ދައުލަތުގެ ވަސީލަތްތަކުން މީޑިއާއަށް ހުރަސް އެޅެނީ ހަމައެކަނި ފުލުހުން ލައްވައި ގޮސް އަނިޔާކޮށްގެން ނޫން ކަމަށާއި، ފައިސާ ނަހަމަ ގޮތުގައި ދިނުމަކީވެސް ނުފޫޒު ފޯރުވުން ކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.
ވައްޑެ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ވައްޑެ ވިދާޅުވީ، ދައުލަތުން ކުރާ ނުރަނގަޅު ކަންކަން ހާމަކުރުމުގެ ޒިންމާ އޮތީ މީޑިއާގައި ކަމަށާއި، އެއީ ޑިމޮކްރަޓިކް ދައުލަތެއްގެ ހަތަރު ވަނަ ބާރު ކަމަށް 19 ވަނަ މަޖިލީހަށް އެމްޑީޕީގެ މެންބަރުން އިންތިހާބުވެގެން ބޭއްވި ބައްދަލުވުމެއްގައި ރައީސް އިބްރާހީމް ވިދާޅުވި ކަމަށެވެ.
ނަމަވެސް މިހާރު ކަންތައް ހިނގަމުންދަނީ އެއާ ހިލާފަށް ކަމަށް ވައްޑެ ވިދާޅުވި އެވެ. މިސާލެއްގެ ގޮތުން އޭނާ ދެއްކެވީ ކޮވިޑުގެ ދުވަސްވަރު، ސަރުކާރުން ބޭއްވި ނޫސްވެރިންގެ ކޮންފަރެންސްތަކަށް ދިޔަ ނޫސްތަކުގެ އަދަދު ކުއްލިއަކަށް އިތުރުވެ، އެ ހުރިހާ ނޫހަކަށް ސަރުކާރުން ސްޕޮންސާ ދީފައި އޮތުމެވެ.
"(ކޮވިޑުގެ) އެ ދަތި އުނދަގުލުގެ ހާލަތުގައި ކުއްލިއަކަށް ފެނިގެން މި ދިޔައީ ސަރުކާރުން ކޮވިޑާ ގުޅިގެން އެ ހިންގި ހަރަކާތް، އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުންތަކަށް، ކުއްލިއަކަށް ރާއްޖޭގައި މީހަކު ހިޔާލަށް ނާންނަހާ ކުއްލިއަކަށް ކުދިކުދި ނޫސްތައް ގިނަވެގެން ދިޔަތަން. 30، 40 ނޫސް، އަދި މިއިން ކޮންމެ ނޫހެއްގަ އެކީ އެއް ވާނަކަށް، އެ ބަހުރުވައަކުން، އެ އިބާރާތަކުން ހަމަ ކިޔާލީމަ އެނގޭނެ އެކަކު އެއް ބަޔަކު ލިޔެފަ ޖައްސުވާފަ ހުންނަ ވާހަކަ ކަން. ބައެއް ނޫސްތަކުގައި އެބަހުރި ހަތަރު ނޫހުގަ އެކި ނަންނަމުގައި އަކުރުން އަކުރަށް އެ އާޓިކަލެއް ލިޔެފަ. ދެން ކޮންމެ އާޓީކަލެއް މަތީގަ ސަރުކާރު ކުންފުންޏެއްގެ އިޝްތިހާރު، ތިރީގަ ސަރުކާރު ކުންފުންނެއްގެ އިޝްތިހާރު،" ވައްޑެ ވިދާޅުވިއެވެ
"މީޑިއާގެ މިނިވަންކަމަށް ހުރަސް އެޅެނީކީ ހަމައެކަނި ފުލުހުން ލައްވާ ގޮސް އަނިޔާ ކޮށްގެން ނުވަތަ ހުއްޓުވައިގެން ގަދަ ބާރަކުން ނޫން. މަޖިލީހުގެ މެންބަރެއްގެ ގާނޫނީ ޒިންމާއަށް ހުރަސް އެޅެނީކީ ހަމައެކަނި ސިފައިންގެ ފައުޖެއް މިތަނަށް ވައްދައިގެންނެއް ނޫން. ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްގެން މީޑިއާ ހިސޯރު ކުރުމަކީވެސް މީޑިއާގެ މިނިވަންކަމަށް ހުރަސް އެޅުން،" ވައްޑެ ވިދާޅުވި އެވެ.
މަޖިލިސް މެންބަރުންގެ ޒިންމާތަކަށްވެސް ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށް ވިދާޅުވެ ވައްޑެ އިޝާރާތްކުރެވީ ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ހުށަހެޅި ބިލަށް އެމްޑީޕީގެ ވިޕާ އެއްގޮތަށް ވޯޓު ނުދިނުމުން ޖަވާބުދާރީ ވުމުގެ ފުރުސަތު ނުދީ ޕާޓީން އޭނާއަށް ޕާޓީން ފިޔަވަޅު އެޅި އެޅުމަށެވެ.