އޮސްޓްރޭލިއާގައި، ނުރައްކާތެރި ރޭޑިއޯއެކްޓިވް ކެޕްސޫލެއް ގެއްލިގެން، އޮސްޓްރޭލިއަން ނިއުކުލިއަރ ސޭފްޓީ އޭޖެންސީއާއި އެގައުމުގެ މުވައްސަސާތައް ގުޅިގެން ހޯދާން ފަށައިފިއެވެ.
ކުޑަ ފައިސާ ފޮއްޗެއްވަރުގެ މި ރޭޑިއޯއެކްޓިވް ކެޕްސޫލް ގެއްލިފައިވަނީ، ވެސްޓަން އޮސްޓްރޭލިއާގައި، މި ކެޕްސޫލް ހިފައިގެން ދަތުރުކުރި ލޮރީ 1،400 ކިލޯ މީޓަރުގެ ރާސްތާއެއް ކަޑައްތުކޮށް ކުރި ދަތުރުގައެވެ. މި ކެޕްސޫލް ގެއްލިފައިވާކަން އެގުނު ވަގުތުން ފެށިގެން ވެސްޓަން އޮސްޓްރޭލިއާގެ ބޮޑު ސަރަހައްދެއްގައި ވަނީ ނިއުކުލިއަރ ރޭޑިއޭޝަންގެ އެލަރޓް އާންމުކޮށްފައެވެ.
އޮސްޓްރޭލިއަން ރޭޑިއޭޝަން ޕްރޮޓެކްޝަން އެންޑް ނިއުކުލިއަރ ސޭފްޓީ އޭޖެންސީއިން ބުނެފައިވަނީ އެއޭޖެންސީން ވެސްޓަން އޮސްޓްރޭލިއަންގެ ސަރަހައްދީ ސަރުކާރާއި ގުޅިގެން މި ކެޕްސޫލް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމުގައެވެ.
މިގޮތުން އޮސްޓްރޭލިއަން ނިއުކުލިއަރ ސައިންސް އެންޑް ޓެކްނޮލޮޖީ އޯގަނިޒޭޝަންއިންވެސް ވަނީ ރޭޑިއޭޝަން ސާވިސް ސްޕެޝަލިސްޓުންނާއި އަދި ޑިޓެކްޝަން އިމޭޖިންގ ސާމާނުތައްވެސް މިމަސައްކަތަށް އެހީތެރި ވެދިނުމުގެ ގޮތުން ފޮނުވާދީފައެވެ.
އޮސްޓްރޭލިއާގައި ގެއްލިގެން ހޯދަމުންދާ މި ރޭޑިއޯއެކްޓިވް ކުޑަ ކެޕްސޫލަކީ ބިމު އަޑިން ބޯޓު ދެލި ނެގުމުގެ މަސައްކަތުގައި ބޭނުންކުރާ ކެޕްސޫލެކެވެ. މި ކެޕްސޫލް ބޭނުންކުރަނީ ދަގަޑު އެކުލެވޭ މައުދަނުގެ ޑެންސިޓީ ހިސާބު ކުރުމަށް ބޭނުންކުރާ ގޭޖެއްގައެވެ.
މި ގޭޖް ގެންދިއުމަށް ހަމެޖެހިފައިވާ ސަރަހައްދަށް ގެންދިއުމަށް، ރިއޯ ޓިންޓޯ ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޗަކުން ހަވާލު ކޮށްފައިވަނީ މިފަދަ ތަކެތި އެއްތަނުން އަނެއްތަނަށް ޓްރާންސްޕޯޓު ކުރުމަށް ޚާއްސަ ކުންފުންޏަކާއެވެ. މި ކެޕްސޫލް ގެންދިއުމަށް ހަމަޖެހިފައިވާ ސަރަހައްދަށް ގެންދިއުމުގެ މަގުމަތީގައި ގެއްލިފައިވާތީ ރިއޯ ކުންފުނިންވަނީ މިހަފްތާގެ ހޯމަދުވަހު މާފަށްވެސް އެދިފައެވެ.
ބެލެވޭ ގޮތުގައި ކެޕްސޫލް ގެއްލިފައިވަނީ ކެޕްސޫލް އެކުލެވޭ ގޭޖް އޮތް ލޮރީ، 1،400 ކިލޯ މީޓަރުދުގެ ދިގު ދަތުރު ކަޑައްތުކުރުމަށް ކުރި 4 ދުވަހުގެ ދަތުރުމަތީގައެވެ. މި ލޮރީ ދަތުރު ކޮށްފައިވަނީ އޮސްޓްރޭލިއާގެ ނިއުމޭން އަވަށުގެ އުތުރުންފެށިގެން، އެކަހެރިކޮށް އޮންނަ ސަރަހައްދެއް ކަމުގައިވާ ކިމްބާލީ ނަމަކަށް ކިޔާ ސަރަހައްދަކަށެވެ.
މި ކެޕްސޫލް ރައްކާ ކޮށްފައި ބޭއްވުމަށް ހަމަޖެހިފައިވަނީ، އޮސްޓްރޭލިއާގެ ޕާރތުގެ އިރު އުތުރުން އޮންނަ މި ސަރަހައްދުގެ ސްޓޯރޭޖް ފެސިލިޓީއެއްގައެވެ.
