މިމަހުގެ 28 ވަނަ ދުވަހު ބޭއްވިގެންދިޔަ އެމްޑީޕީގެ ވާދަވެރި ރިޔާސީ ޕްރައިމަރީ ނިމުނުތާ 1 ދުވަސް ފާއިތުވެގެން ދިޔައިރުވެސް ނަޝީދުގެ އިތުރުން އެމަނިކްފާނުގެ ކެޕްމޭން ޓީމުވެސްގެ އެއްވެސް ޚަބަރެއް ނުވެ، ނަޝީދުވެސް ހަނު ހުންނަވަމުން ގެންދެވުމާއެކު، އެމްނިކުފާނުގެ ސަޕޯޓަރުންގެ މެދުގައި މިހާރުވަނީ ހާސްކަމާއި ކަންބޮޑުވުން އުފެދިފައެވެ.
ފާއިތުވެދިޔަ މަހެއްހާ ދުވަހު ކުރިޔަށްދިޔަ، ފޯރިގަދަ ކެމްޕޭނަށްފަހު، ބޮޑެތި ހަމަނުޖެހުންތަކާއެކު ބޭއްވިގެންދިޔަ އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުމުގެ ނަތީޖާ ވެގެންދިޔައީ ނަޝީދުގެ ސަޕޯޓަރުންގެ އިތުރުން ޕަރައިމަރީ ކާމިޔާބިޔާކުރި ރައީސް ސާލިހުގެ ކެމްޕޭންޓީމަށްވެސް ހައިރާން ކުރުވަނިވި ނަޖީޖާއަކަށެވެ.
އޭގެ އެއް ސަބަބަކަށް ވެގެން ދިޔައީ، ހީކުރިވަރަށްވުރެ ތަފާތު ބޮޑުކޮށް މިއިންތިޚާބުން ނަޝީދު ބަލިވެގެން ދިޔައިރު، ކުރިން ގިނަ ބަޔަކު ޖަހަމުންދިޔަ ހިސާބުތަކާއި ޚިލާފަށް، ޕްރައިމަރީގެ ވޯޓުން ބޮޑުތަފާތަކުންކުން ރައީސް ސާލިހަށް ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގެ އެމްޑީޕީގެ ޓިކެޓް ކަށަވަރުވެގެން ދިއުމެވެ.
އޭގެ އިތުރުންވެސް، މިމަހުގެ 28 ވަނަ ދުވަހު ބޭއްވިގެންދިޔަ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ވެގެން ގޮސްފައިވަނީ އެޕާޓީގެ ތާރީޚުގައި ބޭއްވުނު އެންމެ އާދަޔާ ޚިލާފް، އަދި އެންމެ ވާދަވެރި އިންތިޚާބު ކަމުގައިވެސް މެއެވެ. އަދި މިއިންތިޚާބަކީ، ރާއްޖޭގެ، ފާއިތުވި ޑިމޮކްރަސީގެ ކުރު ހަޔާތުގައި، ސިޔާސީ ޕާޓީއެއްގެ އެތެރޭގެ ބޭއްވުނު ވާދަވެރި އިންތިޚާބަކުން ރިޔާސީ ޓިކެޓް ކަށަވަރު ކުރެއްވިގެންދިޔަ ފުރަތަމަ އިންތިޚާބެވެ.
އަދި އެމްޑީޕީގެ ހަޔާތުން ފާއިތުވެދިޔަ 15 އަހަރުތެރޭވެސް ޕާޓީގެ އެންމެ އިސް ދެލީޑަރުން ޕާޓީގެ އެތެރެއިންވެސް އަދި ބޭރުންވެސް އެއް އިންތިޚާބެއްގައި ވާދަކުރި ފުރަތަމަ އިންތިޚާބަކީވެސް މި އިންތިޚާބެވެ. މިއީ ފާއިތުވި 15 އަހަރު ތެރޭ ދެފަހަރަށް އެމްޑީޕީ ވެރިކަމަށް އައިސްފައިވާއިރު، ވެރިކަމުގެ ދައުރެއް ފުރިހަމަކޮށް، ޖެހިޖެހިގެން ދެވަ ދައުރެއްގައި ވެރިކަން ކުރުމަށް އެޕާޓީއަށް ލިބިގެންދާ ފުރަތަމަ ފުރުސަތުވެސް މެއެވެ.

