ތާރައަޅާ މެޝިން ބަހައްޓާނެ ބިމެއް ނެތްކަމަށް ބުނެ، އަމީނީ މަގުގަ ތާރައެޅުން އެންމެ ފަހުން އެމްޓީސީސީއަށް

ތާރައަޅާ މެޝިން ބަހައްޓާނެ ބިމެއް ނެތްކަމަށް ބުނެ، އަމީނީ މަގުގަ ތާރައެޅުން އެންމެ ފަހުން އެމްޓީސީސީއަށް

Author
ހުސެއިން
11 ފެބްރުއަރީ 2023 08:17
0

ތާރައަޅާ މެޝިން ބަހައްޓާނެ ތަނެއް ނެތްކަނަށް ބުނެ، ދިގުލައިގެން ގޮސްފައިވާ އަމީނީ މަގުގެ ތާރައެޅުމުގެ މަސައްކަތް އެންމެފަހުން އެމްޓީސީސީއާއި ހަވާލު ކޮށްފިއެވެ.

7 މަސްދުވަހުން މަސައްކަތް ނިންމާގޮތަށް، ފާއިތުވެދިޔަ އަހަރު މެދުތެރޭގައި އަމީނީ މަގުގެ ހެދުމުގެ މަސައްކަތް 80 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަގަކަށް އާރުޑީސީއާއި ހަވާލުކުރި ނަމަވެސް އެމަގުގެ މަސައްކަތް ކުރިޔަށް ނުގޮސް ދިގުލައިގެން ދާތީ އާންމުންނާއި ސިޔާސީ ފަރާތްތަކުގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.

އަދި އެމަގު ނުހެދި ދިގުލައިގެން ދާތީ އާންމު ރައްޔިތުންނަށް ދަނީ ބޮޑެތި ދަތިތަކާއި ކުރިމަތި ވަމުންނެވެ،

އެހެންނަމަވެސް ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކުރަމް ކަމާލުއްދީން ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އަމީނީމަގު ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމަށް ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން، އާންމުންނަށް ހުޅުވާލާފައިވާ ސަރަހައްދުގައި ތާރު އެޅުމަށް އާރުޑީސީން މިހާރު އެ މަސައްކަތް އެމްޓީސީސީއާއި ހަވާލު ކޮށްފައިވާ ކަމުގައެވެ.

އޭނާ އިތުރަށް ވިދާޅުވެފައިވަނީ މިކަން މިގޮތަށް ކޮށްފައިވަނީ އާރުޑީސީގެ ތާރު މެޝިން ބައްހައްޓާނެ ބިމެއް އަދި ކަނޑައެޅިފައިނުވާތީކަމުގައެވެ. އަދިނ ބިން ހަމަޖެހުނުހާ އަވަހަކަށް އާރްޑީސީގެ ތާރު މެޝިން ބަހައްޓައިގެން، އަމީނީމަގުގެ ދެން އޮތް ބައިގައި ތާރުއެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށްވެސް އަކުރަމް ވިދާޅުވެފައި ވެއެވެ.

1.7 ކިލޯ މީޓަރުގެ އަމީނީމަގު ތާރަ އަޅައިގެން ރަގަޅު ފެންވަރަކަށް ހެދުމަށް 84 މިލިއަން ދިވެހި ރުފިޔާއަށް، އާރުޑީސީއާއި ހަވާލު ކޮށްފައިވަނީ 2022 ވަނަ އަހަރުގެ ޖުލައިމަހުގެ 3 ވަނަ ދުވަހުއެވެ. އާރުޑީސީއާއި މިމަސައްކަތް ހަވާލުކުރީ 210 ދުވަހުގެ (7 މަސްދުވަހުގެ) ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. އެހެން ނަމަވެސް މަގުގެ 10 އިންސައްތަވެސް އަދި ނުނިމެއެވެ.

ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ފާއިތުވި ހަފްތާގައި ރައްޔިތުންގެ މަޖިލިހުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ތާރުއަޅައިގެން މަގުހެދުމަށް ކުރަމުންދާ މަސައްކަތް ނިމޭނީ މިއަހަރުގެ ސެޕްޓެމްބަރު މަހަށް ކަމުގައެވެ.

13 ސެގްމެންޓަކަށް ބަހާލައިގެން މަސައްކަތް ކުރިއަށްދާ އަމީނީ މަގުގެ ފުރަތަމަ ސެގްމަންޓުގެ ޢަމަލީ މަސައްކަތް އާރް.ޑީ.ސީން ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 12 ވަނަ ދުވަހުއެވެ. މި ސެގްމަންޓުގެ މަސައްކަތް ކުރިއަށްގެންގޮސްފައި ވަނީ ހެންވޭރު ސަރަޙައްދުން ބޮޑުތަކުރުފާނުމަގާއި އަމީނީމަގު ގުޅޭ ހިސާބުން ފެށިގެން އިރުދޭމާ ހިނގުމާއި ހަމައަށެވެ. އެއީ ގާތްގަނޑަކަށް 105 މީޓަރުގެ ސަރަޙައްދެކެވެ.

އަމީނީ މަގު ހަދަން ހަވާލުކުރި މަޝްރޫއަށް މީގެ ކުރިން ވަރަށް ބޮޑަށް ފާޑު ކިއުން އަމާޒުވެފައި ވެއެވެ. ހާއްސަކޮށް އެ މަޝްރޫއަށް 84 މިލިއަން ރުފިޔާ ހޭދަކުރުމާއި އެކު އެ މަގު ހަދަން ގަސްތައް ކެނޑުމުން ގިނަ ބައެއްގެ ނުރުހުން އަމާޒުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.