ފަނޑިޔާރު އަލީ ރަޝީދު ދައްކާ ބިރަކަށް ރަޖާލާ ގޮތަކަށްނޫން މިތިބީ: ޝިޔާމް

ފަނޑިޔާރު އަލީ ރަޝީދު ދައްކާ ބިރަކަށް ރަޖާލާ ގޮތަކަށްނޫން މިތިބީ: ޝިޔާމް

Author
މުޙައްމަދު ޝަޒައިމް
25 ނޮވެމްބަރ 2020 11:43
0

ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ދައްކާ ބިރަކަށް ފަހަތައް ޖެހި ގެއަށް ވަދެ ރަޖާލާނެކަމަށް ދެކުމަކީ ވަރަށްބޮޑު ކުށް ހީއެއްކަމުގައި ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އޮންލައިން ނޫހެއްގައި ލިޔެފައިވާ ލިޔުމެއްގެ ސައްޚަ ކަންވެސް ކަށަވަރުކުރުމެނެތި ފަނޑިޔާރުންގެ ޖަމްއިއްޔާއިން ކަމަށްބުނެ ނެރެފައިވާ ބަޔާނަކަށް ރައްދު ދެއްވަމުން ޝިޔާމް ވިދާޅުވީ ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާއަށް ބިރު ދައްކައި ފަހަށް ޖައްސާލަން އުޅުމަކީ ކުރާ ވަރަށް މޮޔަ ކަމެއްކަމަށެވެ. އަލީ ރަޝީދަކީ ރައީސް ޔާމީންގެ މައްޗަށް ސިޔާސީ ހުކުމެއް އިއްވައި، ޑަބަލް ޕްރޮމޯޝަން ޖަހައިގެން ސްޕްރީމްކޯޓަށް ވެންނެވި ބޭފުޅެއްކަމަށް ޝިޔާމް ވިދާޅުވިއެވެ. މިކަންކަމަކީ ޕީޕީއެމް ޕީއެންސީ ނުބަލައި ދޫކޮށްލާނެ ކަންތައްތަކެއް ނޫންކަމަށާއި، މިކަންކަން ބަލާނެ ދުވަސް ވަރަށް އަަވަހަށް ބައްދަލު ކުރާނެކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

ޝުޖާ ފަނޑިޔާރު އަލީ ރަޝީދަށް އިންޒާރުދީ ދެއްކި ވާހަކަތަކެއްކަމަށް ބުނެ ފަނޑިޔާރުންގެ ޖަމްއިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އޮންލައިން ނޫހެއްގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު، ޢަލީ ރަޝީދު ޙުސައިނަށް، ޢުމުރުގެ ބާކީ އޮތް ދުވަސްތައް ހޭދަކުރަންޖެހޭނީ ޖަލުގައިކަމަށް ބުނެ، ފަނޑިޔާރު، ޢަލީ ރަޝީދަށް ނިސްބަތްކޮށް، ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ނައިބު ރައީސް އިބްރާހީމް ޝުޖާޢު ވާހަކަ ދައްކާފައިވާ ކަމަށް އެ ލިއުމުގައި ލިޔެފައިވާކަމަށެވެ. ޝުޖާޢު ބުނެފައިވާ އެ ވަހާކަތަކަކީ، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިނަށް އިންޒާރުދީ ދައްކާފައިވާ ވާހަކަތަކަށްވާތީ، ދިވެހި ފަނޑިޔާރުންގެ ޖަމްޢިއްޔާއިން ކަންބޮޑުވުން ފާޅުކޮށް އެ ވާހަކަތައް އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރާކަމަށް ވަނީ ބުނެފައެވެ.

އަދި އިންޒާރުދީ ދައްކާފައިވާ އެވާހަކަތަކާ މެދު ކަމާބެހޭ ފަރާތްތަކުންނާއި އިދާރާތަކުން ބަލަންޖެހޭ ކަންކަން ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ދިވެހި ފަނޑިޔާރުންގެ ޖަމްޢިއްޔާއިން ގޮވާލާކަމަށް މިބަޔާނުގައި ވެއެވެ.

އަލީ ރަޝީދަކީ ކުރީގެ ކްރިމިނަލް ކޯޓްގެ ގާޒީއަކަށް ހުންނެވި އިރުވެސް އާންމުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އޮތް ބޭފުޅެކެވެ. ކުރިން ސިވިލް ކޯޓްގެ އިސް ގާޒީކަން ވެސް ކުރެއްވި އަލީ ރަޝީދަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރެއްވި ގާޒީ އެވެ. އަދި އަލީ ރަޝީދަކީ ފެހި ގާނޫނު އަސާސީއަށް އަމަލު ކުރަން ފެށި ފަހުން ފުރަތަމަ މަރުގެ ހުކުމެއް އިއްވެވި ގާޒީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.