އޮސްޓްރޭލިއާގައި ގެއްލުނު ނުރައްކާތެރި ރޭޑިއޯ އެކްޓިވް ކެޕްސޫލް ފެނިއްޖެ

އޮސްޓްރޭލިއާގައި ގެއްލުނު ނުރައްކާތެރި ރޭޑިއޯ އެކްޓިވް ކެޕްސޫލް ފެނިއްޖެ

ގެއްލިގެން ހޯދަމުންދިޔަ ނުރައްކާތެރި ރޭޑިއޯއެކްޓިވް ކެޕްސޫލެއް ފެނިފައިވާކަމަށް، މި ކެޕްސޫލް ހޯދަމުންދިޔަ، ވެސްޓަރން އޮސްޓްރޭލިއާގެ މުވައްސަސާތަކުން ބުނެފިއެވެ.

ކުޑަ ފައިސާ ފޮއްޗެއްވަރުގެ މި ރޭޑިއޯއެކްޓިވް ކެޕްސޫލް ގެއްލިފައިވަނީ، ވެސްޓަން އޮސްޓްރޭލިއާގައި، މި ކެޕްސޫލް ހިފައިގެން ދަތުރުކުރި ލޮރީ 1،400 ކިލޯ މީޓަރުގެ ރާސްތާއެއް ކަޑައްތުކޮށް ކުރި ދަތުރުގައެވެ. މި ކެޕްސޫލް ގެއްލިފައިވާކަން އެގުނު ވަގުތުން ފެށިގެން ވެސްޓަން އޮސްޓްރޭލިއާގެ ބޮޑު ސަރަހައްދެއްގައި ވަނީ ނިއުކުލިއަރ ރޭޑިއޭޝަންގެ އެލަރޓް އާންމުކޮށްފައެވެ.

މި ކެޕްސޫލް ހޯދުމުގެ މަސައްކަތް ކޮށްފައިވަނީ އޮސްޓްރޭލިއަން ނިއުކުލިއަރ ސޭފްޓީ އޭޖެންސީއާއި އެގައުމުގެ މުވައްސަސާތައް ގުޅިގެންނެވެ.

އަތްލައި ހަދައިފިނަމަ ސިއްޙީ ބޮޑެތި ގެއްލުމާއި ކުރިވެދާނެ މި ކެޕްސޫލް ފެނުމަށްފަހު، މުއްސަސާތަކުންވަނީ، ކުދި ހިލަތަކުގެތެރޭގައި ފޮރުވިފައި އޮތް މި ކެޕްސޫލްގެ ކައިރިން ނަގާފައިވާ ފޮޓޯއެއް އާންމު ކޮށްފައެވެ.

ޑައިމީޓަރުގައި 6 މިލިމީޓަރު ހުންނަ، ދިގު މިނުގައި 8 މިލިމީޓަރު ހުންނަ މި ކެޕްސޫލް ދެނެގަނެވިފައިވަނީ ކެޕްސޫލްގައިވާ ސީރިއަލް ނަމްބަރު ދިމާ ކޮށްގެންނެވެ.

މި ކެޕްސޫލް ފެނުމާއެކު އޭގެ ވަށައިގެން 20 މީޓަރުގެ، މީހުންނަށް ނުވަދެވޭ ޒޯންއެއް ގާއިމް ކުރުމަށްފަހު، ކެޕްސޫލް، މައުދަނެއް ކަމަށްވާ ލެޑްއިން ހަދާފައިވާ ކޮންޓެއިނަރއަކަށް ލުމުގެ މަސައްކަތް ތަޖުރިބާކާރުން ވަނީ ކުރިޔަށް ގެންގޮސްފައެވެ.

މި ކެޕްސޫލް ފެނުނުކަން ހާމަކުރަމުން ސްޓޭޓް އެމަރޖެންސީ ސާވިސްއިންވަނީ، މި އުދަގޫ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތަކަށްވެސް ޝުކުރު އަދާކޮށްފައެވެ.

އޮފިޝަލުން ހާމަ ކޮށްފައިވާ ގޮތުގައި، މި ކެޕްސޫލް ފެނިފައިވަނީ، ކަމާއި ގުޅުންހުރި ސާމާނުތައް ހަރުކޮށްފައިވާ އެއްގަމު އުޅަނދެއް ގަޑިއަކު 70 ކިލޯ މީޓަރު ބާރުމިނުގައި ދުއްވާފައި ދަނިކޮށް، ކެޕްސޫލުން ބޭރުކުރަމުންދިޔަ ރޭޑިއޭޝަންގެ އަސަރު ފާހަގަ ކުރެވުމާއި ގުޅިގެން ކަމުގައެވެ. ރޭޑިއޭޝަންގެ އަސަރު ދެނެގަނެވުމާއެކު، ރޭޑިއޭޝަން ދެނެގަންނަ، ހިފާ ގެންގުޅެވޭ ވަރުގެ އާލާތްތައް ބޭނުންކޮށް، ކެޕްސޫލް އޮތް ސީދާ ސަރަހައްދު ތަޖުރިބާކާރުންވަނީ ހޯދާފައެވެ. ކެޕްސޫލް ފެނުނީ އެއްގަމު އުޅަނދު ދުއްވަމުން ދިޔަ ސަރަހައްދުގެ މަގުގެ އެއް ފަރާތުން ދެ މީޓަރު ދުރުންނެވެ.