ވެސްޓަރން އޮސްޓްރޭލިއާގެ ޗީފް ހެލްތު އޮފިސަރ އެންޑްރޫ ރޮބަޓްސަން ވިދާޅުވެފައިވަނީ ވަރަށް ހަރުކަށި އުސޫލަތަކެއްގެ ދަށުން ރޭޑިއޯ އެކްޓިވް މާއްދާތައް އަބަދުވެސް ވެސްޓަން އޮސްޓްރޭލިއާގައި އެއްތަނުން އަނެއްތަނަށް ގެންދެވޭ ކަމުގައެވެ. އަދި ރޭޑިއޯއެކްޓިވް ކެޕްސޫލެއް މިގޮތަށް ގެއްލުން މިއީ މަދުން ނޫނީ މެދުވެރި ނުވާނޭ ހާލަތެއް ކަމުގައިވެސް އޭނާ ވިދާޅުވެފައި ވެއެވެ.
މި ކެޕްސޫލް ރިއޯ ޓިންޓޯގެ ގުޑައި މައިން ސައިޓުން ލޮރީއަށް އަރުވާފައިވަނީ މި ޖެނުއަރީމަހު 12 ވަނަ ދުވަހުއެވެ. އެއަށްފަހު ޖެނުއަރީ 25 ވަނަ ދުވަހު އިންސްޕެކްޓު ކުރުމަށް ލޮރީގައި ހުރިތަކެތި ކަނޑާ ބެލިއިރު، މި ކެޕްސޫލް ހިމެނޭ ގޭޖް އޮތީ ހަލާކުވެފައެވެ. މިގޮތުން، ގޭޖް ހަރުކޮށްފައި ހުރި ބޯލްޓްތައް ބިންދައިގެން ގޮސް، އޭގެ އިސްކުރޫތައްވެސް ފެންނާކަށްވެސް ނެތެވެ.
ކަމާއި ގުޅުންހުރި މުވައްސަސާތަކުން ދެކޭ ގޮތުގައި މި ކެޕްސޫލް ހިމެނޭ ގޭޖް ހަލާކުވާން މެދުވެރިވީ ސަބަބަކީ، މަގުމަތިން ލޮރީ ދުއްވާފައި އައިއައުމުގައި ވައިބްރޭޝަންގެ ސަބަބުން އޭގެ އިސްކުރޫތައް ދޫވުގެންނެވެ. އަދި ގޭޖް ވެއްޓި، ގޭޖްގައި ހަރުކޮށްފައިވާ ކުޑަ ރޭޑިއޯއެކްޓިވް ކެޕްސޫލް، ލޮރީ ދަތުރުކުރަމުން ދިޔަ މަގުމަތީގައި ލޮރީން ބޭރަށް ވެއްޓިފައިވާކަމުގައިވެސް މުވައްސަސާތަކުން ލަފާ ކުރެއެވެ.
ރިހި ކުލާގައި އޮންނަ މި ކެޕްސޫލްގެ ބޮޑުމިނަކީ ދިގުމިނުން 8 މިލިމީޓަރު އަދި ފުޅާމިނުން 6 މިލިމީޓަރެވެ. މި ކެޕްސޫލްގެ އެތެރޭގައި ރައްކާކުރެވިފައި ހުރީ ރޭޑިއޯއެކްޓިވް މައުދަނެއް ކަމުގައިވާ Caesium-137 އެވެ.
މި މައްދާއިން ބޭރުކުރާ ރޭޑިއޭޝަންގެ ބާރުދަގަކަން، ގަޑިއަކު 10 އެކްސްރޭ ނެގުމާއި އެއްވަރު ވާނެއެވެ. އެހެންކަމުން ވެސްޓަން އޮސްޓްރޭލިއާގެ ބޮޑު ސަރަހައްދެއްގައި ދިރިއުޅެމުންދާ މީހުންނަށް ކަމާއި ގުޅުންހުރި މުވައްސަސާތަކުން މިހާރުވަނީ، މި ކެޕްސޫލް ފެނިއްޖެނަމަ، ކެޕްސޫލާއި 5 މީޓަރަށްވުރެ ގާތް ނުވުމަށް އިލްތިމާސް ކޮށްފައެވެ.
ސަބަބަކީ މި ކެޕްސޫލުން ބޭރުކުރާ ރޭޑިއޭޝަންގެ ސަބަބުން ހަންގަޑު އެދުމާއި އަދި ރޭޑިއޭޝަންގެ އަސަރުކޮށް ބަލިވުމުގެ ފުރުސަތު ވަރަށް ބޮޑުވާނެތީއެވެ.
Caesium-137 އަކީ އޭގައި 30 އަހަރުގެ "ހާފް-ލައިފް" އެކުލެވޭ ރޭޑިއޯއެކްޓިވް މައުދަނެކެވެ. އޭގެ މާނައަކީ މި މައްދާއިން ބޭރުކުރާ ރޭޑިއޭޝަންގެ ބާރުމިން އޭގެ %50 ގެ މިންވަރަށް ދަށަށް ދާން 30 އަހަރު ނަގާނެއެވެ. އަދި އަނެއް %50 ރޭޑިއޭޝަންގެ ބާރުމިނުން ދަށްވާން ޖުމްލަ 60 އަހަރު ހޭދަަވާނެއެވެ. މިގޮތުން މި ކެޕްސޫލް ނުފެނިއްޖެނަމަ، ކުރިޔަށް އޮތް 300 އަހަރުދުވަހު މި ކެޕްސޫލްއިން ރޭޑިއޭޝަން ބޭރުކުރަމުން ދާނެއެވެ.