ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް، އަރުވާފައިވަނީ އެނދި ޓިކެޓެއް ކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕްގެ މެމްބަރު އިބްރާހިމް ރަޝީދު، ބޮންޑޭ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ އިސް ބޭފުޅުންނާއި، އެ ޕާޓީގެ އެކި މަގާމްތަކުގައި ތިއްބަވާ ބޭފުޅުންގެ އިތުރުން، އެމްޑީޕީގެ ގިނަ ޢަދަދެއްގެ މެންބަރުން ބައިވެރިވި މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ރިޔާސީ ޓިކެޓް ހަވާލުކޮށްދެއްވީ، އެޕާޓިގެ ޗެއަރޕާސަން ފައްޔާޟް އިސްމާޢީލެވެ.
ރައީސް ޞާލިހަށް އަރުވި ޓިކެޓަކީ ކުރީ ޒަމާނުގައި ރާއްޖޭގައި ލިޔަން ބޭނުންކުރި ލިޔުމެއްގައި އަދި އޭގެ ކަރުދާހެއްގައި ލިޔެފައިިވާ ލިޔުމެކެވެ. މިލިޔުމާއި ގުޅިގެން ބައެއް ފަރާތްތަކުން ވަނީ މިއީ ރަސްކަލުންނަށް ރަސްކަން ހަވާލު ކުރުމަށް އަރުވާފަދަ ފަތްކޮޅެއްކަމަށެވެ. މެމްބަރު ބޮންޑޭ ވިދާޅުވީ މިއީ އެނދި ޓިކެޓެއްކަމަށެވެ.
Endhi Ticket eh. pic.twitter.com/vgLnd45rOk
— Ibrahim Rasheed (@BondeM4) February 17, 2023
އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީ އޮތީ މިދިޔަމަހުގެ 28 ވަނަ ދުވަހުއެވެ. މި އިންތިހާބުގައި ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރި ހޯއްދަވައި، ރައީސް ޞާލިހު ކާމިޔާބު ހޯއްދެވީ ބޮޑު ތަފާތަކުންނެވެ.
ޕްރައިމަރީގައި ރައީސް ޞާލިޙަށް 61 އިންސައްތަ ލިބިވަޑައިގެންފައިވާއިރު، އެއީ 24572 ވޯޓެވެ. ރައީސް ނަޝީދަށް ލިބިވަޑައިގަތީ 15631 ވޯޓާއެކު %39އެވެ. ޕްރައިމަރީ ކާމިޔާބު ކުރެއްވުމަށްފަހު ރައީސް ޞާލިޙް ވިދާޅުވެފައިވަނީ ޕްރައިމަރީއަށްވުރެ ފަސޭހައިން މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވާނެކަމަށް ޔަޤީންކުރައްވާކަމަށެވެ.
ރޭގެ ޖަލްސާގައި އެމްޑީޕީގެ ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރާ އެއްވެސް ބޭފުޅަކު ބައިވެރިވެފައި ނުވެއެވެ. ނަޝީދުގެ ފަރާތްޕުޅުން ބަލި ގަބޫލުކުރަން ދެކޮޅު ހައްދަވައި ފިކުރެއްގެ ދިރުންގެ ނަމުގައި އާ ހަރަކާތެއް އިއުލާންކޮށް މެމްބަރުން ހޯދަން ދަނީ މަސައްކަތް ކުރައްވަމުންނެވެ.
ރިޔާސީ ޓިކެޓް ރައީސަށް އަރުވަން ގާތްވެފައި ވަނިކޮށް، ނަޝީދަށް ތާއީދު ކުރައްވާ ބައެއް ބޭފުޅުން ވަނީ ޕްރައިމަރީ ބާތިލްކުރަން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ. އެ މައްސަލައާ މެދު އެ ކޯޓުން އަދި ވަކި ގޮތެއް ނުނިންމައެވެ.
ކޮމެންޓު ފޮނުވާ