މި ރޭޑިއޯ އެކްޓިވް ކެޕްސޫލް އެއްތަނުން އަނެއް ތަނަށް ގެންދިއުމުގެ ޒިންމާއާއި ހަވާލުވެފައިވާ ރިއޯ ޓިންޓޯ ލިމިޓެޑް ކުންފުނިން ބުނެފައިވަނީ، ކެޕްސޫލް ހޯދުމަށް ހިނގި ޚަރަދު ދޭން އެކުންފުނިން ތައްޔާރަށް އޮތް ކަމުގައެވެ.

އޮސްޓްރޭލިއާގައި ގެއްލިގެން ހޯދަމުންދިޔަ މި ރޭޑިއޯއެކްޓިވް ކުޑަ ކެޕްސޫލަކީ ބިމު އަޑިން ބޯޓު ދެލި ނެގުމުގެ މަސައްކަތުގައި ބޭނުންކުރާ ކެޕްސޫލެކެވެ. މި ކެޕްސޫލް ބޭނުންކުރަނީ ދަގަޑު އެކުލެވޭ މައުދަނުގެ ޑެންސިޓީ ހިސާބު ކުރުމަށް ބޭނުންކުރާ ގޭޖެއްގައެވެ.

މި ގޭޖް ގެންދިއުމަށް ހަމެޖެހިފައިވާ ސަރަހައްދަށް ގެންދިއުމަށް، ރިއޯ ޓިންޓޯ ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޗަކުން ހަވާލު ކޮށްފައިވަނީ މިފަދަ ތަކެތި އެއްތަނުން އަނެއްތަނަށް ޓްރާންސްޕޯޓު ކުރުމަށް ޚާއްސަ ކުންފުންޏަކާއެވެ. މި ކެޕްސޫލް ގެންދިއުމަށް ހަމަޖެހިފައިވާ ސަރަހައްދަށް ގެންދިއުމުގެ މަގުމަތީގައި ގެއްލިފައިވާތީ ރިއޯ ކުންފުނިންވަނީ މިހަފްތާގެ ހޯމަދުވަހު މާފަށްވެސް އެދިފައެވެ.

ބެލެވޭ ގޮތުގައި ކެޕްސޫލް ގެއްލިފައިވަނީ ކެޕްސޫލް އެކުލެވޭ ގޭޖް އޮތް ލޮރީ، 1،400 ކިލޯ މީޓަރުދުގެ ދިގު ދަތުރު ކަޑައްތުކުރުމަށް ކުރި 4 ދުވަހުގެ ދަތުރުމަތީގައެވެ. މި ލޮރީ ދަތުރު ކޮށްފައިވަނީ އޮސްޓްރޭލިއާގެ ނިއުމޭން އަވަށުގެ އުތުރުންފެށިގެން، އެކަހެރިކޮށް އޮންނަ ސަރަހައްދެއް ކަމުގައިވާ ކިމްބާލީ ނަމަކަށް ކިޔާ ސަރަހައްދަކަށެވެ.

މި ކެޕްސޫލް ރައްކާ ކޮށްފައި ބޭއްވުމަށް ހަމަޖެހިފައިވަނީ، އޮސްޓްރޭލިއާގެ ޕާރތުގެ އިރު އުތުރުން އޮންނަ މި ސަރަހައްދުގެ ސްޓޯރޭޖް ފެސިލިޓީއެއްގައެވެ.

ވެސްޓަރން އޮސްޓްރޭލިއާގެ ޗީފް ހެލްތު އޮފިސަރ އެންޑްރޫ ރޮބަޓްސަން ވިދާޅުވެފައިވަނީ ވަރަށް ހަރުކަށި އުސޫލަތަކެއްގެ ދަށުން ރޭޑިއޯ އެކްޓިވް މާއްދާތައް އަބަދުވެސް ވެސްޓަން އޮސްޓްރޭލިއާގައި އެއްތަނުން އަނެއްތަނަށް ގެންދެވޭ ކަމުގައެވެ. އަދި ރޭޑިއޯއެކްޓިވް ކެޕްސޫލެއް މިގޮތަށް ގެއްލުން މިއީ މަދުން ނޫނީ މެދުވެރި ނުވާނޭ ހާލަތެއް ކަމުގައިވެސް އޭނާ ވިދާޅުވެފައި ވެއެވެ.

