ނިކަމެތި އެތައް ބަޔަކު އިންސާފު ނުލިބި ދުވަސްތައް ގުނަމުން ދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ޖުޑީޝަރީ މިނިވަންވެ އަދުލު އިންސާފު ގާއިމް ކުރެވިފައިވާ މިންވަރާއިމެދު ރައްޔިތުން ހިތްހަމަޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ރޭ ވަނީ ވިދާޅުވެފައެވެ. ޖުޑީޝަލް އަހަރު ފެށުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ މެދުގައި އިންސާފުން މައްސަލަތައް ނިންމޭނީ އިސްލާމީ ޝަރީއަތާއި ގާނޫނާ އެއްގޮތަށް ހުކުމް ކޮށްގެން ކަމަށެވެ. އެ މިނިވަންކަން ފަނޑިޔާރުންނަށް ގާނޫނުއަސާސީން ދީފައިވާ ކަން ފާހަގަ ކުރައްވައި، މިހާރު ޝަރުއީ ދާއިރާ ހިނގަމުން ދަނީ އެއްވެސް ނުފޫޒެއް ނެތި ފުރިހަމަ މިނިވަންކަމާ އެކު ކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ޖުޑީޝަރީގެ ހާލަތު މިނިވަންކުރުމަށް އުދިކޮޅުން ތަކުރާރުކޮށް ގޮވަމުންދާ މިދަނޑިވަޅުގައި ރައީސް ދެއްކެވި ވާހަތަކާއި ގުޅިގެން މެމްބަރު އާމިރު ވިދާޅުވީ ރާއްޖޭގެ ޝަރުއީ ދާއިރާ އަދިވެސް ހިނގަމުންދަނީ ވަކި ބަޔަކަށް ފައިދާވާގޮތަށް ކަމަށެވެ. ބޭނުންވާ ވަކި މައްސަލަތަކެއް ވަރަށް ބާރަށް ކުރިއަށްދާއިރު، ބޭނުންވާ މައްސަލަތައް ހުއްޓި އެތައް ބަޔަކު އިންސާފަށް އާދޭސް ކުރަމުންދާކަމީ މިހާރުވެސް ހަގީގަތްކަމަށް އާމިރު ވިދާޅުވިއެވެ.
ޝަރުއީ ދާއިރާ މިނިވަން ވުމަކީ އެންމެންނަށް އިންސާފު ލިބުން، މިޤައުމުގާ އަދި އެތަނެއް ނުފެނޭ. ބޭނުން ޝަރީއަތެއް އަވަސްކޮށް ބޭނުން ނުވާ ޝަރީއަތެއް ލަސް ކުރުމަކީ އަދުލު ދަންނާނެ ކަމެއްނޫން. ނިކަމެތި އެތައް ބަޔަކު އިންސާފު ނުލިބި ދުވަސްތައް ގުނަމުން އެބަދޭ.
– މެމްބަރު އާމިރު ވިދާޅުވިއެވެ.
އަދުލު އިންސާފު ލިބުމުގައި އޮތް އެންމެބޮޑު ގޮންޖެހުމަކީ ގިނަ ބަޔަކު ދެކޭ ގޮތުގައި ޖޭއެސްސީ މިނިވަން ނުވުމެވެ. ޖޭއެސްސީގައި ސިޔާސީ މީހުން ތިބިހާ ދުވަހަކު ޖުޑީޝަރީ މިނިވަން ނުވާނެކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ރޭގެ ޖަލްސާގައި ރައީސް ވިދާޅުވީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވޭ ގޮތް ބަދަލުކުރަން މި އަހަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަން ފާހަގަ ކުރައްވައި، އެ ބަދަލު ގެނަޔަސް ޝަރުއީ ދާއިރާ ތަރައްގީ ކުރަންޖެހޭ މަސައްކަތް އަބަދުވެސް ކުރަން ޖެހޭކަމަށެވެ.
ރައީސް ވިދާޅުވީ، ޝަރުއީ ދާއިރާގެ ބަޖެޓް އަހަރުން އަހަރަށް އިތުރު ކުރަމުން ދަނީ ވެސް ރައްޔިތުންނަށް ފަސޭހައިން އިންސާފް ލިބޭނެ ގޮތް ހަމަޖެއްސުމަށް ކަމަށެވެ. އަދި ގާނޫނު އިސްލާހުކޮށް، ޑިސްޓްރިކް ކޯޓާއި ސާކިޓް ކޯޓު އުފެއްދުމާ އެކު މައްސަލަތައް އަވަހަށް ނިމޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.