އަނިޔާގެ ސަބަބުން ހަފްތާއަކަށް އިބްރަހިމޮވިޗް ކުޅުމާ ދުރަށް

އަނިޔާގެ ސަބަބުން ހަފްތާއަކަށް އިބްރަހިމޮވިޗް ކުޅުމާ ދުރަށް

ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭސީ މިލާނުގެ ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗް 10 ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އުމުރުން 39 އަހަރުގެ އިބްރަހިމޮވިޗަށް އަނިޔާވީ އިޓާލިއަން ލީގުގައި އާދީއްތަ ދުވަހުގެރޭ ނަޕޯލީ އަތުން 3-1 ން މިލާން މޮޅުވި މެޗުގައެވެ. ރިޕޯޓުތައް ބުނާ ގޮތުން އެ މެޗަށްފަހު ހޯމަ ދުވަހު ކުރި ޓެސްޓުން އިބްރަހިމޮވިޗުގެ އަނިޔާ އެހާ ސީރިއަސް ނޫން ކަމަށާއި، 10 ދުވަސް ފަހުން އޭނާ އިތުރު ޓެސްޓުތަކެއް ހަދާނެ ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.

އިބްރަހިމޮވިޗަށް އަނިޔާވިއިރު، އޭނާ އަންނަނީ މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މިހާތަނަށް މި ސީޒަނުގައި އޭނާ ވަނީ ކުޅުނު 10 މެޗުގައި 11 ލަނޑު ޖަހާފައެވެ. މީގެ ތެރެއިން 10 ލަނޑު އިބްރަހިމޮވިޗް ޖަހާފައިވަނީ އިޓާލިއަން ލީގުގައި ކުޅުނު ހަ މެޗުގައެވެ.

އިބްރަހިމޮވިޗަށް ލިބުނު އަނިޔާއާ ގުޅިގެން މި މަހު މިލާނުން ކުޅެން އޮތް ދެ މެޗެއް އޭނާއަށް ގެއްލޭނެއެވެ. އެއީ އަންނަ ބުދަ ދުވަހުގެރޭ ޔުއެފާ ޔޫރޮޕާ ލީގުގައި މިލާނުން ލިލްއާ ދެކޮޅަށް ކުޅޭ މެޗާއި، ލީގުގައި އަންނަ އާދީއްތަ ދުވަހު ފިއޮރެންޓީނާއާ ދެކޮޅަށް މިލާން ކުޅޭ މެޗެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *