ޔޫކުރެއިންއަށް ހުޅަނގުގެ ގައުމުތަކުން ދުރު ރާސްތާ މިސައިލް ފޮނުވިވަރަކަށް، ރަޝިއާއި ދުރަށް ޔޫކުރެއިންގެ ސިފައިން ޖައްސަން އެގައުމަށް މަޖުބޫރުވެގެން ދާނެ ކަމުގައި ރަޝިއާގެ ފޮރިން މިނިސްޓަރ ސާގޭ ލާވްރޯވް ވިދާޅުވެއްޖެއެވެ.
ދުރު ރާސްތާ މިސައިލް ހުޅަނގުގެ ގައުމުތަކުން ޔޫކުރެއިން ފޮނުވުމަކީ ހަނގުރާމަ އިތުރަށް ވަރުގަދަވެ، އަދި ދިގުލައިގެން ދާނޭކަމެއް ކަމަށް ލާވްރޯވް ވިދާޅުވެފައިވާއިރު، އެމެރިކާއާއި އަދި ނޭޓޯގެ ގައުމުތަކުންވެސް ދަނީ ޔޫކުރެއިންއަށް ފޯރުކޮށް ދެމުންދާ ހަތިޔާރު އަދަދުތައް އިތުރު ކުރަމުންނެވެ.
މިގޮތުން ރަޝިއާއި ޔޫކުރެއިންގައި ކުރަމުންދާ ހަގުރާމާގައި އެއްވެސް ފަރާތަކަށް އެކަށީގެންވާ ކާމިޔާބެއް ލިބިގެން ގޮސްފައި ނުވާއިރު، މިމަހުގެ 24 ވަނަ ދުވަހަށް ގެއްލުން ބޮޑު މި ހަނގުރާމައަށް އެއް އަހަރު ފުރިގެން ދާނެއެވެ.
އަދި ޔޫކުރެއިން އިން ބުނެފައިވަނީ މި ދުވަހާއި ދިމާކޮށް ރަޝިއާއިން ޔޫކުރެއިންއަށް ދެމުންދާ ހަމަލާތައް ވަރުގަދަ ކުރާނެކަމަށް ބެލެވޭ ކަމަށެވެ.
ހަނގުރާމައަށް އެއް އަހަރުވާން ގާތްވެފައިވާއިރު، ރަޝިއާގެ ކުރީގެ ރައީސް، އަދި އެގައުމުގެ ސެކިއުރިޓީ ކައުންސިލްގެ މިހާރުގެ ޑެޕިއުޓީ ޗެއަރމަން ޑިމިޓްރީ މެޑްވެޑޭވް ވިދާޅުވެފައި މިއަހަރު އެގައުމުގެ އަސްކަރިއްޔާއަށް ފޯރުކޮށްދޭ ހަތިޔާރު އެހީ ވަރަށް ބޮޑުތަނުން އިތުރު ވެގެން ދާނެ ކަމުގައެވެ. އަދި އޭނާ ވިދާޅުވީ އެގައުމުން އަސްކަރިއްޔާއަށް ހަތިޔަރުގެ ސަޕްލައި އިތުރުވެގެން ދިއުމުން، ހުޅަނގުގެ ގައުމުތަކުން ހަތިޔާރު ފޯރުކޮށް ދެމުންދާ ޔޫކުރެއިންގެ އަސްކަރިއްޔާ ބޮޑު ބައްޔަކުން ބަލިވެގެން ދާނެ ކަމުގައެވެ.
ހުޅަނގުގެ ގައުމުތަކުން ލަފާ ކުރާ ގޮތުގައި ވަރަށް އަވަހަށް ރަޝިއާގެ އަސްކަރިއްޔާއަށް ހަތިޔާރުގެ ދަތިކަން ފޯރާނެއެވެ. އެހެންނަމަވެސް ރަޝިއާއިންވަނީ އެގައުމުގެ އަސްކަރިއްޔާއަށް ހަތިޔާރުގެ އެއްވެސް ދަތިކަމެއް ނުފޯރާނެކަމަށް ބުނެފައެވެ.
ކޮމެންޓު ފޮނުވާ