06 ފެބްރުވަރީ 2023 ގައި މިއަހަރަށް ރައްޔިތުން މަޖިލީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތާ ދިމާކޮށް، މަޖިލިސްކުރާގޭ ސަރަހައްދުގައި ބޭއްވި އެއްވުން ފުލުހުން ރޫޅާލުމުގެ ތެރޭގައި، އެއްވުން ކަވަރުކުރުމަށް ހަރަކާތްތެރިވި ބައެއް ނޫސްވެރިންނަށް ފުލުހުންގެ ފަރާތުން ބޮޑެތި އަނިޔާ އާއި ބައެއް ނޫސްވެރިންގެ މަސައްކަތަށް ފުލުހުންގެ ފަރާތުން ހުރަސްއަޅާފައިވާކަމަށާއި، އަދި އެކަމާމެދު އެ ކައުންސިލުން ނުހަނު ކަންބޮޑުވާ ކަމުގައި މީޑިއަ ކައުންސިލުން ބުނެފިއެވެ.
މީޑިއާ ކައުންސިލުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ނޫސްވެރިކަމުގެ މިނިވަންކަމުގެ އިމުގެ ތެރޭގައި ޕްރޮފެޝަނަލް ވާޖިބު އަދާކުރަމުންދާހާ ހިނދެއްގައި އެއްވެސް ފަރާތަކުން، ނޫސްވެރިޔާގެ މަސައްކަތަށް ދަތިކޮށް ހުރަސްއެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމުގައެވެ. މިގޮތުން ނޫސްވެރިކަމަށް މިނިވަން މާހައުލެއް ފަހިކޮށްދިނުމާއި ނޫސްވެރިންގެ ވާޖިބު އަދާކުރުމުގެ ތެރޭގައި ދިމާވާ ހުރަސްތައް ނައްތާލުމަށް މަސައްކަތްކުރުމަކީ، އެ ކައުންސިލުގެ ޤާނޫނީ ޒިންމާގެ ތެރޭގައި ހިމެނޭކަމެއް ކަމުގައިވެސް މީޑިއާ ކައުންސިލުން ބުނެފައި ވެއެވެ.
މީގެ އިތުރުން، ނޫސްވެރިންގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެ ފަރާތްތަކުން ޤާނޫނުތަކާއި ގަވާއިދުތަކާ ޚިލާފު ނުވާހާ ހިނދަކު، އެއްވެސް ފަރާތަކުން ނޫސްވެރިންގެ ވާޖިބުތައް އަދާކުރުމަށް ހުރަސްއެޅުކަމީ، އެ ކައުންސިލަށް ބަލާގަނެވޭނެ ކަމެއްނޫން ކަމުގައިވެސް މި ބަޔާނުގައި ބުނެފައި ވެއެވެ.
އަދި ހަމައެއާއިއެކު، ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކުން ވެސް ނޫސްވެރިކަމުގެ މަސައްކަތްކުރާއިރު ޤާނޫނާއި ޤަވާއިދުތަކާއި "ދިވެހި މީޑިއާގެ އަޚްލާޤީ މިންގަނޑު" އާއި އުސޫލުތަކުގެ ތެރެއިން، ޒިންމާދާރުކަމާއެކު މަސައްކަތްކުރުމަށް ވެސް މީޑިއާ ކައުންސިލުން ގޮވާލާފަ ވެއެވެ.
ރައްޔިތުންގެ މަޖިލިސް މިދައުރަށް ހުޅުވި ޖަލްސާގައި ރައީސް ޞާލިޙު ރިޔާސީ ބަޔާން އިއްވެވުމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާ ކަވަރުކުރަން ދިޔަ ޗެނަލް 13ގެ ނޫސްވެރިޔަކަށް އަނިޔާވެ އައިސީޔޫގައި ފަރުވާދޭން ޖެހުނުކަަމަށް އިދިކޮޅު ފަރާތްތަކުން ބުނެފައި ވެއެވެ. އަދި އިއްޔެގެ ހަވީރުގެ ވަގުތެއްގައި އެނޫސްވެރިޔާ ވަނީ އިތުރު ފަރުވާއަށް އަވައްޓެރި ސްރީ ލަންކާއަށް ފުރުވާލާފައެވެ.
އިއްޔެގެ މުޒާހަރާ ރޫޅާލުމުގެ ތެރޭގައި ބައެއް މީހުންނަށް އެކިވަރުގެ ހާނީއްކަވެފައިވެއެވެ. އިދިކޮޅު ޕީޕީއެމްއިންވަނީ މި މުޒާހަރާގައި ބައެއް މީހުންނަށް ބޮޑެތި އަނިޔާތައް ވެފައިވާކަމަށް ބުނެފައެވެ. މިގޮތުން އަނިޔާވި ނޫސްވެރިޔާ އައިސީޔޫގައި ފަރުވާދދީފައިވާކަމަށާއި އޭނާ ހޭނާރާކަމަށްވެސް އިދިކޮޅު ފަރާތްތަކުން ބުނެފައި ވެއެވެ.
އެހެންނަމަވެސް ނޫސްވެރިޔާ ފުރުވާލުމަށް އެއަރޕޯޓަށް ގެންދެވުނު މަންޒަރުތަކުން ފެންނާން ހުރި ގޮތުގައި އޭނާ ހޭ ރަގަޅަށް ހުރިކަމަށް އެގެން ހުރެއެވެ.
މި ހާދިސާއާއި ގުޅިގެން ފުލުހުން ބުނެފައިވަނީ، މުޒާހިރާތަކުގައި ނޫސްވެރިންނަށް އަނިޔާ ދިނުމުގެ އެއްވެސް ނިޔަތެއް ނުގެންގުޅޭ ކަމުގައެވެ.
ފުލުހުން ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބާޔަން އިއްވި ޖަލްސައާއި ގުޅިގެން އިދިކޮޅުން ބޭއްވި މުޒާހިރާގައި ދެ ނޫސްވެރިޔަކަށް އަނިޔާވުމަކީ އެ މުވައްސަސާއިން ވަރަށް ބޮޑަށް ހިތަމަކުރާކަމެއް ކަމުގައެވެ.
އަދި މިހާތަނަށް ބެލި ވެކުމުން، އަނިޔާވި ނޫސްވެރިންނަށް ގަސްތުގައި އަނިޔާކުރުމުގެ މަގުސަދުގައި އެއްވެސް ކަމެއް ފުލުހުން ކޮށްފައިވާކަމަށް ފެންނާން ނެތްކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނެފައިވަނީ އިއްޔެގެ މުޒާހިރާ ރޫޅާނެކަމަށް އިންޒާރުދެމުން، ޝީލްޑްތަކާއެކު ފުލުހުން ކުރިޔަށް ޖެހެމުން ދިޔައިރު، ބައެއް ނޫސްވެރިން ޝީލްޑުތަކުގައި އަޅާ ކޮށްޕުން ފަދަ ކަންކަން ހިގާ، އަދި މިފަދަ ބައެއް ހާދިސާތަކުގެ ތެރޭގައި ނޫސްވެރިން ބިންމައްޗަށް ވެއްޓިފައިވާކަމަށް ފާހަގަ ކުރެވިފައިވާ ކަމުގައެވެ.
މިހާދިސާތައް ހިނގާފައިވާ ގޮތުގެ ފުރިހަމަ ރިވިއުއެއް އެ މުވައްސަސާގެ ޕްރޮފެޝަނަލް ސްޓަންޑަރޑްސް ކޮމާންޑުން މިހާރު ހަދަމުން ދާކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.