މި ކެޕްސޫލް ރިއޯ ޓިންޓޯގެ ގުޑައި މައިން ސައިޓުން ލޮރީއަށް އަރުވާފައިވަނީ މި ޖެނުއަރީމަހު 12 ވަނަ ދުވަހުއެވެ. އެއަށްފަހު ޖެނުއަރީ 25 ވަނަ ދުވަހު އިންސްޕެކްޓު ކުރުމަށް ލޮރީގައި ހުރިތަކެތި ކަނޑާ ބެލިއިރު، މި ކެޕްސޫލް ހިމެނޭ ގޭޖް އޮތީ ހަލާކުވެފައެވެ. މިގޮތުން، ގޭޖް ހަރުކޮށްފައި ހުރި ބޯލްޓްތައް ބިންދައިގެން ގޮސް، އޭގެ އިސްކުރޫތައްވެސް ފެންނާކަށްވެސް ނެތެވެ.

ކަމާއި ގުޅުންހުރި މުވައްސަސާތަކުން ދެކޭ ގޮތުގައި މި ކެޕްސޫލް ހިމެނޭ ގޭޖް ހަލާކުވާން މެދުވެރިވީ ސަބަބަކީ، މަގުމަތިން ލޮރީ ދުއްވާފައި އައިއައުމުގައި ވައިބްރޭޝަންގެ ސަބަބުން އޭގެ އިސްކުރޫތައް ދޫވުގެންނެވެ. އަދި ގޭޖް ވެއްޓި، ގޭޖްގައި ހަރުކޮށްފައިވާ ކުޑަ ރޭޑިއޯއެކްޓިވް ކެޕްސޫލް، ލޮރީ ދަތުރުކުރަމުން ދިޔަ މަގުމަތީގައި ލޮރީން ބޭރަށް ވެއްޓިފައިވާކަމުގައިވެސް މުވައްސަސާތަކުން ލަފާ ކުރެއެވެ.

ރިހި ކުލާގައި އޮންނަ މި ކެޕްސޫލްގެ ބޮޑުމިނަކީ ދިގުމިނުން 8 މިލިމީޓަރު އަދި ފުޅާމިނުން 6 މިލިމީޓަރެވެ. މި ކެޕްސޫލްގެ އެތެރޭގައި ރައްކާކުރެވިފައި ހުރީ ރޭޑިއޯއެކްޓިވް މައުދަނެއް ކަމުގައިވާ Caesium-137 އެވެ.

ވެސްޓަން އޮސްޓްރޭލިއާގެ ޑިޕާޓްމަންޓް އޮފް ހެލްތުން, ގެއްލިފައިވާ ކެޕްސޫލްގެ ބޮޑުމިން ދައްކާ ދިނުމުގެ ގޮތުން އާންމު ކޮށްފައިވާ ކުރެހުމެއް

މި މައްދާއިން ބޭރުކުރާ ރޭޑިއޭޝަންގެ ބާރުދަގަކަން، ގަޑިއަކު 10 އެކްސްރޭ ނެގުމާއި އެއްވަރު ވާނެއެވެ. އެހެންކަމުން ވެސްޓަން އޮސްޓްރޭލިއާގެ ބޮޑު ސަރަހައްދެއްގައި ދިރިއުޅެމުންދާ މީހުންނަށް ކަމާއި ގުޅުންހުރި މުވައްސަސާތަކުން މިހާރުވަނީ، މި ކެޕްސޫލް ފެނިއްޖެނަމަ، ކެޕްސޫލާއި 5 މީޓަރަށްވުރެ ގާތް ނުވުމަށް އިލްތިމާސް ކޮށްފައެވެ.

ސަބަބަކީ މި ކެޕްސޫލުން ބޭރުކުރާ ރޭޑިއޭޝަންގެ ސަބަބުން ހަންގަޑު އެދުމާއި އަދި ރޭޑިއޭޝަންގެ އަސަރުކޮށް ބަލިވުމުގެ ފުރުސަތު ވަރަށް ބޮޑުވާނެތީއެވެ.

Caesium-137 އަކީ އޭގައި 30 އަހަރުގެ "ހާފް-ލައިފް" އެކުލެވޭ ރޭޑިއޯއެކްޓިވް މައުދަނެކެވެ. އޭގެ މާނައަކީ މި މައްދާއިން ބޭރުކުރާ ރޭޑިއޭޝަންގެ ބާރުމިން އޭގެ %50 ގެ މިންވަރަށް ދަށަށް ދާން 30 އަހަރު ނަގާނެއެވެ. އަދި އަނެއް %50 ރޭޑިއޭޝަންގެ ބާރުމިނުން ދަށްވާން ޖުމްލަ 60 އަހަރު ހޭދަަވާނެއެވެ. މިގޮތުން މި ކެޕްސޫލުން ކުރިޔަށް އޮތް 300 އަހަރުދުވަހު ރޭޑިއޭޝަން ބޭރުކުރަމުން ދާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *