ޚިޔާލު ފާޅުކުރުމާއި، އެއްވުން ހަނިކުރަނީ ސަރުކާރާއިމެދު ރައީސް ޞާލިހުގެ އިތުބާރު ކުޑަވުމުން: ސައީދު

ޚިޔާލު ފާޅުކުރުމާއި، އެއްވުން ހަނިކުރަނީ ސަރުކާރާއިމެދު ރައީސް ޞާލިހުގެ އިތުބާރު ކުޑަވުމުން: ސައީދު

Author
މުޙައްމަދު ޝަޒައިމް
25 ނޮވެމްބަރ 2020 11:09
0

ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ޚިޔާލު ފާޅުކުރުމުގައި އެއްވެ އުޅުން މިސަރުކާރުން ހަނިކުރަމުންދަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިއަށް، އަމިއްލަ ސަރުކާރާއިމެދު އޮތް އިިތުބާރު ކުޑަވުމުން ކަމުގައި ޕީއެންސީގެ ނައިބް ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ހުއްދަ ނެގުމަކާ ނުލައި، މާލޭގައި މުޒާހަރާ ކުރެވޭ ގޮތަށް އެއްވެ އުޅުމުގެ ގާނޫނު އިސްލާހުކުރަން ރައްޔިތުންގެ ކަމާގުޅޭ ކޮމިޓީން ނިންމި ރިޕޯޓު މަޖިލީހުގެ ތަޅުމުން ފާސް ނުކޮށް، އަނބުރާ މިއަދު ވަނީ ކޮމިޓީއަށް ފޮނުވާލާފައެވެ. ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމާއި ޚިޔާލު ފާޅުކުރުމަކީ މިސަރުކާރުން ވެރިކަމަށް އައުމުގެ ކުރިން ކެޑިނޭޅި ގޮވަމުންދިޔަ އެއްވާހަކައެވެ. ކޮމިޓީ މަރުހަލާއި މާލޭގެ ގްރީން ޒޯން ފިޔަވައި ހުރިހާ ތަނަކަށް ކުރިން އެންގުމަކާއި ނުލައި އެއްވެވޭ ގޮތަށް އިސްލާހު ގެނެސް ފާސްކޮށް ތަޅުމަށް ފޮނުވުމުން ސުޕަ މެޖޯރިޓީން ވަނީ މިއަދު އެއިސްލާހު ކަމު ނުގޮސްގެން އަނބުރާ ފޮނުވާލަފައެވެ.

މިކަމާއި ގުޅިގެން ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވި އެއްވެ އުޅުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އިތުރަށް ހަނިކުރަނީ، ސަރުކާރުކާރާއި ދޭތެރޭ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ އިތުބާރު ކުޑަވެ، ރައްޔިތުންގެ ހިތް ނުތަނަވަސްކަން އިތުރު ވެފައިވާން އެމަނިކުފާނަށް މިއަދު ޔަގީންވާތީ ކަމަށެވެ. އެއްވެ އުޅުމުގެ ޤާނޫނަށް އިސްލާހު ގެނެސް އެފުރުސަތު ދޭނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހުވަނީ ވައުދުވެ ވަޑައިގެންފައެވެ.

ނަމަވެސް މިއަދު އިސްލާހު އަނބުރައި ފޮނުވާލާފައިވަނީ ހޮނިހިރު ދުވަހު ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި މުޅި ރާއްޖޭގައި މުޒާހަރާ ކުރުމަށް ހަމަޖެހިފާތީކަމަށް އިދިކޮޅު ބައެއް މެމްބަރުން ވިދާޅުވެއެވެ. ކޯވިޑް 19ގެ ލޮކްޑައުންގައިވެސް މާލެ ސަރަހައްދުގައި އިދިކޮޅު ފަރާތްތަކުން ވަނީ ބޮޑު އެއްވުމެއް ބާއްވާފައެވެ. އެއެއްވުމާއި ގުޅިގެންވެސް ސަރުކާރުންވަނީ އެއްވި މީހުންގެ ތެރެއިން އިސްކޮށް ހަރަކާތްތެެރިވި މީހުން ފުލުހަށް ހާޒިރުކޮށް ފިޔަވަޅުވެސް އަޅާފައެވެ.

ނަމަވެސް މިސަރުކާރުގެ އިސްވެރިންގެ ގޮތުގައި މިއަދު ތިއްބެވި ބޭފުޅުން ވެރިކަމަށް އައުމުގެ ކުރިން ތަކުރާރުކޮށް ބުނަމުން ގޮސްފައިވަނީ ޚިޔާލް ފާޅުކުރުމާއި، އެއްވެ އުޅުމަކީ ތަންމިނަށް ހުޅުވާލެވިފައިވާ ހައްޤަކަށް ވާންޖެހޭކަމަށެވެ. އަދި ވެރިކަމަށް އައުމަށްފަހު އެކަން ދޫކޮށްލައްވާނެކަމަށެވެ. ނަމަވެސް ސިޔާސީ މަސްރަހު މިހާރު އެބުރެމުންދާ ގޮތުންނާއި، ސަރުކާރާއިމެދު ރައްޔިތުންނަށް އޮތް އިތުބާރު ކުޑަވުމުން މިހައްގު ތަންމިނަށް ހުލުވާލުމަކީ މިސަރުކާރަށް ކުރަން ކެރޭނެ ކަމަކަށް ނުވެދާނެކަމަށް އިދިކޮޅު ފަރާތްތަކުން ދެކެއެވެ. އަދި މުސްތަގުބަލުގައި ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުން އިތުރަށް ހަނިކޮށް އިދިކޮޅުގެ އަޑު ކަޑުވާލުމަކީ މިސަރުކާރުގެ އަމާޒު ކަމަށް އިދިކޮޅު ދަނީ ބުނަމުންނެވެ.

ގާނޫނުގައި މިހާރު ވާގޮތުން މާލޭގައި ހުއްދަ ނުނަގައި މުޒާހަރާކުރެވޭނީ ހަމައެކަނި ކާނިވާ ސަރަހައްދުގައި ކަމަށް ހޯމް މިނިސްޓްރީން ވަނީ ކަނޑައަޅައިފައެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ހުއްދަ ނަގައިގެންވެސް ކާނިވާ ސަރަހައްދުގައި ޖަލްސާ ބާއްވައި އެއްވެ ޚިޔާލް ފާޅުކުރުމަށް އެދުމުން އެފުރުސަތުވެސް މިސަރުކާރުން ދީފައި ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.