ކުރިސްޓިއަކުން މުގައްދަސް ފޮތް ކަމުގައިވާ ބައިބަލްގައި ބަޔާން ކޮށްފައިވާ، އިސާގެފާނު 40 ދުވަހު ރޯދައަށް ހުންނެވިކަމަށް ބުނާފައިދައިން 40 ދުވަހު ނުކައި ނުބޮއި، ރޯދައަށް ހުރި މޮޒަންބީކުގެ ފާދިރީއަކު ބަނޑުހައި ހޫނުކަމުގައި މަރުވެއްޖެއެވެ.
މޮޒަމްބީކުގެ، ސަންޓާ ޓްރިންޑޭޑް އެވަންޖިލިކަލް ޗާރޗްގެ ބާނީ، ފްރެންސިސްކޯ ބަރަޖާހު ނަމަކަށް ކިޔާ މި ފާދިރީ މަރުވެފައިވަނީ އޭނާގެ ހާލު ދެރަވެގެން މޮޒަންބީކުގެ ބެއިރާ ސިޓިގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ ހޮސްޕިޓަލަށް ގެންދެވުނީ އޭނާގެ ހާލު ސީރިއަސްވުމާއި ގުޅިގެން އެމަޖެންސީގައެވެ.
އުމުރުން 39 އަހަރުގެ މި ފާދިރީ އެއްވެސް ކާއެއްޗެއް ނުކައި އަދި ފެންފޮދެއްވެސް ނުބޮއި 25 ދުވަސް ވީފަހުން އޭނާގެ ހާލު ދެރަވެ، ކޮޅަށް ނުހުރެވޭ ވަރަށް ވަރު ދެރަވިއެވެ. ހާލު ދެރަވެގެން އޭނާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އޭނާގެ ފައްޅިއަށް ތާއީދުކުރާ ކުރިސްޓިއަނުންނާއި، އަދި ގާތްތިމާގެ މީހުންނެވެ.
ހޮސްޕިޓަލުން ބުނެފައިވަނީ ބަރަޖާހަށް ފަރުވާ ދީފައިވަނީ "އެކިއުޓު އެނީމިއާ" އަށް ކަމުގައެވެ. އަދި އޭގެ އިތުރުން އޭނާގެ ހަޖަމުކުރާ ނިޒާމު ފެއިލްވެފައިވާކަމަށްވެސް ހޮސްޕިޓަކުން ބުނެފައި ވެއެވެ.
ހާލު ދެރަވެގެން ބަރަޖާހު ހޮސްޕިޓަލަށް ގެންދިއުމާއެކު އޭނާއަށް ޕްރޮޓީން ސީރަމް ދީގެން، އަދި އޭގެ އިތުރުން ދިޔައި ތަކެއްޗާއި ކާނާ ދީގެ އޭނާ "ރީހައިޑްޓްރޭޓު" ކުރެވޭތޯ ޑޮކްޓަރުން މަސައްކަތް ކޮށްފައި ވެއެވެ. "ރީހައިޑްޓްރޭޓު" ކުރުމަކީ، ހަށިގަޑަށް ބޭނުންވާ ދިޔައިތަކެއް އެކީ ހުސްވެދިއުމާއި ގުޅިގެން އަލުން ދިޔައިތަކެތި ހަށިގަޑަށް ފޯރުކޮށް ދިނުމަށް ކިޔާ ނަމެކެވެ.

މި ފާދިރީއަކި، ޒިމްބާބުވޭއާއި އިންވެގެން އޮންނަ ޕްރޮވިންސެއް ކަމުގައިވާ މަނިކާގެ މެދުތެރޭ ޓައުނެއް ކަމުގައިވާ މެސިކާގަައި ފްރާންސް ބަސް ކިޔަވާދޭ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެއްވެސް މެއެވެ.
އޭނާ އުފެއްދި ސަންޓާ ޓްރިންޑޭޑް އެވަންޖިލިކަލް ފައްޅީގެ މެމްބަރުން ބުނެފައިވާ ގޮތުގައި، މި ފާދިރީއާއި އޭނާއަށް ތަބާވާ މީހުން ނުކައި ނުބޮއި ރޯދައަށް މިގޮތަށް ތިބުމަކީ ވަރަށް އާންމު ކަމެއް ކަމުގައެވެ. އެހެންނަމަވެސް މީގެ ކުރިން މިހާ ގިނަދުވަހު އެމީހުން ރޯދައަށް ތިބެފައި ނުވާކަމަށްވެސް އެމީހުން ބުނެފައި ވެއެވެ.
ބަރަޖާހުގެ ބޭބެ މާކުއިސް މެނުއެލް ބަރަޖާހު ބުނެފައިވާ ގޮތުގައި އޭނާގެ ބޭބެ ރޯދައަށް ހުރި ކަމަށާއި، އެހެންނަމަވެސް އޭނާގެ މަރާއި ގުޅޭގޮތުން ޑޮކްޓަރުން ދައްކާފައިވާ ވާހަކަތައް އޭނާ ގަބޫލު ނުކުރާކަމަށެވެ. "ހަގީގަތަކީ އަހަރެންގެ ބޭބެގެ ލޭގެ ޕްރެޝަރަ ދަށަށް ދިޔައީ،" އޭނާ ބުނެފައި ވެއެވެ.
މިއީ، ކުރިސްޓިއަނުންގެ ބައިބަލްގައި، އީސާގެފާނު 40 ދުވަހު ހަނަފަސް ސަހަރާގައި ރޯދައަށް ހުރިކަމަށް ބުނާ އުސޫލުން ރޯދަ ހިފަން އުޅެން ހަދައިގެން މީހަކު މަރުވެދިޔަ ފުރަތަމަ ހާދިސާއެއް ނޫނެވެ.
2015ވަނަ އަހަރުވެސް، ޒިމްބާބުވޭގެ މީހަކު، 30 ދުވަސް ވަންދެން ނުކައި ނުބޮއި ހުރުމުގެ ސަބަބުން މަރުވެފައި ވެއެވެ. އަދި 2006 ވަނަ އަހަރު އިނގިރޭސިވިލާތުގެ މީހަކު މިގޮތަށް ރޯދައަށް ހުންނަން ހަދައިގެން، 20 ވަރަކަށް ދުވަހު ނުކައި ނުބޮއި ހުރުމުގެ ސަބަބުން މަރުވެފައި ވެއެވެ.
ކޮމެންޓު ފޮނުވާ