އަންހެން ސެކިއުރިޓީން ލައްވައި ފިރިހެން މެމްބަރުން ނެރެން ނުޖެހޭ ގޮތަށް އިސްލާހު ހުށަހަޅައިފި

އަންހެން ސެކިއުރިޓީން ލައްވައި ފިރިހެން މެމްބަރުން ނެރެން ނުޖެހޭ ގޮތަށް އިސްލާހު ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގަދަކަމުން ތަޅުމުން ނެރެން ޖެހޭ ހާލަތްތުގައި އަންހެން ސެކިއުރިޓީން ފޮނުވައިގެން އެކަން ކުރަން ނުޖެހޭ ގޮތަށް މަޖިލީހުގެ ގަވާއިދު އިސްލާހުކުރަން ހުށަހަޅުއްވައިފިއެވެ.

މިއިސްލާހު ހުށަހެޅުއްވި ގަރާރު މަޖިލީހަށް ހުށަހެޅުއްވި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އެވެ. މަޖިލީހުގެ ގަވާއިދު މިހާރު ބުނާގޮތުން މަޖިލީހުން ނަން އިއްވާ މެމްބަރުން ނެރުމުގައި އަމަލުކުރާނެ ވަކި ގޮތެއް ބަޔާންކޮށްފައި ނުވެއެވެ. ނަމަވެސް ރޮޒޭނާ ވަނީ މަޖިލީހުގެ ގަވާއިރުގެ 23 ވަނަ މާއްދާގެ (ބ) އަށް އިސްލާހު ހުށަހަޅާފައެވެ. މި އިސްލާހުގައި ބުނެފައިވަނީ މަޖިލީހުން ނަން އިއްވައި ތަޅުމުން ނެރެން އަންގާ މެމްބަރުންގެ ތެރެއިން ފިރިހެން މެމްބަރުން ނެރޭނީ ފިރިހެން ސެކިއުރިޓީން ކަމަށެވެ. އަދި އަންހެން މެމްބަރުން ނެރޭނީ އަންހެން ސެކިއުރިޓީން ކަމަށެވެ.

މަޖިލީހުގެ މިދިޔަ ހަފްތާގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ މަޖިލީހުގެ ފިރިހެން މެމްބަރުންތަކެއް ތަޅުމުން ނެރެން ޖެހުނީ އަންހެން ސެކިއުރިޓީން އަމިއްލައަށް ބޭނުންވެގެން ނޫން ކަަމަށެވެ. މަޖިލިސް ހުޅުވި ޖަލްސާގައި ހިނގައިދިޔަ އެ ހާދިސާއާ ގުޅުވައި އަންހެން ސެކިއުރިޓީން ބަދުނާމުކޮށް ހަޑިހުތުރު ބަހުން ސޯޝަލްމީޑިއާގައި ފުރައްްސާރަކޮށް ހެދުން އޭނާ ވަނީ ކުށްވެރި ކުރައްވައިފައެވެ.

މަޖިލިސް ހުޅުވުމުގެ ޖަލްސާގައި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު އާއި ފެލިދޫ ދާއިރާގެ މެމްބަރު ފަޒުލް ރަޝީދު ނެރެން އަންހެން ސެކިއުރިޓީން ހަރަކާތްތެރިވާން ޖެހުނީ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ނެރެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެންގެވުމުންނެވެ. ސައީދު އަތުގައި ހިފައި އަންހެން ސެކިއުރިޓީން އޭނާ ނެރެނިކޮށް ފޮޓޯ އާއި ވީޑިއޯ ބޭނުންކޮށްގެން ލަވަ ހަދައި ވެސް އާއްމުކޮށްފައިވެއެވެ.

އަންހެން ސެކިއުރިޓީންގެ ގޮތުގައި މަސައްކަތް ކުރަނީ މަދު އަންހެނުންތަކެއް ކަން ފާހަގަކުރައްވައި ރޮޒައިނާ ވިދާޅުވީ އެފަދަ ދާއިރާތަކުގައި ތިބޭ މީހުން ބަދުނާމުކޮށް އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކުން އަގުވައްޓާލުން ބަލައިނުގަނެވޭ ކަމަށެވެ. މިއީ އެފަދަ ދާއިރާތަކުގައި ތިބި އަންހެންނަށް އަދި ނުކުންނަން ތިބި މީހުންނަށް ވެސް ކުރިމަތިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ވިދާޅުވިއެެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

Leave a Reply

Your email address will not be published. Required fields are marked *