3 އެއަރޕޯޓެއް އެޅުމަށް ބޭނުންވާ ބިން ހިއްކަން ބީލަންތައް ބަލައިގެންފި

3 އެއަރޕޯޓެއް އެޅުމަށް ބޭނުންވާ ބިން ހިއްކަން ބީލަންތައް ބަލައިގެންފި

Author
ހުސެއިން
31 ޖެނުއަރީ 2023 07:35
0

ރާއްޖޭގެ 4 ސަރަހައްދެއްގައި އެއަރޕޯޓުތައް ތަރައްގީ ކުރުމަށް ހުޅުވާލި ފުރުސަތުގައި، 3 އެއަރޕޯޓެއް އެޅުމަށް ބޭނުންވާ ބިންތައް ހިއްކުމަށް ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކޮށްފައި ވާކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެފިއެވެ.

އެއަރޕޯޓުތައް ތަރައްގީ ކުރުމަށް ބޭނުންވާ ބިން ހިއްކުމަށް ބިޑަށް ހުޅުވާލާފައިވަނީ ހދ.މަކުނުދޫއާއި، ށ.ބިލެއްފައްސާއި ބ.ތުޅާދޫ އަދި ތ.ވިލުފުށީގެ ބިން ހިއްކުމަށެވެ.

ޕްލޭނިންގ މިނިސްޓްރީން ހާމަ ކޮށްފައިވާ ގޮތުގައި ބިޑަށް ހުޅުވާލި 4 ރަށުގެ ތެރެއިން 3 ރަށެއްގެ ބިން ހިއްކުމަށް 3 ފަރާތަކުން ޝައުގުވެރިކަން ފާޅު ކޮށްފައިވާ ކަމުގައެވެ. އިތުރަށް ޕްލޭނިންގ މިނިސްޓްރީން ބުނެފައިވަނީ މި ކުންފުނިތައް އިވޭލުއޭޓް ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެ މިނިސްޓްރީއާއި ފިންނޭންސް މިނިސްޓްރީން ގުޅިގެން ރެސްޓްރިކްޓެޑް ޓެންޑަރިންގެ އުސޫލުން ކަމުގައެވެ.

ސަރުކާރުން ބުނެފައިވަނީ މި ރަށްތަކުގެ ބިން ހިއްކައި ނިމުނުހާ އަވަހަކަަށް މި އެއަރޕޯޓުތަކުގެ މަސައްކަތް ފެށިގެންދާނެ ކަމުގައެވެ. ސަރުކާރުން ހާމަ ކޮށްފައިވަ ގޮތުގައި އެއަރޕޯޓު ތަރައްގީ ކުރުމަށް ސަރަހައްދުތަކުގެ އާބާދީއާއި އަދި ވައިގެމަގުން ދަތުރުފަތުރު ކުރުމަށް ދަތި ހިސާބުތަކަށް އިސްކަން ދީގެން ކަމުގައެވެ.

މިހާރު ބިން ހިއްކުމަށް ހުޅުވާލާފައިވާ އެއަރޕޯޓުތަކާއެކު ޖުމް 8 އެއަރޕޯޓެއް ރޭއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީކުރުމަށް ސަރުކާރުން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ. މީގެ ތެރެއިން އެންމެ އަވަހަށް ހުޅުވޭނެ ކަމަށް ބެލެވިފައިވަނީ ފަރެސްމާތޮޑާ އެއަރޕޯޓެވެ. މި އެއަރޕޯޓުގެ މަސައްކަތް ފަށާފައިވަނީ ރައީސް ޔާމިންގެ ވެރިކަމުގައެވެ.

އޭގެ އިތުރުން ހިމެނެނީ ފ.މަގޫދޫ އެއަރޕޯޓާއި، ރ.އަލިފުށީ އެއަރޕޯޓާއި، މ.މުލީގައި ތަރައްޤީކުރަމުންދާ މީމު އެއަރޕޯޓް އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން ތަރައްގީ ކުރުމާއި، ހދ.ހަނިމާދޫގައި އޮންނަ، ހަނިމާދޫ އިންޓަނޭޝަން އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީކުރުން ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.