އެހެންކަމުން ވާދަވެރި އިންތިޚާބެއްގައި ވަދަކޮށް، މިއިންތިޚާބުން ރައީސް ސާލިހު ބޮޑު ކާމިޔާބީއެއް ހޯއްދަވާ ޕާޓީގެ ޓިކެޓް ކަށަވަރު ކުރައްވާފައިވާއިރު، އިންތިޚާބުގެ ކުރިންވެސް އަދި އޭގެ ފަހުންވެސް ގިނަ ބައެއްގެ ޝައުގުވެރިކަން ހުއްޓިފައިވަނީ، އިންތިޚާބުން ބަލިވެއްޖެނަމަ ނަޝީދު ނިންމަވާނޭ ނިންމެވުމަކަށެވެ.
ނަޝީދު ހަނު!
ނިމިދިޔަ ރިޔާސީ ޕްރައިމަރީގެ ކުރިން ބޭއްވުނު ކެމްޕޭން އެއްވުންތަކުގައާއި ބޭއްވެވި ޕްރެސް ކޮންފަރެންސްތަކުގައި، އެތައް ފަހަރެއްގެ މަތިން، ނަޝީދު ވިދާޅުވަމުން ގެންދެވީ އިންތިޚާބުން ބަލިވެދާނެ އެއްވެސް ހާލަތަކަށް ނުވިސްނަވާ ކަމުގައެވެ.
އަދި ގަދަ ބަސް ވިދާޅުވަމުން ގެންދަވާފައިވަނީ، ޖެނުއަރީ 28 އަށްފަހު ރައީސް ސާލިހު ވެގެންދާނީ އެއްވެސް ބާރެއް ނެތް ރައީސަކަށް ކަމަށާއި، ސަބަބަކީ އެދުވަހަށްފަހު އެމްޑީޕީގެ ރިޔާސީ ޓެކެޓް ރައީސް ސާލިހުގެ އަތްޕުޅުގައި ނޯންނާނެތީ ކަމުގައެވެ.
މިގޮތުން މިމަހުގެ ކުރީކޮޅު ހުވަދޫ އޮތޮޅަށް ކުރެއްވި ކެމްޕޭން ދަތުރު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެން މިމަހުގެ 12 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ނަޝީދާއި އެންމެ ގިނައިން އަމާޒުކުރި ސުވާލަކަށް ވެގެންދިޔައީ އިންތިޚާބުން ބަލިވެއްޖެނަމަ ދެން ހައްދަވާނީ ކިހިނަކުން ތޯއެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި އެކިއެކި ނޫސްވެރިން ތަކުރާރުކޮށް މިސުވާލު ކުރުމުންވެސް ނަޝީދު ދެއްވި ޖަވާބަކީ އިންތިޚާބުން ބަލިނުވާނެކަމަށާއި އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ.
އޮޕީނިއަން ޕޯލްސް އަޅުގަޑުމެންނަށް އެބަ ފެނޭ. އެތަން މިތަނުން. އެންމެ އޮޕީނިއަން ޕޯލެއްވެސް އަޅުގަޑަށް ދައްކަވާ އެހެން ގޮތަކަށް ނަތީޖާ ދައްކާފަ އޮއްވާ، އެންމެ އެންމެ ޚިޔާލު ހޯދުމުގެ އެއްވެސް ވޯޓެއް. އަދި އަޅުގަޑުމެން އެބަ ގެންދަން އަޅުގަޑުމެން އެކިއެކި ކޯލް ސެންޓަރުތައް މެދުވެރިކޮށްގެން މީހުންނާ ވާހަަކަ ދައްކަމުން. ހަމަ އެއްވެސް ތާކުންނެއް އެވިދާޅުވި ބަލި ފެންނާކަށެއް ނެތް. އަދި އަޅުގަޑުމެންގެ ކެމްޕޭން ޓީމުގެ އެއްވެސް މީހަކު ބޭނުމެއްވެސް ނޫން ބަލިވާ ވާހަކައެއްވެސް އަޅުމަޑުމެން ދައްކާކަށެއް.
ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވިއެވެ. އެހެންނަމަވެސް ޕްރައިމަރީގެ ކެމްޕޭންގައި ބައެއް ރަށްރަށް ކުރެއްވި ދަތުރުފުޅުތަކުގައި، އެމްޑީޕީގެ އާންމު މެމްބަރުންނާއި ބައްދަލުކޮށް ވާހަކަދައްކަވަމުން ނަޝީދު ވަނީ، އިންތިޚާބުން ބަލިވިޔަސް ރައީސް ސާލިހުގެ ފަހަތްޕުޅަށް ނާރުއްވާނޭ ކަމަށް ވިދާޅުވެފައެވެ.

ނަޝީދުއާއި ޚިލާފަށް ނިމިދިޔަ ޕްރައިމަރީގެ ވޯޓުން ބަލިވެއްޖެ ނަމަ ހުންނަވާނީ އެމްޑީޕީއާއެކީ ކަމަށް ރައީސް ސާލިހުވަނީ އެމަނިކްފާނު އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް ރައީސް ސާލިހުވެސް ކެމްޕޭންގައި ވިދާޅުވަމުން ގެންދަވާފައިވަނީ އިންތިޚާބު ތަފާތު ބޮޑުކޮށް ކާމިޔާބު ކުރައްވާނޭ ކަމުގައެވެ.
ކޮންމެއަކަސް، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ބަލިނުވާނެ ކަމަށް ގަދަބަސް ވިދާޅުވަމުން ގެންދެވިނަމަވެސް، ސަރުކާރުކާރަކާއި ދެކޮޅަށް ކުރައްވަން ޖެހިވަޑައިގެންނެވި ކެމްޕޭނަކުން ބަލިވެދާނެކަމަށް ނަޝީދު ހިސާބު ޖައްސަވަމުން ގެންދަވާފާނެކަމަށް ގިނަބަޔަކު ގަބޫލުކުރިނަމަވެސް، އިންތިޚާބުން ނުކުތް ތަފާތު ބޮޑު ނަތީޖާއަކީ، ޚުދު ނަޝީދަށްވެސް ލިބިވަޑައިގެންނެވި ބޮޑު ހައިރާން ކަމެއްގެ ގޮތުގައި މި "ބަލި" ގިނަ ބަޔަކަށް މިއަދު ސިފަކުރާން މަޖުބޫރު ވެފައިވަނީ، ނަތީޖާ އިއުލާން ކުރިތާ އެއް ދުވަސް ފާއިތުވެގެން ދިޔައިރުވެސް ނަޝީދު ހަނު ހުންނެވުމުންނެވެ.
ސަޕޯޓަރުން ހާސްކަމުގައި!
އިންތިޚާބުގެ ނަތީޖާއަށްފަހު ނަޝީދުގެ ކެމްޕޭން ޓީމުން، ނަތީޖާ ދިރާސާ ކުރަމުންދާކަން ހާމަ ކޮށްފައިވާއިރު، މި އިންތިޚާބުގައި މަކަރުހަދާ އޮޅުވާލާފައިވާކަމުގެ އެތައް ތުހުމަތެއް ނަޝީދުގެ ގާތް ބޭފުޅުންނާއި ސަޕޯޓަރުން ގެންދަވަނީ ކުރައްވަމުންނެވެ.
ނިމިދިޔަ އެމްޑީޕީގެ އެތެރޭގެ އިންތިޚާބަށްފަހު، ނަޝީދަށް ތާއީދުކުރަމުންދިޔަ އެމްޑީޕީގެ މެމްބަރުން ތުހުމަތު ކޮށްފައިވަނީ އިންތިޚާބުގައި ބޮޑެތި އޮޅުވާލުމާއި މަކަރު ހަދާފައިވާ ކަމުގައެވެ.
ޜައީސް ނަޝީދަށް ތާއީދުކުރާ 39000 މެމްބަރުން ޕާޓީން ބޭރުކޮށްް އަދި ބައެއް މެމްބަރުން އެކިޕާޓީތަކަށް އަރުވާލުމައްފަހު ބޭއްވި މި ހަޑިމުޑުދާރު އިންތިހާބު , ޑިމޮކްރަސީއަށް ލޯބިކުރާ އެއްވެސް ދިވެހި ރައްޔިތަކު ބަލައެއް ނުގަންނާނެ.
