ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވާއިރު ރާއްޖޭގައި ކަނޑައެޅޭ ކޮންމެ ސިޔާސަތެއްވެސް ކަނޑައެޅެންވާނީ އިސްލާމީ ޚުދޫދުގެ ތެރެއިން ކަމުގައި ހޯމް މިނިސްޓަރ އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވެއްޖެއެވެ.
އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖެއަކީ އިސްލާމީ ޤައުމަކަށް ވާއިރު ރާއްޖޭގައި ހިންގާ އެކި ކަންކަމާއި ސިޔާސަތުތައް ކަނޑައެޅުމުގައި އިސްލާމޫ މަޝްރޫޢުތަކަށް މަގުފަހިވާންޖެހޭކަމަށެވެ. އެނޫން ގޮތަކަށް އެކަނަކަން ކޮށްގެން ވާނެ ފައިދާއެއް ނޯންނާނެކަމަށް އިމްރާން ވިދާޅުވިއެވެ.
ދިވެހި ރާއްޖެއަކީ އިސްލާމީ ޤައުމަކަށްވީ ހިނދު ރާއްޖޭގެ ސިޔާސީ މަސައްކަތްތައް ސިޔާސަތުތައް ބައްޓަން ކުރަންވާނީ "އިސްލާމީ މަޝްރޫއު" އަށް މަގުފަހިވާ ގޮތަށް. ހަގީގީ މުސްތަގުބަލެއް އޮތީ އެގޮތުގައި.
– މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
މިނިސްޓަރ އިމްރާން މިފަދައިން ވިދާޅުވީ ކޮންކަމަކަށް ކަމެއް ނުވަތަ ކޮން ސިޔާސަތުތަކަށް އަމާޒުކޮށް ކަމެއް ސާފެއް ނުވެއެވެ. ރިޔާސީ އިންތިޚާބު ގާތްވަމުންދާއިރު މިނިސްޓަރ އިމްރާންގެ ޓުވީޓުތައް ގިނަވެ ސިޔާސީ ގޮތުން އެކިއެކި ފާޑުކިޔުންތައް ދަނީ ސޯޝަލް މީޑިއަށް ދޫކޮށްލަމުންނެވެ.
ވެރިކަން ކުރާ ކޯލިޝަންގައި މިހާރުވެސް އޮތް އަދާލަތު ޕާޓީން މިހާތަނަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކުރިއަށްދާނެ ގޮތަކާއި މެދު ވަކި ގޮތެއް ނިންމާފައި ނުވެއެވެ. އެޕާޓީން ދަނީ ކައުންސިލް ބައްދަލުވުންތައް ބާއްވައި މިކަންކަމާއިމެދުވެސް މަޝް ވަރާ ކުރަމުންނެވެ. ނަމަވެސް އެޕާޓީން ބުނެފައިވަނީ ރިޔާސީ އިންތިޚާބުގައި އަދި ވަކި ކެނޑިޑޭޓަކަށް ތާއީދު ކުރުމާއިމެދު ގޮތް ނިންމަން މާ އަވަސްކަމަށެވެ.
ރައީސް ޞާލިހުގެ ސިޔާސަތުތައް ވަރަށް ބޮޑަށް ތާއީދު ކުރައްވާ އަދާލުގެ ވެރިންގެ ނިންމުން ބިނާކުރާނީ ރައީސް ޞާލިހުގެ ސިޔާސީ މަސައްކަތް ކުރިއަށް ރާވާ ގޮތެއްގެ މައްޗަށް ކަމުގައި އިދިކޮޅު ފަރާތްތަކުން ދަނީ ވިދާޅުވަމުންނެވެ.
ކޮމެންޓު ފޮނުވާ