ސައުންޑް ކްލައުޑްގެ އެކައުންޓްތައް ވެރިފައި ކުރަން ފެށިތާ 2 ހަފްތާ ނުވަނީސް، ދިވެހި ސައުންޑް ކަލައުޑް އެކައުންޓެއް ކަމަށްވާ ސިމްބޮލިކް ރެކޯޑްސް ވެރިފައި ކޮށްފިއެވެ.
މިކަން ފާގަކޮށް ސިމްބޮލިކް ރެކޯޑްސް އިން ކުރި ޓްވީޓެއްގައި ބުނީ ސައުންޑު ކްލައުޑުން މުޅި ދުނިޔެއިންވެސް އެންމެ ފުރަތަމަ ވެރިފައި ކުރި އެކައުންޓް ތަކުގެ ތެރޭ ސިމްބޮލިކް ރެކޯޑްސްގެ އެކައުންޓު ހިމެނުމަކީ ފަހުރެއް ކަމަށެވެ. އަދި މިއާއެކު ސައުންޑް ކްލައުޑްގެ ވެރިފިކޭޝަން ފާހަގަ ލިބުނު ފުރަތަމަ ދިވެހި އެކައުން ޓުގެ ޝަރަފް ސިމްބޮލިކް ރެކޯޑްސްއަށް ލިބިފައި ވާކަމަށް ސައުންޑް ކްލައުޑް ޓެގްކޮށް ކޮށްފައިވާ ޓްވީޓުގައި ބުނެފައި ވެއެވެ.
ސިމްބޮލިކް ރެކޯޑްސްގެ އެކައުންޓަކީ މީގެކުރިންވެސް ސައުންޑް ކްލައުޑްގެ އޮރެންޖް ތަރި ބެޖް ލިބިފައި ވާ އެކައުންޓެކެވެ. އެއީ ސައުންޑް ކްލައުޑްގެ ޕްރޯ އަންލިމިޓެޑް ސަބްސްކްރައިބަރުންނަށް ދޭ ބެޖެކެވެ. ނަމަވެސް ގިނަމީހުނަށް މީގެ ކުރިން ހީވެފައި އޮތީ އެއީ ސައުންޑް ކްލައުޑްގެ ވެރިފިކޭޝަން ބެޖް ކަމަށެވެ.
ސިމްބޮލިކް ރެކޯޑްސް، ސައުންޑް ކްލައުޑުން ވެރިފައި ކުރުމުން ގިނަ ބަޔަކު އަންނަނީ މަރުހަބާކިޔަމުންނެވެ. އެގޮތުން ޓްވިޓާއިން ސައުންޑު ކްލައުޑަށް މަރުހަބާ ދެންނެވި ބޭފުޅުންގެ ތެރޭ ޒުވާނުންނާއި ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވެސް ހިމެނިވަޑައިގަންނަވައެވެ.
Congratulations @SymbolicRecords ?? https://t.co/y3zBoZmCk4
— Ahmed Mahloof (@AhmedMahloof) November 24, 2020
ރާއްޖޭގައި އެންމެ ފުރަތަމަ ނެރުނު ހިޕްހޮޕް އަލްބަމްވެސް ނެރުނު ސިމްބޮލިކަކީ ރާއްޖޭގެ މިއުޒިކާއި ލަވައިގެ އިންޑަސްޓްރީއަށް އިންގިލާބެއް ގެނެސްދިން ބައެކެވެ. މި ގްރޫޕް ހާއްސަވެފައި ވަނީ ރެޕް އަދި ހިޕްހޮޕް މިއުޒިކަށެވެ.
ދުނިޔޭގެ މިއުޒިކް ސްޓްރީމިންގ އެންމެ ބޮޑު އެއް ޕްލެޓްފޯމް ކަމަށްވާ ސައުންޑް ކުލައުޑުން އާޓިސްޓުން ވެރިފައި ކުރަން ފެށީ މީގެ ހަފްތާއް ހާ ދުވަސް ކުރިން ނެވެ. އެގޮތުން އެންމެ ފުރަތަމަ ވެރިފައި ކުރި އާޓިސްޓުންގެ ތެރޭ ސައުންޑް ކްލައުޑް އުފެދުނީއްސުރެ އެ ޕްލެޓްފޯމްގައި އުޅޭ އެމެރިކާގެ މަޝްހޫރު ރެޕް އާޓިސްޓް ވިޒް ޚަލީފާ އާއި ޓްރިއްޕީ ރެއްޑްގެ އިތުރުން ލަވަކިއުން ތެރިޔާ ބިއްލީ އައިލިޝް ހިމެނެއެވެ.
ސައުންޑް ކްލައުޑަކީ ސޯޝަލް މީޑިއާ ޕްލެޓްފޯމް ތަކުގެ ތެރެއިން އެކައުންޓް ވެރިފިކޭޝަން އެންމެ ފަހުން ތައާރަފް ކުރި ޕްލެޓް ފޯމެވެ. ޓްވިޓާ، ޔޫޓިއުބް، ފޭސްބުކް، ޓިކްޓޮކް އަދި އިންސްޓަގްރާމް ފަދަ ޕްލެޓްފޯމް ތަކުން މި ހިދުމަތް މާކުރިން ވަނީ ފަށާފައެވެ.
ކޮމެންޓު ފޮނުވާ