އިންޑިއާއަށް ގޮސް އުޅެނިކޮށް އެ ގައުމުގެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް އިއްޔެ ގެންދިޔަ ޕީޕީއެމްގެ ހުޅުމާލޭ ދާއިރާގެ ރައީސް އަބްދުއްސަމަދު އެ ގައުމުން ޑީޕޯޓްކޮށްލައިފިއެވެ.
ޕީޕީއެމް އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ އިއްޔެގެ ވަގުތެއްގައި ޢަބްދުއްޞަމަދު ފޭސްބުކް އަށް ދޫކޮށްލައްވާފައިވާ ވީޑިއޯއަކުން އެނގޭ ގޮތުގައި ޕާސްޕޯޓް މައްސަލައެއް އުޅޭކަމަށް ބުނެ އިންޑިއާގެ އިމިގްރޭޝަނަށް ހާޒިރު ކުރިކަން އެނގެން އެބައޮތެވެ. އަދި އިންޑިއާއިން މިއަދުގެ މެންދުރު މާލެ އަންނަ ފްލައިޓަކުން މާލެ ފޮނުވާލާކަމަށް ޢަބްދުއްޞަމަދުގެ ގާތް ރަޙުމަތްތެރިންގެ ފަރާތުން މަޢުލޫމާތު ލިބުނުނަމަވެސް، މިއަދުގެ އެއްވެސް ފްލައިޓަކުން މާލެ ގެނެވިފައެއް ނުވާކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.
ޢަބްދުއްޞަމަދު ވީނުވީއެއް ނޭނގި ގެއްލުމާގުޅިގެން ޕީޕީއެމްގެ ފަރާތުން މިހާރުވާނީ ފޮރިން މިނިސްޓްރީއަށާއި، ޖެންޑަރ މިނިސްޓްރީއަށާއި ހިއުމަން ރައިޓްސްކޮމިޝަނަށް ސިޓީ ފޮނުވާފައި ކަމަށާއި އެގޮތުން ޢަބްދުއްޞަމަދު އާއި ބެހޭ މަޢުލޫމާތު އިންޑިއާ ސަރުކާރާއި ގުޅިގެން ހޯއްދަވައިދެއްވައި އަބްދުއްޞަމަދާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ވީ އެންމެ އަވަހަކަށް ޕީޕީއެމް ޙިއްސާކޮށްދެއްވުމަށް އެދިފައިވާނެ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.
ޢަބްދުއްޞަމަދު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ދަރިފުޅު ބަލިވެގެން ހޮސްޕިޓަލަށް ދެއްކުމަށްޓަކައި ބެންގަލޫރުގެ މަނިޕާލް ހޮސްޕިޓަލްގައި ހުއްޓާކަމަށް ޢާއިލާއިން ބުނެއެވެ. އަދި އޭނާ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް ވީނުވީއެއް ނޭނގިފައިވާއިރު، އަނބިކަބަލުންނާއި ދަރިފުޅަށްވަނީ ކުއްލި ސިހުމާއި ބިރުވެރިކަމާއި ކުރިމަތިލާން ޖެހިފައެވެ. ބަޔާނުގައި ބުނެފައި ވެއެވެ.
އަބްދުއްސަމަދަކީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހިންގާ އިންޑިއާ އައުޓް ކެމްޕޭނުގައި ބައިވެރިވެ އަދި އިންޑިއާއާ ދެކޮޅަށް އަޑު އުފުލަން ބާއްވާ މުޒާހަރާތަކުގައި ވެސް އިސްކޮށް އުޅޭ މީހެކެވެ. ބައެއް މުޒާހަތާތަކުން އޭނާ ހައްޔަރުކޮށްފައިވެެެސްވެއެވެ. މީގެކުރިން ވެސް ޕީޕީއެމްއަށް ނިސްބަތްވާ ބައެއް މީހުން އިންޑިއާގައި ހުއްޓުވައި ސުވާލުކޮށްފައިވެއެވެ.
ޕީޕީއެމްއިން ގެންދަނީ "އިންޑިއާ އައުޓް"ގެ ނަމުގައި ސިޔާސީ ކެމްޕެއިނެއް ކުރަމުންނެވެ. އެ ކެމްޕެއިން ކުރަނީ އިންޑިއާގެ ނުފޫޒު ރާއްޖޭގެ މައްޗަށް ގަދަކުރަމުންދާ ކަމަށް ބުނެ, އެކަމާ ދެކޮޅަށް އަޑު އުފުލުމުގެ ގޮތުންނެވެ.