ފާއިތުވި 2 އަހަރު ދުވަހުގެ ތެރޭގައި، ސިފައިންނަށް ހޯދައިދެވުނު އެންމެ ބޮޑު ކުރިއެރުމަކީ، ސިޔާސީ ނުފޫޒުން ދިފާޢީ މުއައްސަސާ އެއްކިބާކުރުންކަމަށް ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، ދިވެހި ޤައުމީ ދިފާޢީ ބާރުގެ 66 ވަނަ އަސާސީ ތަމްރީން ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ޅ.މާފިލާފުށީގައި ހުންނަ އެމް.އެން.ޑީ.އެފްގެ ދަ ބޭސިކް ސްކޫލްގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ދިވެހި ޤައުމީ ދިފާޢީ ބާރާ އަލަށް ގުޅުނު 97 ސިފައިންނާ މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ މާރިޔާ ވަނީ ސިފައިންގެ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ސިފަތަކަށް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން، ޙަޤީޤީ ސިފައިންގެ މީހާ ހަތިޔާރު ނަގަނީ އޭނާގެ ކުރިމަތީގައިވާ މީހާއަށް ކުރާ ނަފްރަތެއްގެ ސަބަބުން ނޫންކަމަށާއި، އޭނާ ހަތިޔާރު ނަގަނީ އޭނާ އެ ބިމަކަށް އަލަތު ނޭވާލި އުފަން ފަސްގަނޑާއި، އެފަސްގަނޑުގައި ދިރިއުޅޭ އޭނާގެ ލޮބުވެތި މައިންބަފައިންނާއި އާއިލާއާއި ރަޙްމަތްތެރިންނާއި އަވަށްޓެރިންނާއި ދިވެހި ލޭ ހިނގާ މުސްލިމް އަޚުންނާއި އުޚުތުންގެ ޙައްޤުގައިކަމަށް މިނިސްޓަރ މާރިޔާ ވަނީ ވިދާޅުވެފައެވެ. އަދި ސިފައިންގެ މީހަކު ފެނުމުން، ކޮންމެ ރައްޔިތަކަށްވެސް މިނިވަން ދިވެހި ދިދަޔާއި އެދިދައިން ލިބޭ ފިނި ހިޔަލުގެ ފޮނިކަން އިހްސާސް ކުރެވެންވާނެ ކަމަށްވެސް އެކަމަނާ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ މާރިޔާ ވަނީ، މިދިޔަ 2 އަހަރުދުވަހުގެ ތެރޭގައި، ދިފާޢީ މުއައްސަސާއިން ޙާސިލްކޮށްފައިވާ މުހިންމު ކުރިއެރުންތައް ފާހަގަކުރައްވާފައެވެ. މިގޮތުން، ޖުމްހޫރީދުވަހުގެ މުނާސަބަތުގައި ރައީސް ޞާލިޙް ޤައުމާ މުޚާތަބުކުރައްވައި ވިދާޅުވި ފަދައިން، މިދިޔަ 2 އަހަރުގެ ތެރޭގައި، ރައްޔިތުންނަށް ލިބިދެވުނު އެންމެ ބޮޑު އިންސާނީ ޙައްޤަކީ އަދި ހޯދައިދެވުނު އެންމެ ބޮޑު ކުރިއެރުމަކީ، ހަމަޖެހުމާއި ސުލްޙަ މަސަލަސްކަމާއެކު، ދިރިއުޅެވޭނެ މާޙައުލެއް މިޤައުމުގައި ޤާއިމުކޮށްދެވުން ކަމަށާއި، ކުރިއަށްއޮތްތަނުގައިވެސް، ސިފައިން މަސައްކަތްކުރަމުންދާނީ، މިޞުލްޙަވެރި، އަމާން މާޙައުލު، ދަމަހައްޓައި ނަގަހައްޓައި ދިނުމަށް ކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

މީގެ އިތުރުން، މިދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި، ސިފައިންނަށް ހޯދައިދެވުނު އެންމެ ބޮޑު އެއް ކުރިއެރުމަކީ، ސިޔާސީ ނުފޫޒުން ދިފާޢީ މުއައްސަސާ އެއްކިބާކޮށް، ސިފައިންގެ ކަންކަމުގައި ސިފައިންގެ ޚިޔާލާއި މަޝްވަރާއަށް ފުރުސަތު ހުޅުވާލައި، އެއް ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ މާޙައުލަކަށް ޖާގަދީ، ސިފައިންގެ ތެރޭގައި ޢަދުލު އިންސާފު ޤާއިމްކުރުންކަމަށާއި، މިއަދު، ސިފައިންގެ ކޮންމެ މީހަކަށްވެސް ކުރިއެރުން ޙާސިލްކުރެވޭނީ، ހަމައެކަނި އޭނާގެ ހިތްވަރާއި ފަންވަރާއި މަސައްކަތުން ނަތީޖާ ނެރެގެންކަމަށްވެސް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.
އަދި ހުރިހާ ދާއިރާއެއްގައިވެސް މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށް ރައީސް ޞާލިޙްގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ނަތީޖާއެއްގެ ގޮތުން، އަސާސީ ތަމްރީން ކޯސް ފުރިހަމަކުރާ އަންހެން ސިފައިންގެ ނިސްބަތް، މިދިޔަ 2 އަހަރުދުވަހުގެ ތެރޭގައި، 2 ގުނަ އިތުރުވެފައިވާކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖޭގެ ދިފާޢީ މައި ތަނބުކަމަށްވާ ދިވެހި ސިފައިންގެ ސަފުތައް މިއަދު ވަރަށް ބަދަހިކަމަށާއި، ރައްޔިތުންނަށް ޚިދުމަތްދިނުމުގައި، އެއްވެސް ތަފާތުކުރުމެއްނެތި އަދި ރައްޔިތުންނާ ވަރަށް ގާތުން ސިފައިން މަސައްކަތްކުރަމުންދާކަމަށްވެސް މިނިސްޓަރ މާރިޔާ ވަނީ ވިދާޅުވެފައެވެ.
ޅ.މާފިލާފުށީގައި ހުންނަ އެމް.އެން.ޑީ.އެފްގެ ދަ ބޭސިކް ސްކޫލްގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.
ކޮމެންޓު ފޮނުވާ