އާ ސީޒަނަށް ކުލަބްތައް ތައްޔާރުވުން މެކުހަށް ޖަހާފަވާއިރު މަޝްހޫރު ގިނަ ކުޅުންތެރިންގެ ޓްރާންސްފާތައް ހުރީ ގާތްގަނޑަކަށް ހަމަޖެހިފަ އެވެ. ބައެއް ކުޅުންތެރިން ސޮއި ކޮށްފައި ނެތަސް ކުޅެނޭ ކުލަބުތައް ފައިނަލު ވެއްޖެ އެވެ. އެހެން ނަމަވެސް ގައުމީ ޓީމުގެ ކީޕަރު މުޙައްމަދު ފައިސަލް އަދިވެސް ކުޅޭނެ ކުލަބެއް ވަނީ ނުނިންމައެެވެ.
އާސީޒަން ފެށެން 25 ވަރަށްކަށް ދުވަހަށް ގާތްވެފައިވާއިރު ފައިސަލް އަދި ވެސް ހުރީ އޭނާގެ ރަށް އދ. ފެންފުށީގަ އެވެ. މިކަމާ ބެހޭ ގޮތުން ދަ ގްރާންޑޭގެ އޮފިޝަލަކު ބުނީ، ފައިސަލް ވަރަށް އަވަހަށް ކުލަބުން ފެންނާނެ ކަަމަށެވެ. ނަމަވެސް އޭނާ ޕްރެކްޓިހަށް ނުކުނާނެ ތާރީހެއް ބުނެފައެއް ނުވެއެވެ. ފައިސަލްއަށް ގުޅުމުން އޭނާ ބުނީ މިވަގުތު މިޑީއާ އާ ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށެވެ.
މިދިޔަ ސީޒަންގައި އޭނާ ކުޅުނީ، ފުރަތަމަ ޑިވިޝަންގައި މުޅިން އަލަށް ވާދަ ކުރި، ދަ ގްރާންޑޭ ސްޕޯޓްސް ކުލަބަށެވެ. ނަމަވެސް އެ ޓީމުގެ ޕްރެކްޓިހުން ފައިސަލްއެއް ނުފެނުނެވެ. އެހެން ކުލަބަކަށް ބަދަލުވީ ކަމަށް ބެލެވުނު ނަމަވެސް އެހެން ކުލަބެއްގެ ޕްރެކްޓިހުން ވެސް އޭނާ ނުފެނުނެވެ.
އެންމެ ފަހުން ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ކީޕަރު ވަނީ ވޮލީގައި ވެސް ހަރަކާތްތެރިވެފައެވެ. ރަށުފެންވަރުގައި ބާއްވަމުން އަންނަ ވޮލީ މުބާރާތްތަކުން ދޭތެރެ ދޭތެރެއިން އޭނާ ވަނީ ފެނިފައެވެ.
ފައިސަލް އަކީ ގައުމީ ފުޓްބޯޅަ ޓީމަށްވެސް މުހިންމު ކުޅުންތެރިޔެކެވެ. އޭނާ ވަނީ ވޯލްޑްކަޕް ކޮލިފައިންގައި ގައުމީޓީމުގައި ރަނގަޅު ކުޅުމެއްދައްކާފައެވެ.