އަނިޔާ ވެރިކަމަށް ނުދިނުމަށް އެމްޑީޕީ މެމްބަރުން އަތާއި އަތްގުޅާލަން އެމްޑީޕީގެ ޗެއާޕާސަން އަލް އުޘްތާޒު ފައްޔާޒު އިސްމާއިލް ގޮވާލައްވައިފިއެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ޞާލިހަށް އެރުވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފައްޔާޒު އިސްމާއިލް ވިދާޅުވީ ވެރިކަމުގެ ހުރިހާ ބާރަކާއި، ރައްޔިތުންނަށް ލިބިގެންދިޔަ ނުހައްގު އެތައް އަނިޔާއެއް ބަދަލު ކުރަން ނިކުތް ބަޔަކީ އެމްޑީޕީކަމަށް ފައްޔާޒު ވިދާޅުވިއެވެ. އޭރު ހާލަތު އޮތީ އެކަކަށް ދެމީހަކަށް އެކަން ބަދަލު ކުރެވޭ ވަރަށްވުރެ ބޮޑު މަސައްކަތެއް ކަމަށެވެ. އެކަން ކަމިޔާބު ކުރީ އެމްޑީޕީގެ މެމްބަރުން ނިކުމެ ކުރި މަސައްކަތުން ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އެތައް ބަޔަކު އަނިޔާއާއި ޖަލުގައިި އެތައް ދުވަހެއް ހޭދަ ކުރަން ޖެހުނު ކަމަށެވެ.
އެމްޑީޕީން ކުރި ކަމަކީ ޒަމާނުއްސުރެ އޮތް އަނިޔާވެރި ވެރިކަން ނިންމައި ރައްޔިތުން އެދޭފަދަ ވެރިކަމެއް ގާއިމް ކުރުމަށް ކަމަށް ފައްޔާޒު ވިދާޅުވިއެވެ. މިއަދުވެސް އަނިޔާވެރިކަން އަލުން އިއާދަކުރަން ބަޔަކު ބޭނުންވާކަމަށް ފައްޔާޒު ވިދާޅުވިއެވެ. އެފުރުސަތު ދިނުމަށް އެމްޑީޕީ ތެރޭންވެސް ބަޔަކު މިއަދު ތިބިކަމީ ހިތާމަވެރިކަމެއްކަމަށް ފައްޔާޒު ވިދާޅުވިއެވެ.
އަނިޔާވެެރިކަމާއި ނާއިންސާފު ދެކުމަށް ދެން ރައްޔިތުން ބޭނުމެއް ނުވޭ. އެހިތި ހަދާންތައް އާކުރާކަށް ބޭނުމެއް ނޫން. ޒާތީ ތައައްސުބުން އެއްކިބާވެ މަސައްކަތް ކުރުމަށް ރައްޔިތުން އެދެނީ. އަޅުގަނޑު އެމްޑީޕީ މެމްބަރުނަށް ގޮވާލާނީ އަލުން އަނިޔާވެރި ސަގާފަތަކަށް ޖާގަ ނުދިނުމަށް އެންމެން އަތް ގުޅުވާލުމަށް. މިކަން ކުރެވޭނީ މިޕާޓީ ވެރިކަމުގައި ތިބެގެން.
– ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ މެމްބަރުންނަކީ އަނިޔާވެރިކަމާއި ދެކޮޅަށް އަބަދުވެސް މަސައްކަތް ކުރާ ޕާޓީއެއްކަމަށެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށް ރައީސް ޞާލިހާއިއެކު ކުރިއަށް ދިއުމަށް އެމްޑީޕީ މެމްބަރުން ނިންމާފައިވާ ނިންމުމާއި އެއްގޮތަށް މެމްބަރުން ކުރިއަށް ވަޑައިގެންނެވުމަސް ފައްޔާޒު ވަނީ ގޮވާލާފައެވެ.
އޭނާ ވިދާޅުވީ ރައީސް ޞާލިހާއި މިސަރުކާރުން ވަނީ އަނީޔާވެރިކަމާއި ބިރުވެރިކަމުން ރައްޔިތުން ސަލާމަތްކޮށްފައިކަމަށެވެ. އެކަން އިޔާދަ ކުރެވޭނީ މިވެރިކަން ދެމިއޮވެގެން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