ރާއްޖޭގެ ކޯޓަކުން މިހާތަނަށް ކުރި އެންމެ ހަލާލު އެއް ހުކުމަކީ ރައީސް ޔާމީނަށް ކުރި ހުކުމް ކަމުގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވިއެވެ.
ރިޔާސީ ޓިކެޓް ރައީސް ޞާލިހަށް އެރުވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރޮޒޭނާ ވިދާޅުވީ ދައުލަތުގެ މާލިއްޔާއިން އެތައް މިލިޔަން ރުފިޔާ އަމިއްލަ އެކައުންޓުގައި ބަހައްޓައިގެން ވެރިކަން ކުރެއްވި މީހަކު އެއީ ހިޔާނާތްތެރިއެއް ނޫންކަމަށް ހަދަން އުޅުނަސް އެކަން ނުވާނެކަމަށެވެ. ރައީސް ނަޝީދަށް ކޮށްފައިވާ ހުކުމަށް އިޝާރާތް ކުރައްވާ ރޮޒޭނާ ވިދާޅުވީ އެހުކުމަކީ ހަރާމް ހުކުމެއްކަމަށް އިދިކޮޅު ފަރާތްތަކުން ވިދާޅުވި ނަމަވެސް އެއަަށްވުރެ ހަލާލު ހުކުމެއް ކޯޓަކުން ނުކުރާކަމަށެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ހިންގި އެތައް ވައްކަމެއްގެ މައްސަލައެއް ނުބަލައި ދޫކޮށްލުމަކީ އިންސާފެއް ނޫންކަމަށް ރޮޒޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އާދައިގެ ރިހާކުރު ފުޅިއެއް ވަގަށް ނަގާ މީހާ ޖަލަށް ހުކުމް ކުރާނަމަ ދައުލަތުން ވައްކަން ކުރާ މީހުންވެސް ޖަލަށް ލެވެން ޖެހޭކަމަށެވެ.
އަޅުގަނޑު ދަންނަވާނީ ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމަށްވުރެ ވަކި ހަލާލް ހުކުމެއް ކޯޓަކުން ނުކުރާހެން. މިއަދު ބައެއް ބޭފުޅުން ރިޔާސީ އިންތިޚާބާއި ގާތްވާތީ ހަރާމް ހުކުމޭ ގޮވިޔަސް ޕީޕީއެމް މެމްބަރުންވެސް މިހާރު މާވަރަކަށް ރައީސް ޔާމީން މިނިވަން ކުރާކަށް ނޫޅޭ.
– ރޮޒޭނާ ވިދާޅުވިއެވެ.
ރޮޒޭނާ ވިދާޅުވީ އެމްޑީޕީން ވެރިކަން ކުރާނީ ގާނޫނީ އިމުގެ ތެރެއިންކަމަށެވެ. ރޮޒޭނާ މިހެން ވިދާޅުވިއިރު އިދިިކޮޅު ޕީޕީއެމްއިން ބުނެފައިވަނީ ރައީސް ޔާމީނަށް ކޮށްފައިވަނީ ހަރާމް ހުކުމެއްކަމަށެވެ. އަދި ކޮންމެ ރެއަކު އެޕާޓީގެ ގިނަ މެމްބަރުންތަކެއް ފަނީ މާލޭ މަގުމަތީގައި ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލައި މުޒާހަރާ ކުރަމުންނެވެ.
ވ. އާރަށް ކުށްޔަށް ދިން މައްސަލާގައި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް އުފުލި ދެ ދަޢުވާވެސް ސާބިތުވެ 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދަޢުލަތުން އުފުލާފައިވާ ދެ ދަޢުވާގެ ތެރެއިން މަނީ ލޯންޑަރިންގެ ކުށުގެ ދަޢުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުވުމާގުޅިގެން 7 އަހަރު ދުވަހަށް ޖަލަށް ލުމަށާއި، 5 މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާކުރުމަށް ވަނީ ހުކުމްކޮށްފައެވެ. އަދި ޖޫރިމަނާ ފައިސާ 6 މަސް ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށްވެސް ހުކުމްކޮށްފައިވެއެވެ.
ޔާމީންގެ މިހުކުމާއިއެކު އެމަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ. ނަމަވެސް އިސްތިއުނާފްގެ މަރުހަލާގައި މަތީކޯޓުން ހުކުމް ބާތިލް ކޮށްފިނަމަ އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ކޮމެންޓު ފޮނުވާ