މިއަހަރަށް ރައްޔިތުން މަޖިލިސް ހުޅުވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ރިޔާސީ ބަޔާން އިއްވަވަން ފެއްޓެވުމާއެކު މަޖިލީހުގެ ތަޅުމުގައި އިހްތިޖާޖުކޮށް ރިޔާސީ ބަޔާން ހުއްޓުވައިފިއެވެ.
އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ ތަޅުމުގައި އިހްތިޖާޖު ފެށިއިރު މަޖިލީހުގެ ރިޔާސަތުގައި އިންނެވީ ރައީސް މުޙައްމަދު ނަޝީދެވެ. އެމަނިކުފާނު ގެންދެވީ ޤަވާޢިދަށް ޙުރުމަތްތެރިކޮށް ހިތުމަށާއި، އިހްތިޖާޖު ހުއްޓާލުމަށް އަންގަވަމުންނެވެ. އެހެންނަމަވެސް މަޑުނުކޮށް އިދިކޮޅު މެމްބަރުން ދިޔައީ އަޑުގަދަކުރައްވަމުންނެވެ. މިއިހުތިޖާޖު ފެށްޓެވީ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމެވެ. އެއާއެކު އިދިކޮޅު އެހެން މެމްބަރުން އިހްތިޖާޖުގައި ބައިވެރިވެ އަޑުއުފުލަން ފެށިއެވެ.
އިހުތިޖާޖުގެ އަޑު ގަދަވުމާއެކު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ރިޔާސީ ބަޔާން އިއްވަވަވް ދަތިފުޅުވެ ހުއްޓަވާލެއްވިއެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިހުތިޖާޖުގައި ބައިވެރިވި ބައެއް މެމްބަރުންގެ ނަންއިއްވަވައި މަޖިލީހުގެ ތަޅުމުން ބޭރަށް ނުކުންނަން އަންގަވާފައެވެ. މި ހަމަނުޖެހުންތައް ނުހުއްޓުމުން މަޖިލީހުގެ ޖަލްސާ މެދުކަނޑާލައްވައި ރައީސް ޞާލިޙާއެކު މަޖިލިސް ރައީސް ނަޝީދު ވަނީ ތަޅުމުން ނުކުމެ ވަޑައިގެންފައެވެ.
ދެވަނަފަހަރަށް ޖަލްސާ ފެށީ އިދިކޮޅު މެމްބަރުން މަޖިލީހުގެ ތަޅުމުން ނެރުމަށްފަހުއެވެ. އޭގެފަހުން ވަނީ ރިޔާސީ ބަޔާން އިއްވަވާފައެވެ.