ފޮރިން ޕޮލިސީ "ފޮރިން" އެއްޗަކަށް ވެގެންނުވާނެކަމަށް ވިދާޅުވެ ޝާހިދު ފާހަގަކުރެއްވީ ކާމިޔާބީ!

ފޮރިން ޕޮލިސީ "ފޮރިން" އެއްޗަކަށް ވެގެންނުވާނެކަމަށް ވިދާޅުވެ ޝާހިދު ފާހަގަކުރެއްވީ ކާމިޔާބީ!

Author
ޢަލީ އާދަމް
16 ފެބްރުއަރީ 2023 10:46
0

ފޮރިން ޕޮލިސީ އަކީ "ފޮރިން" އެއްޗަކަށް ވެގެންނުވާނެކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ ޚާރިޖީ ކާމިޔާބީތައް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ފާހަގަކުރައްވައިފިއެވެ.

ޝަހިދު ކުރެއްވި ޓްވިތްތަކެއްގައި ވިދާޅުވެފައިވަނީ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންކަމަށާ، އަދި މި ބާރުތައް ދެމިއޮންނަނީ ރައްޔިތުންގެ ކިބައިގައިކަމަށެވެ. ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އެންމެ މުހިންމު އަސާސަކީ ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުންކަމަށް ޝާހިދު ވިދާޅުވިއެވެ.

އޭނާ ފާހަގަކުރެއްވިގޮތުގައި ރާއްޖޭގެ ޚާރިޖީ ސިޔާސަތު ކަނޑައަޅައި ހިންގާ، އެސިޔާސަތު ހިނގާނުހިނގާ ގޮތް ބަލައި ބޭރު ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއެކު ގުޅުން ޤާއިމުކޮށް ދެމެހެއްޓުމަކީ ޤާނޫނު އަސާސީއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރެކެވެ. ،އަދި ،ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތުގައި އިސްކުރާނީ ރާއްޖޭގެ އެންމެ މަތީ މަޞްލަޙަތުކަމަށާ، ރާއްކޭގެޚާރިޖީ ސިޔާސަތު ބައްޓަންކުރާނީ އިންސާނީ ޙައްޤުތަކާއި، ޑިމޮކްރަސީއާއި، ކްލައިމެޓް ޗޭންޖް ޑިޕްލޮމެސީގެ މައްޗަށްކަމަށްވެސް ވިދާޅުވިއެވެ.

އަދި އަވަށްޓެރި އިންޑިއާއާއި އަވަށްޓެރި އެހެން ޤައުމުތަކާއެކު އޮތް ގުޅުން ބަދަހިކޮށް އިންޑިއާ ކަނޑުގެ ހަމަޖެހުން ދެމެހެއްޓުމުގައި ރާއްޖޭގެ ދައުރު ފުރިހަމައަށް އަދާކުރައްވާނެކަމަށްވެސް ޝާހިދު ވިދާޅުވެފައިވެއެވެ. ތަރައްޤީގެ މަޝްރޫޢުތަކަށް އެހީތެރިވާ އަދި އެކުވެރިކަމުގެ ގުޅުން ބަދަހިކުރަން ބޭނުންވާ ޤައުމުތަކާއެކު ގުޅުން ބަދަހިކުރައްވާނެކަމަށްވެސް ވިދާޅުވެފައިވެއެވެ.

ޝާހިދު ފާހަގަކުރައްވާފައިވާ ރާއްޖެއަށް ޚާރިޖީ ދާއިރާގައި ކާމިޔާބު ބައެއް ކަންކަން:

1. އދ.ގެ މެމްބަރު ޤައުމުތަކުގެ 94 އިންސައްތަ ޤައުމުތަކާއެކު ސިޔާސީ ގުޅުން ޤާއިމުކޮށްފަ.
2. 17 ޤައުމެއްގައި ދިވެހިރާއްޖޭގެ އެމްބަސީ ނުވަތަ މިޝަން އެބަހުރި. އަދި 2 ކޮންސިއުލޭޓް އެބަހުރި.
3. 25 ޤައުމަކަށް ނޮން ރެޒިޑަންޓް ސަފީރުންގެ ގޮތުގައި ސަފީރުން ޢައްޔަން ކުރެވިފަ އެބަހުރި.
4. 96 ބައިނަލްއަގްވާމީ ޖަމިއްޔާތަކުގެ މެންބަރުކަން ހޯދާފައިވޭ
5. 237 ބައިނަލްއަޤްވާމީ އެއްބަސްވުން، ކޮންވެންޝަން އަދި ޓްރީޓީގައި ބަެއިވެރިވެފައިވޭ.
6. މި ވޭދުވެދިޔަ 57 އަހަރު ހޯދާފައިވާ އެންމެ ބޮޑު ކާމިޔާބީއަކީ ދުނިޔޭގެ ބޮޑެތި ގައުމުތަކާ އަރާ އެއްހަމައެއްގައި، ބަސްބުނާ ބަސްވިކޭ، އަދި އެ ގައުމުތަކުގެ އިހްތިރާމް ލިބިފައިވާ ގައުމެއްކަމަށް ރާއްޖެވުން.
7. ދިވެހިރާއްޖެއަކީ ކުދި ޖަޒީރާ ގައުމުތަކުގެ ޗެމްޕިއަނެއް. ތިމާވެއްޓާ ގުޅޭ ކަންކަމުގައި ދިވެހިރާއްޖެއާ ނުލައި މަޝްވަރާނުކުރެވޭ. 8. އަޅުގަނޑުމެންގެ އެއްވެސް ދުޝްމަނެއް ނެތް. އަޅުގަނޑުމެންގެ ތިބޭނީ ހުސް ރައްޓެހިން. ހުރިހާ ޤައުމަކާއެކުވެސް ގާތްގުޅުމެއް މިދަނީ ބާއްވަމުން.
9. އިޤްތިޞާދީ ތަރައްޤީ ހާސިލްކުރެވުން. ރާއްޖެއަކީ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން ގްރެޖުއޭޓް ވި 3 ވަނަ ޤައުމު. ދިވެހިރާއްޖެ ވެގެން ގޮސްފައިވަނީ ގައުމުތަކުން ފޯރުކޮށްދިން ހިލޭ އެހީ އެންމެ ފައިދާ ހުރިގޮތުގައި ބޭނުންކުރި މަދު ގައުމުތަކުގެ ތެރެއިން ގައުމަކަށް.
10. އިންސާނީ ވަސީލަތްތައް ކުރިއެރުވުމަށް ފުރުޞަތުތައް ލިބިފައިވޭ.

ރާއްޖޭގެ ޚާރިޖީ ސިޔާސަތު މިސަރުކާރުގައި މާބޮޑަށް އިންޑިއާއަށް ބުރަވެ "އިންޑިއާ އޮންލީ" ސިޔާސަތެއް ގެންގުޅުއްވާކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އަންނަނީ ތުހުމަތުކުރަމުންނެވެ. އަދި ސިއްޔާތުގައި ރާއްޖޭގެ އިސްތިޤުލާލަށް ގެއްލުންވާގޮތަށް އިންޑިއާއާއެކު ސަރުކާރުން ޑީލްތަކެއް ހަދައި އިންޑިއާގެ އަސްކަރީ ސިފައިން ރާއްޖޭގެ އެކި ހިސާބުތަކުގައި ބައިތިއްބާފައިވާކަމަށްވެސް އިދިކޮޅުން ތުހުމަތުކުރެއެވެ. އެއާއެކު "އިންޑިއާ އުއުޓު"ގެ ނަމުގައި އިދިކޮޅުން އަންނަނީ ކެމްޕެއިނެއްވެސް ހިންގަމުންނެވެ.
އެހެންނަމަވެސް މުހުރިހާ ތުހުމަތުތަކެއް ސަރުކާރުން ދޮގުކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.