މިއީ ކޮރަޕްޝަނާ ފަސާދައިގެ ގުންޑާ އިންތިހާބެއް https://t.co/fxfOb86fHa— Ibrahim Rasheed (@BondeM4) January 28, 2023
މިގޮތުން ނަޝީދުގެ ކެމްޕޭން އޭޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރެއްވި، އެމްޑީޕީގެ ނަޝީދު ފެކްޝަނަށް ތާއީދު ކުރަމުންއަންނަ، ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަންލަތީފުގެ އިތުރުން ކެމްޕޭންގައި ހަރަކާތްތެރިވީ ގިނަ އިސް އޮފިޝަލުންވެސް ވަނީ، ރައީސް ސާލިހު އިންތިޚާބު ކާމިޔާބު ކޮށްފައިވަނީ މަކަރުހަދާ އޮޅުވާލައިގެން ކަމުގައި ތުހުމަތު ކޮށްފައެވެ. އަދި ނަޝީދުގެ ބައެއް ސަޕޯޓަރުންވަނީ އާ ޕާޓީއެއް ހެދުމަށްވެސް ނަޝީދަށް ގޮވާލާފައެވެ.
Make a party, we will all join you, and you will win, our democracy is in grave peril, you cannot let this man get away with this, please🙏🏾 @MohamedNasheed
— umay mohamed 🎈🇲🇻🇵🇸 (@umaymohamed) January 28, 2023
އޭގެ އިތުރުން ނަޝީދާއި ގާތްކަން އޮންނަ ބައެއް ފަރާތްތަކުންނާއި، ނަޝީދަށް ތާއީދުކުރާ ސޯޝަލް މީޑިއާގެ ވަސީލަތްތަކުން ފާޅުކޮށްފައިވާ ޝުޢޫރުތަކަށް ބަލާއިރު، ފާހަގަވާން އޮތް ކަމަކީ، ބަލި ގަބޫލުކޮށް، ރައީސް ސާލިހުގެ ފަހަތްޕުޅަށް އެރުމުގެ އެއްވެސް ވިސްނުމެއް އަދި ރޫހެއްވެސް ކެމްޕޭން ޓީމުގައި ނެތްކަމެވެ.
އޭގެ އެއް ސަބަބަކީ، ކުރެވިދިޔަ ކެމްޕޭންގައިވެސް ޑިމޮކްރަސީގެ އުސޫލު ގަބޫލުކޮށް، މޮޅުވާ މީހެއްގެ ފަހަތުގައި ހުންނޭނޭކަމަށް ވިދާޅުވެ، ޑިމޮކްރަސީގެ ހަމަޔާއި އުސޫލުން ނަޝީދު ކެމްޕޭންތެރޭގައި ވަހަކަ ދައްކަވާފައި ނުވާތީވެސްމެއެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން، ނިމިދިޔަ ވާދަވެރި އިންތިޚާބުގައި ބޮޑު ބައްޔަކުން ބަލިވެ ދިއުމުގެ އުދާހުގައި، ނަޝީދު ދެން ހައްދަވާނޭ ގޮތަކާއި މެދު ސަޕޯޓަރުން ތިބީ ކަންބޮޑު ވުމެއްގައެވެ. އަދި ޑިމޮކްރަސީއަށް ނުހަނު ލޯބި ކުރައްވާކަމަށް ވިދާޅުވާ، ޑިމޮކްރަޓިކް ޕާޓީގެ ރައީސް، ކުރެވިދިޔަ ކެމްޕޭންގައި ޑިމޮކްރަސީގެ ނަމޫނާއެއް ދައްކަފާވައި ނުވި ނަމަވެސް، ބަލި ގަބޫލު ކުރައްވާ، ޑިމޮކްރަސީގެ ނަމުނާއެއް ދައްކަވާފާނެތޯ ގިނަބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
ކޮމެންޓު ފޮނުވާ