ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަޤާމަށް އެޕާޓީގެ މިހާރުގެވެސް ލީޑަރު ޤާސިމް އިބްރާހިމް ކުރިމަތިލައްވައިފިއެވެ.
މިމަހުގެ 23 އިން 26 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަޤާމަށް ކުރިމަތިލައްވާފައިވާ ހަމައެކަނި ބޭފުޅަކީވެސް މިހާތަނަށް ޤާސިމް އެވެ. ނައިބް ލީޑަރުކަމުގެ މަޤާމަށް އެމަނިކުފާނުގެ އަނބިކަނބަލުން އަދި ޓްރާސްޕޯޓް މިނިސްޓަރ ނަހުލާވެސް ވަނީ ކުރިމަތި ލައްވާފައެވެ. ނަހުލާއާއިއެކު މިމަޤާމަށް އިތުރު 5 ބޭފުޅަކު ވަނީ ކުރިމަތި ލައްވާފައެވެ.
ޖުމްހޫރީ ޕާޓީ އުފެދުނު ފަހުން މިހާތަނަށް އެޕާޓީގެ ލީޑަރުގެ މަޤާމު ފުރުއްވަމުން ގެންދިޔައީ އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްއެވެ. މިމަޤާމުތަކަސް ބޭފުޅުން އިންތިޚާބު ކުރާނީ އެޕާޓީގެ ޤައުމީ ކޮންގްރެސްގައެވެ.
ޕާޓީގެ ލީޑަރުގެ މަގާމު އުވާލުމަށްފަހު، ޕާޓީގެ އެންމެ އިސް މަގާމަކީ ރައީސް ކަމުގެ މަގާމު ކަމުގައި ކަނޑައެޅުމަށް އެޕާޓީގެ ކައުންސިލު ބައްދަލުވުމަށް ހުށަހެޅުނު ނަމަވެސް އެކަން އެގޮތަށް ފާސްވެފައެއް ނުވެ އެވެ.
އެޕާޓީގެ ކައުންސިލުން ޤައުމީ ޖަލްސާ ބޭއްވުމަށް ފާސްކޮށްފައިވަނީ މިމަހުގެ 23 އިން 26 އަށް މާލޭގައެވެ. ގައުމީ ޖަލްސާގެ ރަސްމީބައި މިމަހުގެ 24 އިން 25 އަށް ދަރުބާރޭގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށްވެސް އެޕާޓީގެ ތަރުޖަމާނު އަލީ ޞާލިހު ވިދާޅުވިއެވެ. އަދި ގައުމީ ޖަލްސާގައި ޕާޓީގެ އަސާސީ ގަވާއިދަށް ހުށަހަޅާ އިސްލާހުތަކާއިމެދުވެސް ގޮތްތަކެއް ނިންމިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
އަލީ ޞާލިހު ވިދާޅުވީ ޖުމްހޫރީ ޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމާއިމެދު ގޮތެއް ނިންމާނީ ގައުމީ ޖަލްސާއިން އެކުލަވާލެވޭ އާ ކައުންސިލުންކަމަށެވެ. ކައުންސިލުން ނިންމާގޮތެއްގެ މަތީން އިންތިޚާބުގައި ކުރިއަށްދާނެ ގޮތަކާއިމެދު ގޮތެއް ނިންމިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.