ރައީސް ޔާމީނަށް ދައުވާކުރާ ދެ މައްސަލައެއްގެ އަޑުއެހުން މާދަމާ

ރައީސް ޔާމީނަށް ދައުވާކުރާ ދެ މައްސަލައެއްގެ އަޑުއެހުން މާދަމާ

Author
މުޙައްމަދު ޝަޒައިމް
25 ނޮވެމްބަރ 2020 07:58
0

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޯޓަށް ހުށައަޅާފައިވާ ދެ ދައުވާގެ ޝަރީއަތުގެ އަޑު އެހުމެއް މާދަމައަށް ކުރިމިނަލްކޯޓުން ތާވަލުކޮށްފިއެވެ. އެ ކޯޓުން ޝަރީއަތް ފެށުމަށް ތާވަލުކޮށްފައިވަނީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއެވެ. މި މައްސަލަތައް ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 10:00 އަށެވެ.

މަނީ ލޯންޑަރިން ކުށް ސާބިތުވެ މިހާރުވެސް 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ރައީސް ޔާމީންގެ މައްޗަށް މި ދައުވާތައް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކޯޓަށް ހުށައެޅީ މިދިޔަ ޖޫންމަހުގެ 28 ވަނަދުވަހުއެވެ. ޕީޖީ އޮފީހުން ހުށައެޅި މި މައްސަލާގައި ބުނެފައިވަނީ މިނިސްޓްރީ އޮފް ޓޫރިޒަމްއާއި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) މެދުވެރިކޮށް ޓޫރިސްޓް ރިޒޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގައި ރައީސް ޔާމީން މަޤާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ކ. މާލެ، މއ. ކުރިކީލަހިޔާ، އަޙްމަދު ކްރިކް ރިޝާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި، 1,117,000 (އެއްމިލިއަން އެއްލައްކަ ސަތާރަހާސް އެމެރިކާ ޑޮލަރު، ދިވެހިން ރުފިޔާއިން ނަމަ 17.2 މިލިއަން ރުފިޔާ) ހޯދާފައިވާކަމަށެވެ.

މި މައްސަލާގައި ހިމެނޭ ކުށް ކޮށްގެން ހޯދާފައިވާ 20.8 މިލިއަން ރުފިޔާ އާއި ކުށުގެ އަމަލުން ހޯދި ފައިސާ އާއި އެއްކޮށްފައިވާ 35.3 މިލިއަން ރުފިޔާގެ އިތުރުން ޖޫރިމަނާގެ ގޮތުގައި 534 މިލިއަން ރުފިޔާ ދައުލަތަށް ހޯދަން މަސައްކަތް ކުރާނެކަމަށްވެސް ޕީޖީ އޮފީހުން ވަނީ ހާމަކޮށްފައެވެ. މިމައްސަލައަކީ، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި އެންޓި ކޮރަޕްޝަން ކޮމިޝަން އަދި ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ގުޅިގެން ހިންގާފައިވާ ތަޙްޤީޤެކެވެ.

މަނީ ލޯންޑަރިން ކުށް ސާބިތުވެގެން ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމް ބާތިލުކޮށްދިނުމަށް ހުށައެޅި އިސްތިއުނާފު މައްސަލާގައި ދެން އޮންނާނީ އެންމެ ފަހު އަޑުއެހުމެވެ. އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވެފައިވާ 1 މިލިއަން ޑޮލަރަކީ ސިޔާސީ ހަރަކާތްތަކަށް މީހުން ދީފައިވާ ފައިސާގެ ތެރެއިން ބައެއް ކަމަށެވެ. އަދި އެ ފައިސާ ބަލައި ދިޔައީ އޭރުގެ ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ އާއި އޭރު ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަދީބު ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވާފައިވާ 5 އަހަރު ދުވަހުގެ ޖަލު ހުކުމް ރައީސް ޔާމީން އިސްތިއުނާފުކުރައްވައި އެ މައްސަލައިގެ އަޑުއެހުންތައް ނިމި ހުކުމްކުރުމާ ހަމައަށް ވާސިލުވެފައިވީ ނަމަވެސް ހުކުމްކުރުމަށް މިހާތަނަށް ހައިކޯޓުގައި ތާވަަލުކޮށްފައިނުވެއެވެ.

ރައީސް ޔާމީނުގެ މައްޗަށް އަލަށް އުފުލި ދެ ދަޢުވާގެ އަޑުއެހުމެއް ފާއިތުވި ހަފުތާގެ ބުދަދުވަހަށް ތާވަލުކުރި ނަމަވެސް އެމަނިކުފާނު އާލާސްކަންފުޅާ އުޅުއްވާތީ އެ ދުވަހުގެ އަޑުއެހުން ފަސްކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.