ޤާނޫނުގައި ބުނާ ޢަދަދަށް މެމްބަރުން ހަމަނުވެގެން އުވާލަން ނިންމާފައިވާ ދިވެހިރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)އިން އެޕާޓީގެ ލީޑަރު ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު ވަކިވެވަޑައިގެންފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް އިސްމާޢީލް ޙަބީބު ބައެއް މީޑިއާތަކުގައި ވިދާޅުވެފައިވަނީ ޖާބިރު ޑީ.އާރު.ޕީގެ ވަގުތީ ލީޑަރު ކަމުންނާއި، އެޕާޓީގެ މެންބަރު ކަމުން އިސްތިއުފާ ދެއްވާފައިވާކަމަށެވެ. މިއާއެކު ޑީއާރުޕީގެ ދަރަންޏަށް ޒިންމާވާނެ ފަރާތަކާމެދު ވަނީ ސުވާލު އުފެދިފައެވެ. މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި ހަބީބު ވިދާޅުވެފައިވަނީ ސިޔާސީ ޕާޓީތަކުގެ ދަރަންޏަށް ޒިންމާވާންޖެހޭ ފަރާތެއް ޤާނޫނުގައި ކަނޑައެޅިފައި އޮތުމަކީ މުހިންމު ކަމެއްކަމަށެވެ. ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި މިހާރަކު އެބައެއް ނެތެވެ.
ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އުވާލަން ނިންމި މައްސަލަ ދެފަހަރެއްގެ މަތިން އެޕާޓީގެ ފަރާތުން ހައިކޯޓަށް ހުށަހަޅަން ނިންމިއެވެ. ފުރަތަމަ ފަހަރު ހުށަހެޅި މައްސަލަ އެކޯޓުން ބޭރުކޮށްލުމުން ދެވަނަފަހަރަށް މައްސަލަ ހުށަހަޅަނީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައިކަމަށް ޑީއާރުޕީން ބުނެފައިވެއެވެ.
ސިޔާސީ ޕާޓީއެއް ވުޖޫދުގައި އޮތުމަށް ސިޔާސީ ޕާޓީގެ ޤާނޫނު ލާޒިމުކުރާ 3،000 މެންބަރުން ހަމަކުރުމަށް ޑީއާރްޕީއަށް ގާނޫނުގެ ދަށުން ދެވުނު ތިން މަސް ދުވަހުގެ މުއްދަތު މިދިޔަ އޮކްޓޫބަރު 25 އަށް ހަމަވިއިރު 3،000 މެންބަރުން އެ ޕާޓީއަށް ހަމަވެފައިނުވާތީ އެޕާޓީ އުވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ވަނީ ފަށާފައެވެ. އަދި ޑިސެމްބަރު މަހު އެޕާޓީ ވަނީ އުވާލާފައެވެ.
އެޕާޓީ އުވާލަން ނިންމިއިރު އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޑީއާރުޕީގެ ޓިކެޓްގައި ވާދަކުރުމަށް އެޕާޓީގެ ލީޑަރު، ކާށިދޫ ދާއިތާގެ މެމްބަރު ޖާބިރު އޮތީ ނިންމަވާފައެވެ. އެހެންކަމުން ޑީއާރުޕީން ވަނީ މިމައްސަލަ ކޯޓަށް ހުށަހަޅާފައެވެ. ޕާޓީ އުވާލާތީ މިދިޔަ މަހުގެ 24ވަނަ ދުވަހު ހައިކޯޓަށް ހުށަހެޅި މައްސަލައަކީ އެކޯޓަށް ބެލޭނެ މައްސަލައެއް ނޫންކަމަށް ހައިކޯޓުން ވަނީ ބުނެފައެވެ.
އާރުޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރުވަނީ އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަހުން ފައްޓަވާފައެވެ. ޖާބިރު ވިދާޅުވެފައިވަނީ އޭނާގެ އާ ޕާޓީއަށް ކިޔާނީ ގްރީން ޕާޓީ އޮފް ދަ މޯލްޑިވްސް (ޖީޕީއެމް) ކަމަށެވެ.
ޑީއާރުޕީއަކީ ރާއްޖޭގައި އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރި އެއް ޕާޓީއަށްވާއިރު އެޕާޓީގެ ފުރަތަމަ ރައީސަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމެވެ. ޑީއާރުޕީ ބައިބައިވެ މެމްބަރުން އެހެން ޕާޓީތަކަށް ބަދަލުވީ އެޕާޓީގެ އޭރުގެ ލީޑަރޝިޕްގައި އުފެދުނު ޚިޔާލް ތަފާތުވުންތަކުގެ ތެރެއިން ޕީޕީއެމްގެ އުފެދުނު ހިސާބުންނެވެ.