ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރަމުން އަންނަ އަމީނީ މަގުގައި މިހާރު ނިމިފައިވާ ސެގްމަންޓުތަކުގައި ތާރުއެޅުމަށްޓަކައި އެމްޓީސީސީން އެސަރަޙައްދުގައި އޭބީސީ ފަށަލަ އަޅަން ފަށައިފިއެވެ.
އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) ފަށަލަ އެޅުމުގެ މަސައްކަތް އެމްޓީސީސީން މިހާރު ކުރިއަށްގެންދާއިރު މިމަސައްކަތް އެމްޓީސީސީއާ ޙަވާލުކުރީ ހުކުރުދުވަހުއެވެ. މިމަރުޙަލާއަށްފަހު ދެން އޮންނާނީ ތާރު އެޅުމެވެ.
އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ތާރުއަޅައިގެން މަގުހެދުމަށް ކުރަމުންދާ މަސައްކަތް ނިމޭނީ މިއަހަރުގެ ސެޕްޓެމްބަރު މަހަށް ކަމުގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމްވަނީ ވިދާޅުވެފައެވެ.
މި މަސައްކަތް ކުރުމަށް އާރުޑީސީއާ ހަވާލުކޮށްފައިވަނީ 210 ދުވަސް ތެރޭ ނިންމާގޮތަށެވެ. 84 މިލިއަން ރުފިޔާގެ މި މަޝްރޫއު އެއްބަސްވުމާއި އެއްގޮތަށް ނިންމާނަމަ މި ފެބްރުއަރީ މަސް ތެރޭ ނިންމެން ޖެހެއެވެ. އެހެން ނަމަވެސް މަގުގެ 10 އިންސައްތަވެސް އަދި ނުނިމެއެވެ. 13 ސެގްމެންޓަކަށް ބަހާލައިގެން މަސައްކަތް ކުރިއަށްދާ އަމީނީ މަގުގެ ފުރަތަމަ ސެގްމަންޓުގެ ޢަމަލީ މަސައްކަތް އާރް.ޑީ.ސީން ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 12 ވަނަ ދުވަހުއެވެ. މި ސެގްމަންޓުގެ މަސައްކަތް ކުރިއަށްގެންގޮސްފައި ވަނީ ހެންވޭރު ސަރަޙައްދުން ބޮޑުތަކުރުފާނުމަގާއި އަމީނީމަގު ގުޅޭ ހިސާބުން ފެށިގެން އިރުދޭމާ ހިނގުމާއި ހަމައަށެވެ. އެއީ ގާތްގަނޑަކަށް 105 މީޓަރުގެ ސަރަޙައްދެކެވެ.
އަމީނީ މަގު ހަދަން ހަވާލުކުރި މަޝްރޫއަށް މީގެ ކުރިން ވަރަށް ބޮޑަށް ފާޑު ކިއުން އަމާޒުވެފައި ވެއެވެ. ހާއްސަކޮށް އެ މަޝްރޫއަށް 84 މިލިއަން ރުފިޔާ ހޭދަކުރުމާއި އެކު އެ މަގު ހަދަން ގަސްތައް ކެނޑުމުން ގިނަ ބައެއްގެ ނުރުހުން އަމާޒުވިއެވެ.
އެންމެފަހުން މަގުގައި ތާރުއެޅުމާހަމައަށް މަސައްކަތް ނިމިފައިވާ ސަރަޙައްދުގައި ތާރުއެޅުން ލަސްވާތީ އެމްޓީސީސީއާ މިވަނީ ޙަވާލުކޮށްފައެވެ. އެއީ ހެންވޭރު ކޮޅުން ފެށިގެން ސްޓެލްކޯ ބިލްޑިންގާ ހަމައަށް ހިމެނޭ ސަރަޙައްދެވެ.
ކޮމެންޓު ފޮނުވާ