ގްރީން ޕާޓީގެ ނަމުގައި ޖާބިރު އައު ސިޔާސީ ޕާޓީއެއް ހަދަނީ

ގްރީން ޕާޓީގެ ނަމުގައި ޖާބިރު އައު ސިޔާސީ ޕާޓީއެއް ހަދަނީ

Author
ޢަލީ އާދަމް
29 ޖެނުއަރީ 2023 03:03
0

ޑީއާރުޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވައިފިއެވެ.

ބައެއް މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ޖާބިރު ވިދާޅުވީ އޭނާ މިހާރު ޑީއާރުޕީގެ ލީޑަރުކަމުން އިސްތިއުފާ ދެއްވާފައިވާކަމަށެވެ. މިވަގުތު ޑީއާރުޕީ އުވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ކުރަމުން ގެންދާތީއާއި އަދި އެމައްސަލަ ކޯޓުގައި މިހާރު ހިނގަމުންދިއުމަކީ ޖާބިރު މިގޮތަށް ނިންމެވި ސަބަބުކަމަށް އޭނާ ވަނީ ބައެއް މީޑިއާތަކުގައި މިއަދު ވިދާޅުވެފައެވެ.

ޖާބިރު ވިދާޅުވެފައިވަނީ އޭނާގެ އާ ޕާޓީއަށް ކިޔާނީ ގްރީން ޕާޓީ އޮފް ދަ މޯލްޑިވްސް (ޖީޕީއެމް) ކަމަށެވެ.

ސިޔާސީ ޕާޓީއެއް ވުޖޫދުގައި އޮތުމަށް ސިޔާސީ ޕާޓީގެ ޤާނޫނު ލާޒިމުކުރާ 3،000 މެންބަރުން ހަމަކުރުމަށް ޑީއާރްޕީއަށް ގާނޫނުގެ ދަށުން ދެވުނު ތިން މަސް ދުވަހުގެ މުއްދަތު މިދިޔަ އޮކްޓޫބަރު 25 އަށް ހަމަވިއިރު 3،000 މެންބަރުން އެ ޕާޓީއަށް ހަމަވެފައިނުވާތީ އެޕާޓީ އުވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ވަނީ ފަށާފައެވެ.

އެޕާޓީ އުވާލަން ނިންމިއިރު އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޑީއާރުޕީގެ ޓިކެޓްގައި ވާދަކުރުމަށް އެޕާޓީގެ ލީޑަރު، ކާށިދޫ ދާއިތާގެ މެމްބަރު ޖާބިރު އޮތީ ނިންމަވާފައެވެ. އެހެންކަމުން ޑީއާރުޕީން ވަނީ މިމައްސަލަ ކޯޓަށް ހުށަހަޅާފައެވެ.

ޑީއާރުޕީއަކީ ރާއްޖޭގައި އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރި އެއް ޕާޓީއަށްވާއިރު އެޕާޓީގެ ފުރަތަމަ ރައީސަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމެވެ. ޑީއާރުޕީ ބައިބައިވެ މެމްބަރުން އެހެން ޕާޓީތަކަށް ބަދަލުވީ އެޕާޓީގެ އޭރުގެ ލީޑަރޝިޕްގައި އުފެދުނު ޚިޔާލް ތަފާތުވުންތަކުގެ ތެރެއިން ޕީޕީއެމްގެ އުފެދުނު ހިސާބުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.