ޕާކިސްތާންގައި ޖާނުންފިދާވެގެން މިސްކިތަކަށް ދިން ހަމަލާއެއްގައި 38 މީހަކު މަރާލައިފި

ޕާކިސްތާންގައި ޖާނުންފިދާވެގެން މިސްކިތަކަށް ދިން ހަމަލާއެއްގައި 38 މީހަކު މަރާލައިފި

Author
ހުސެއިން
30 ޖެނުއަރީ 2023 09:19
0

ޕާކިސްތާނުގެ ފުލުހުންގެ އިމާރާތެއްގެ ތެރޭގައި ހުރި މިސްކިތަކަށް ނަމާދަށް މީހުން އެއްވެފައި އޮތް ވަގުތެއްގައި، ޖާނުން ފިދާވެގެން ދިން ހަމަލާއެއްގައި 38 މީހަކު މަރުވެ 150 މީހަކަށް އަނިޔާ ވެއްޖެއެވެ.

އޮފިޝަލުން މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި ޖާނުންފިދާވުމުގެ މި ހަމަލާގައި އެންމެ ގިނައިން އަނިޔާވެ އަދި މަރުވެފައި ވަނީ ފުލުހުންނަށެވެ.

ވަށާ ފާރު ރާނާފައި ހުންނަ މި ކޮމްޕައުންޑުގެ އެތެރެއަށް ޖާނުން ފިދާވި މީހާއަށް އެތެރެ ވެވުނު ގޮތެއް އަދި ސާފު ވެފައެއް ނުވެއެވެ. މި ތަނަކީ ޕާކިސްތާނުގެ ހުޅަނގު އުތުރުން އޮންނަ ޕެޝާވަރުގައި ހުންނަ ޕޮލިސް ހެޑްކުއާޓަރު ހުންނަ ތަންވެސްމެއެވެ. މިގޮތުން މިތަނަކީ ސަރުކާރުގެ އިތުރު އިމާރާތްތައް ހުންނަ، ހައި ސެކިއުރިޓީ ޒޯންއެއްވެސްމެއެވެ.

ޕާކިސްތާން ތާލިބާންގެ ކޮމާންޑަރު ސަރުބަކަފް މުހަންމަދު ވަނީ އެ ޖަމާއަތުން މި ހަމަލާގެ ޒިންމާ އުފުލާކަމަށް ބުނެފައެވެ. އެހެންނަވެސް، މިހަމަލާއާއި ގުޅޭ މައުލޫމާތެއް މި ޖަމާއަތުގެ އިސް ތަރުޖަމާން އަދި މިހާތަނަށް ހާމަ ކޮށްފައެއް ނުވެއެވެ.

ފާއިތުވެދިޔަ އަަހަރުގެ ނޮވެމްބަރުމަހު، ޕާކިސްތާން ތާލިބާނުން ސަރުކާރާ ދެމެދު ވެފައިވާ ސުލްހަ އުވާލުމަށްފަހު ހަނގުރާމަވެރިންގެ ހަމަލާތައް ވަނީ ޕާކިސްތާންގައި އިތުރު ވެފައެވެ. އެހެންނަމަވެސް މިއީ ފާއިތުވެދިޔަ އަހަރުތަކުގައި ޕާކިސްތާންގެ ސިފައިންނަށް އަމާޒުކޮށް ދީފައިވާ އެންމެ ނުރައްކާތެރި ހަމަލާއެވެ.

ޖާނުންފިދާވި މީހާ އަމިއްލަ ހަށިގަޑު މިއަދު ގޮއްވާލިއިރު، މިސްކިތުގައި 300 މީހުން، ނަމާދު ކުރުމަށްޓަކާ ވަނީ ޖަމާވެފައެވެ. އަދި އެވަގުތު އިތުރު އެތައް ބަޔަކު ދިޔައީ މިސްކިތަށް ޖަމާވަމުންނެވެ.

ލޯކަލް ޕޮލިސް އޮފިސަރަކު މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި ގިނަ ބަޔަކަށް އަނިޔާވެފައިވަނީ، ބޮމުގެ ހަމަލާއާއެކު މިސްކިތުގެ ފުރާޅު ވެއްޓުމާއި ގުޅިގެންނެވެ.

ޕާކިސްތާން ތާލިބާނުންނަކީ، ޓެހްރީކު އޭ ތާލިބާންގެ ގޮތުގައި މަޝްހޫރު ވެފައިވާ ޖަމާއަތެކެވެ. އަދި މި ޖަމާއަތަކީ އަފްއާނިސްތާން ތާލިބާންއާއި ވަރަށް ގުޅުން ބޮޑު ޖަމާއަތެއްވެސް މެއެވެ. ޕާކިސްތާން ތާލިބާނުން ދަނީ، ޕާކިސްތާންގައި އިސްލާމީ ޝަރީއާ ގާއިމް ކުރުމަށް ގޮވާލާ ފާއިތުވި 15 އަހަރު އެގައުމުގައި ހަނގުރާމަވެރި އަމަލުތައް ހިންގަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.