒް ވިދާޅުވީ، ދައުލަތުން ބެޖެޓް ހުށައެޅިއިރު، ދައުލަތުން އާމްދަނީގެ ޢަދަދުތައް ލަފާކޮށްފައިވަނީ އަންނަ އަހަރު 7 ލައްކަ ފަތުރުވެރިން ރާއްޖެ އަންނާނެކަމަށް އަންދާޒާކުރުމަށްފަހުކަމަށެވެ. ނަމަވެސް މިހާރު ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުވެފައިވާތީ އަންނަ އަހަރު މަދުވެގެން 1 މިލިއަން ފަތުރުވެރިން އަންނާނެކަމަށް ކޮމިޓީގެ މެންބަރުންނަށް ގަބޫލުކުރެވުނުކަމަށް ނާޝިޒް ވިދާޅުވިއެވެ.
ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ބަޖެޓްގައި ދައުލަތަށް ލިބޭނެކަމަށް އަންދާޒާކޯށްފައިވަނީ 17 ބިލިއަން ރުފިޔާއެވެ. ނަމަވެސް ކޮމިޓިން ބަޖެޓް ދިރާސާކޯށް ނިންމާލިއިރު އިތުރަށް 3.355 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށް ދައުލަތަށް ލިބޭނެކަމަށް އަންދާޒާކުރި އާމްދަނީ 21 ބިލިއަން ރުފިޔާއަށް މިހާރު އިތުރުވެފައިވާކަމަށެވެ.
އާމްދަނީއަށް އިތުރުކުރެވިފައިވާ ޢަދަދުތައް:
ޓީޖީއެސްޓީ: 591 މިލިއަން ރުފިޔާ
ގްރީން ޓެކްސް: 253 މިލިއަން ރުފިޔާ
އެއަރޕޯޓް ސާރވިސް ޗާޖް: 218 މިލިއަން
އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ: 219 މިލިއަން ރުފިޔާ
ބިން ވިއްކުމާއި ބިން ބަދަލުކުރުން 700 މިލިއަން ރުފިޔާ
އެހެން ކުއްޔާ ހަރުމުދާގެ ގޮތުގައި: 1.3 ބިލިއަން ރުފިޔާ
ނާޝިޒް ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ ބަޖެޓަށްވެސް މިހާރު ފައިސާ އިތުރުކޮށްދީފައިވާކަމަށެވެ. އެގޮތުން އެވްރެޖްކޮށް ކޮންމެ މުއައްސަސާއަކަށް ދޮޅު މިލިއަން ރުފިޔާއާއި 2 މިލިއަން ރުފިޔާއާއި ދެމެދުގެ ޢަދަދަކަށް ފައިސާ އިތުރުކޮށްދީފައިވާކަމަށެވެ. ނާޝިޒް ވިދާޅުވީ، ގިނަ މުއައްސަސާއަކުން ފާހަގަކޮށްފައިވަނީ އެތަންތަނުން ބޭނުންވިވަރަށް ބަޖެޓް ނުލިބޭކަންކަމަށާއި، ފިނޭންސް މިނިސްޓްރީން އެމުއައްސަސާތަކަށް ދިން ސީލިންގާ އެއްވަރަށްވެސް ބަޖެޓް ލިބިފައިނުވާކަންކަމަށެވެ. އަދި އެކަމުގެ ސަބަބުން އެ މުއައްސަސާތަކުގެ ޤާނޫނީ ވާޖިބު އަދާކުރުމަށް ދަތިތައް ކުރިމަތިވާނެކަން ފާހަގަކޮށްފައިވާކަމަށެވެ.
ނާޝިޒް ވިދާޅުވީ، ބަޖެޓް ދިރާސާކޮށް ނިންމާލިއިރު ދައުލަތުގެ ޚަރަދު ކުޑަކުރުމަށް 12 ރިކަމަންޑޭޝަނެއް ހިމަނާފައިވާނެކަމަށެވެ. ނާޝިޒް ވަނީ އަންނަ އަހަރުގެ ބަޖެޓް މުއައްސަސާތަކުން ތަންފީޒްކުރާ މިންވަރު ބަލާނެކަމަށް ވިދާޅުވަފައެވެ. އެއީ ޤައުމުގެ ރޭޓިންއަށް މާކްސް ދިނުމުގައިވެސް މުހިންމު ކަމަކަށްވާނެކަމަށް ނާޝިޒް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