ފުރާވަރު ކޭންޕަކީ ވަރަށް މާތް މަގުސަދެއްގައި ފުލުހުން ކުރިއަށް ގެންދާ ކޭންޕެއްކަމާއި މި ކޭންޕުގެ މަގުސަދަކީ ސްކޫލް ދަރިވަރުންނަކީ އަހުލާގީ ގޮތުން ހެޔޮލަފާ ދަރިވަރުންތަކަކަށް ހެދުންކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.
އެޑިއުކޭޝަން މިނިސްޓަރ މިހެން ވިދާޅުވީ ހުޅުމާލެ، ހުރަވީ ސްކޫލުގައި ކުރިއަށް ގެންދިޔަ 95 ވަނަ ފުރާވަރު ކޭންޕު ނިންމުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އިތުރަށް ވިދާޅުވީ ކޭންޕު ނިންމައި، ދަރިވަރުން ކިޔަމުންދިޔަ އަޒުމުގައިވާ ކަންތައްތަކާމެދު ވިސްނައި ފިކުރުކޮށް ކުރިއަށް އޮތް ތަނުގައި އެކަންކަން އަމަލީގޮތުން ދެމެހެއްޓުމުގެ އަޒުމާއި ހިތްވަރު ހުރި ދަރިވަރުންތަކަކަށް ވެވޭތޯ ގަދައަޅައި މަސައްކަތް ކުރަންވާނެކަމަށާއި ދަރިވަރުންނަކީ ރާއްޖޭގައި އަމަލުކުރެވެމުންދާ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން، ކުދިންގެ އުމުރާ ގުޅޭ އެންމެހައި ގާނޫނުތަކާއި ގަވާއިދުތަކަށް އަމަލު ކުރާ ދަރިވަރުންތަކަކަށްވުމަށް ދަރިވަރުންނަށް އިލްތިމާސްކުރެއްވިއެވެ.
އޭގެ އިތުރުން، އެއީ ކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެއްކަމާ، ވަކިން ހާއްސަކޮށް ކުދިންގެ މައިންބަފައިންނާއި ބެލެނިވެރިން އަދި މުދައްރިސުން ދެއްވާ މުހިންމު އިރުޝާދުތަކަށް ފުރިހަމައަށް ތަބައަވާ ދަރިވަރުންތަކެއްގެ ގޮތުގައި ދެމިތިބުމަށް މަސައްކަތް ކުރަންވާނެ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ ކޭންޕުން ދަރިވަރުންނަށް ވަރަށް ގިނަގުނަ ފިލާވަޅު ތަކެއް ލިބިގެންދިޔަކަން ފާހަގަކުރައްވައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު އަމަލުތަކުން ދުރުހެލިވުމާއި ސައިބަރ ކުށްތަކުން ރައްކާތެރިވުމުގެ އިތުރުން ރައްކާތެރި ގޮތުގައި އިންޓަނެޓް ބޭނުންކުރުމުގައި ސަމާލުކަން ދޭން ޖެހޭ ކަންތައްތަކަށް ސަމާލުވެތިބުމަށް ދަރިވަރުންނަށް ގޮވައިލެއްވިއެވެ.
ހަމައެހެންމެ މުޅި ކޭންޕުގައިވެސް އެއް ޓީމެއްގެ ގޮތުގައި އެއް އާއިލާއެއްގެ ގޮތުގައި އެއް ވިސްނުމެއްގެ ގޮތުގައި އެކުވެރިކަމާއި އެހީތެރިކަމާއި އޯގާތެރިކަމުގެ މާތް ސިފަތައްވަނީ ދަސްކޮށްފައިކަމާއި އެހެންކަމުން ކުދިން ސްކޫލު ދައުރު ނިމި، ޒިންމާދާރު އަދި ދިވެހި ގައުމުދެކެ ލޯބިވާ ދަރިންތަކެއްގެ ގޮތުގައި ގައުމަށް ޚިދުމަތްކުރާތަން ފެނުމަކީ ދެކެން ބޭނުންވާ ދުވަހެއްކަމަށް ވިދާޅުވިއެވެ. އެހެންކަމުން މިއަދު ލިބިފައިވާ ރަނުގެ ފުރުސަތު ވީހާވެސް ރަނގަޅަށް ހިފައި މައިންބަފައިންނާއި ކުދިންގެ ރަށާއި ދިވެހި ގައުމު ފަހުރުވެރިވާފަދަ ބަޔަކަށް ވުމަށް ގަދައަޅައި މަސައްކަތްކުރުމަށް ދަރިވަރުންނަށް ގޮވައިލެއްވިއެވެ
ރަސްމިއްޔާތުގައި މުދައްރިބުންނާ މުހާތަބުކުރައްވައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، މުދައްރިބުންގެ އަގުހުރި ވަގުތުތައް ގުރުބާންކޮށް މި ކޭންޕަށްޓަކައި ވަގުތު ހުސްކޮށްލަދެއްވީތީ ޝުކުރު އަދާކުރެއްވިއެވެ. އަދި މުދައްރިބުން ދައްކުވައިދިނީ ދަރިވަރުންގެ ހައްގުގައި ކުރިމަތިލާންޖެހުނު ކޮންމެކަމަކާވެސް، ވަރުބަލިކަމެއްނެތި ކުރިމަތިލުމުގެ ގާބިލުކަން ކޮންމެ މުދައްރިބެއްގެ ކިބައިގައި ހުރިކަންކަމަށާއި މުދައްރިބުންވެސް ދާނީ ކޭންޕުން މުހިންމު މައުލޫމާތުތަކެއް ހިފައިގެންކަން ޔަގީންކުރައްވާ ކަމަށާއި އެ މައުލޫމާތު ތަކަކީ ބޭކާރު ގޮތުގައި ދޫކޮށްލެވޭ މައުލޫމާތު ތަކަކަށް ނުހެދުމަށް އަޒުމުކަނޑައެޅުމަށް މުދައްރިބުންނަށް އިލްތިމާސްކުރެއްވިއެވެެ. އަދި ކޭންޕުން ދަސްކުރި އެކި ކަހަލަ އުކުޅުތައް ދެމެހެއްޓެނިވި ގޮތަކަށް ދަރިވަރުންގެ ކިބައިގައި ހަރުލެއްވުމަށް މަސައްކަތްކުރުމަށާއި ކިޔަވައިދޭ ކުލާސްތަކުގައި ބޭނުންކުރުމަށް އިލްތިމާސްކުރެއްވިއެވެ.
މި މަހު 2 އިން 4 އަށް ހުރަވީ ސްކޫލުގައި ކުރިއަށް ގެންދިޔަ ފުރާވަރު ކޭންޕުގައި އެ ސްކޫލުގެ 39 އަންހެން ދަރިވަރުންނާއި 54 ފިރިހެން ދަރިވަރުން ހިމެނޭހެން ޖުމްލަ 93 ދަރިވަރުން ބައިވެރިވެ ކޭންޕު ފުރިހަމަކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