ފީފާ އިން ހޮވާ އަހަރުގެ އެންމެ މޮޅު ކޯޗުގެ މަގާމަށް ވާދަކުރާ ކޯޗުންގެ ތެރޭގައި އިނގިރޭސި ކްލަބް ލީޑްސް ޔުނައިޓެޑް ޕްރިމިއާ ލީގަށް ކޮލިފައި ކޮށްދިން އާޖެންޓީނާއަށް އުފަން މާސެލޯ ބިއެލްސާ ހިމެނިއްޖެއެވެ.
ބިއެލްސާގެ ކޯޗުކަމުގައި މިދިޔަ ސީޒަނުގައި ލީޑްސް ވަނީ އިނގިރޭސި ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައެވެ. 16 އަހަރު ފަހުން އެޓީމު ޕްރިމިއާ ލީގަށް ކޮލިފައި ކޮށްދިނުމަށް ފަހު ބިއެލްސާގެ ކޯޗުކަމުގައި ލީޑްސް އިން މި ސީޒަނުގައި އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. ބިއެލްސާގެ ކޯޗު ކަމުގައި ލީގުގައި ލީޑްސް ޔުނައިޓެޑުން އަންނީ ބޮޑެތި ޓީމުތައް ކައިރީގައި ރަނގަޅުު ނަތީޖާތަކެއް ހޯދަމުންނެވެ.
ބިއެލްސާ ވަނީ މީގެ ކުރިން އާޖެންޓީނާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމާއި ސްޕެއިންގެ އެތުލެޓިކް ބިލްބާއޯ އަދި ފްރާންސްގެ ލިލް ގައި މަސައްކަތްކޮށްފައެވެ. އެންމެ ދިގު މުއްދަތެއްގައި ބިއެލްސާ އިރުޝާދު ދިނީ އާޖެންޓީނާ އާއި މެކްސިކޯގެ ކްލަބްތަކުގައެވެ. މިހާރު އުމުރުން 65 އަހަރުގެ ބިއެލްސާ ކޯޗިން ކެރިއަރު ފަށާފައިވަނީ 1980 ވަނަ އަހަރުއެވެ.
ބިއެލްސާއާ އެކު ފީފާގެ އެންމެ މޮޅު ކޯޗުގެ މަގާމަށް ވާދަކުރަނީ ބަޔާން މިއުނިކްގެ ހަންސީ ފްލިކް އާއި ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕްގެ އިތުރުން ސެވިއްޔާ އަށް ޔޫއެފާ ޔޫރޮޕާ ލީގު ކާމިޔާބުކޮށްދިން ހޫލެން ލޮޕެޓެގީ އަދި ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާންއެވެ.
ބަޔާން މިއުނިކްގެ ކޯޗު ފްލިކް ވަނީ މިދިޔަ ނޮވެންބަރު މަހު ކޯޗުގެ މަގާމާ ހަވާލުވެ މިދިޔަސީޒަނުގައި އެޓީމަށް ފަސް ތަށި ކާމިޔާބު ކޮށްދީފައެވެ. އޭގެތެރޭގައި ޖަރުމަނުގެ ހުރިހާ ތަށްޓެއްގެ އިތުރުން ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ތަށިވެސް އެޓީމަށް ފްލިކް ވަނީ ކާމިޔާބުކޮއްދީފައެވެ. ލިވަޕޫލްގެ ޔާގޮން ކުލޮޕް ވަނީ 30 އަހަރުފަހުން ލިވަޕޫލްއަށް މިދިޔަސީޒަންގައި އިނގިރޭސި ލީގު ތަށި ހޯދައިދީފައެވެ.
ލޮޕެޓެގީ ވަނީ ސެވިއްޔާ ގޮވައިގެން ނުކުމެ މިދިޔަސީޒަންގެ ޔުރަޕާ ލީގު އެކުލަބަށް ހޯދައިދީފައެވެ. ޒިދާން ވަނީ ދެވަނަފަހަރަށް ރެއާލް މެޑްރިޑުގެ ކޯޗުކާމާ ހަވާލުވެ ލަލީގާ ތަށި އެޓީމަށް ހޯދައިދީފައެވެ.
ފީފާ "ދަ ބެސްޓް އެވޯޑް" އޮންނާނީ އަންނަމަހު 17 ވަނަދުވަހުއެވެ.